ޢަލީ އިޙްޞާން ފިރާޤް
ޚަދީޖަތުގެފާނު، ލާމަސީލު ބޭކަނބަލެއް:
މުއައްރިޚުން ބަޔާން ކުރައްވާ ގޮތުގައި، خديجة ގެފާނަކީ، ނަސަބުފުޅުގެ ގޮތުންނާއި، މާތްކަމުގެ ގޮތުން އަރާ އިންނެވި ބޭކަނބަލެވެ. އުޅުއްވުން ހަރުދަނާ، ޚުލުޤުފުޅު ރީތި، ހިތްޕުޅުމަޑު މީސްތަކުންނަށް ރަޙުމްކުރައްވާ ބޭކަނބަލެކެވެ. އަރަހުށި މާތް الله سبحانه وتعالى، އެކަމަނާއަށް ވަނީ ވަރަށް ބޮޑު މުއްސަނދިކަމަކާއި ތަނަވަސްކަމެއް ދެއްވާފައެވެ. އެކަމަނާގެ މުދަލުގައި ބަރަކާތް ލައްވާފައެވެ.
خديجة ގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވެވަޑައިގެން މުޖުތަމައަކީ، ދީނީ ގޮތުންނާއި، އަޚްލާޤީ ގޮތުން އެއްވެސް ކަނފުޅެއްނެތް މުޖުތަމައުއެކެވެ. ފަސާދައާއި އަނިޔާތަކުން ފުރިފައިވާ މުޖުތަމައުއެކެވެ. އޭރުގެ ޢަރަބީން އަޅުކަން ކުރަމުންގެންދިޔައީ އެބައިމީހުންގެ އަމިއްލަ އަތްތަކުން ކޮށައި މަށައިގެން ހަދަމުން ގެންދިޔަ ހިލައިގެ ބުދުތަކަށެވެ. ހަޑިހުތުރު އެންމެހައި ކަމެއް ކުރުމަކީ ޝުހުރަތެއްކަމުގައި އެބައިމީހުން ދެކެމުން ގެންދިޔައެވެ. މައްކާގެ މުޖުތަމައުގެ މިދެންނެވި ނުސިޔާނުގެ ކަމުގެ އެއްވެސް ކިލަނބު ކަމެއްގެ ތެރޭގައި خديجة ގެފާނު އާއިލާ ޝާމިލުވެފައެއްނުވެއެވެ. އޭރުގެ މުޖުތަމައުގައި އާންމު ކަމެއްކަމުގައިވާ އަންހެންކުދީން ދިރި ތިއްބައި ވަޅުލުމުގެ ހުތުރު ފާފައިގައި خديجة ގެފާނުގެ އާއިލާ ބައިވެރިވެފައެއް ނުވެއެވެ.
ابن إسحاق ވިދާޅުވެފައިވެއެވެ. މައްކާގެ އަންހެނުންތައް އެއްފަހަރަކު ޢީދެއް ކުރުމަށްޓަކައި، ކަޢުބާގެ އަރިހަށް އެއްވެގެން އުޅުނެވެ. އޭރު ކަޢުބާގެ ވަށަވަށައިގެންވާ ހިސާބުތަކުގައި ވަނީ ބުދުތައް ބަހައްޓާ ފުރާލެވިފައެވެ. އެގޮތުން އެތަނުގައި ބެހެއްޓިފައިވާ އެންމެ ބޮޑު ބުދުގެ ނަމަކީ ހުބަލުއެވެ. އެބުދުގެ ވަށަވަށައިގެން ކުދިކުދި ބުދުތައް ބެހެއްޓިފައިވެއެވެ. އެދުވަސްވަރު ޙައްޖަށް އަންނަ މީސްތަކުން ކަޢުބާގެ ވަށައިގެން ޠަވާފު ކުރުމަށްފަހު، މި ބުދުތަކަށްވެސް ސަޖިދަކޮށް ދުޢާކޮށް ހަދައެވެ. ކޮންމެއަކަސް، މިދެންނެވި ޢީދުކުރުމަށް އެތަނަށް އެއްވެތިބި އަންހެނުންތަކަށް ބަލަން ޔަހޫދީންގެ މީހަކު ހުރެފައި އެބައިމީހުންނާ ދިމާއަށް ބުންޏެވެ.
"އޭ ޤުރައިޝުވަންހައިގެ އަންހެން ސާހިބުންނޭވެ. ތިޔަބައިމީހުންގެ ތެރެއަށް ރަސޫލަކު ފޮނުވުން ގާތްވެއްޖެއެވެ. ތިޔަބައިމީހުންގެ ތެރެއިން އެކަލޭގެފާނާ ކާވެނިކުރުމަށް ކުޅަދާނެވެއްޖެ މީހަކު އެކަލޭގެފާނާ ކާވެނި ކުރެވޭތޯ ބަލާށެވެ."
މި ޔަހޫދީކަލޭގެ ވާހަކަ އަޑުއަހައި އެއަންހެން މީހުން ވަރަށް އަޖާއިބު ވެއްޖެއެވެ. ބައެއް މީހުން ހީކުރީ އޭނާ އެހެން ބުނީ ސަމާސާއަކަށް ކަމަށެވެ. އެހެންކަމުން ބައެއް މީހުން އެ ޔަހޫދީކަލޭގެއަށް ސަމާސާކުރުމުގެ ގޮތުން ހަޅޭލަވައި، ކުދިކުދި ގާކޮޅުތައް އުކައި އުޅުނެވެ. خديجة ގެފާނު ފިޔަވައި އެތަނަށް އެއްވަފައިވާ އެންމެން އޭނާއާ ދިމާކޮށް އުޅުނެވެ. خديجة ގެފާނު ހަމަހިމޭންކަމާއެކު އެއްޗެއް ވިދާޅުނުވެ އިންނެވީއެވެ. ރިވާވެގެންވާ ގޮތުންގައި خديجة ގެފާނަކީ އެފަދަ އެއްވެސް ބޭނުމެއް ނެތްފަދަ ކަންތައްތަކުގައި ބަސްގިނަކޮށް ހައްދަވާ ބޭކަނބަލެއް ނޫނެވެ. މީގެ އިތުރުން خديجة ގެފާނަކީ ދުވަހަކުވެސް ބުދަތަކަށް ސަޖިދައެއް ޖެއްސެވި ބޭކަނބަލެއް ނުމެ ނޫންމެއެވެ.
ފަހުޒަމާނުގައި ރަސޫލަކު ފޮނުއްވާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ خديجة ގެފާނުގެ ކަންފަތްޕުޅަށް ބީރެއްޓެހި އަޑުފުޅެއް ނޫނެވެ. އިސްމާޢީލުގެފާނުގެ ދަރިފަސްކޮޅުން ނަބީބޭކަލަކު ވަޑައިގަންނަވާނެ ކަމުގެ ވާހަތައް އެކަމަނާވަނީ، އަޑު އައްސަވާފައެވެ. ޚުދު ورقة بن نوفل ގެ ފަރާތްޕުޅުންވެސް އެކަމަނާވަނީ އެވާހަކަތައް އަޑު އައްސަވާފައެވެ. ورقة بن نوفل އަކީ އޭރުގައި މައްކާގައި މީސްތަކުން ކުރަމުން ގެންދިޔަ ލަދުހުތުރު ފާފަތައް ވަރަށް ވަރުގަދައަށް މަނާކުރެއްވި އެކަކެވެ. އިބްރާހީމުގެފާނުގެ ދީންމަތީގައި ސާބިތުވެ ތިބުމަށް އޭނާ ވަރަށް ގިނައިން މައްކާގެ މީސްތަކުންނަށް ވަސިއްޔަތްކޮށް ހަދައެވެ. ގިނަ އިލާހުންތަކަށް އަޅުކަން ކުރުމުގެ ބަދަލުގައި އެއް އިލާހަކަށް އަޅުކަން ކުރުމަށް އޭނާ މައްކާގެ މީސްތަކުންނަށް ނަސޭހަތްތެރިވަމުން ގެންދެއެވެ. އެބައިމީހުންނަށް ބުދުތަކަށް އަޅުކަން ނުކުރުމަށް އަންގަމުން ގެންދިޔައެވެ.
ورقة بن نوفل ގެ ވަށައިގެންވާ މައްކާގެ މީސްތަކުންނަކީ އިބްރާހީމުގެފާނު ގެންނެވި ދީނަށް ފަރުވާ ބަހައްޓާ ބައެއް ކަމުގައި ނުވި ނަމަވެސް އޭނާ އިބްރާހީމުގެފާނުގެ ދީންމަތީގައި ސާބިތުވެ ހުރުމަށް ގަދަ އަޅައި މަސައްކަތް ކުރަމުން ގެންދިޔައެވެ. އެގޮތުން ރާބުއިމާއި، ޖުވާކުޅުންފަދަ ހުތުރު ކަންތައްތަކުން އެއްކިބާވެގެން ހުންނަވައެވެ. އޭނާގެ މިދެންނެވި ސުލޫކަށް خديجة ގެފާނު ވަރަށް ބޮޑަށް އިހްތިރާމު ކުރައްވައެވެ.
ورقة بن نوفل، އާ އެއްބައިވެ، އިބްރާހީމުގެފާނުގެ ދީނަށް ތަބާވެގެން އުޅުނު އަނެކަކަކީ، زيد بن عمرو بن نفيل އެވެ. زيد بن عمرو بن نفيل، ކަޢުބާގެ ހިޔަލުގައި އިންނަވައިގެން މައްކާގެ މީސްތަކުންނަށް އިބްރާހީމުގެފާނުގެ ދީނަށް ތަބާވެ އުޅުމަށް ނަސޭހަތް ދެއްވައި އުޅުއްވައެވެ. އަންހެންދަރީން ދިރިތިއްބައި ނުމެރުމަށް އޭނާ މައްކާގެ މީސްތަކުންނަށް ނަސޭހަތްދީ އުޅެއެވެ. މީހަކު އަންހެން ދަރިއަކު ވަޅުލަން އުޅޭ ޚަބަރު ލިބޭ އިރަށް، އޭނާ އެތަނަކަށް ގޮސް އެ އަންހެން ކުއްޖަކާ ހަވާލުވެއެވެ. އެމީހަކަށް ފައިސާދީ އެކުއްޖަކު އެމީހުންގެ އަތުން ގެނެގެން ގެންދެއެވެ. ورقة بن نوفل، އާއި، زيد بن عمرو بن نفيل އަކީ އެފަދަ ބޭއިންސާފާއި،އަނިޔާއިން މީހުން ދަފަރާ ކުރުމުގައި ހަރަކާތްތެރިވަމުން ގެންދާ ދެ މީހުންނެވެ.
زيد بن عمرو بن نفيل އަކީ، މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ގެ ދަރަޖަ މަތިވެރި ޞަޙާބީ ބޭކަލެއް ކަމުގައިވާ سعيد بن زيد رضى اللّـه عنه ގެ ބައްޕާފުޅެވެ. سعيد بن زيد رضى اللّـه عنه އަކީ، ދުނިޔޭގައި ހުންނަވަނިކޮށް، ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރައްވާފައިވަނީ زيد بن عمرو بن نفيل ޤިޔާމަތްދުވަހުން މަހުޝަރު ކުރައްވާނީ އެކަނި އެއް އުއްމަތެއްގެ ގޮތުގައެވެ.
ނުނިމޭ
ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.