ލޯބިވުމާ ޖަޒުބާތުގަޖެހުން ވަކިކުރާނެ ގޮތް!: އުފާވެރިކަން ނުލިބި ހިތްދަތިކަން އިޙްޞާޞްކުރަންޖެހެނީ ލޯބިވުމާ ޖަޒުބާތުގަ ޖެހުން އޮޅުވާލެވޭތީ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ލޯބިވުމާ ޖަޒުބާތުގަޖެހުން ވަކިކުރާނެ ގޮތް!: އުފާވެރިކަން ނުލިބި ހިތްދަތިކަން އިޙްޞާޞްކުރަންޖެހެނީ ލޯބިވުމާ ޖަޒުބާތުގަ ޖެހުން އޮޅުވާލެވޭތީ!: ބިލާލް އައްސަދު

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އަނެކާއަށް ރުހެވިއްޖެނަމަ އެއޮތީ ލޯބިވެވިފައި ކަމަށެވެ. ނަމަވެސް އެއީ ލޯބިވުމެއް ނޫނެވެ. އެއަށް ކިޔާނީ ހިތުގައި އުފެދޭ ޖަޒުބާތުތަކެވެ. ލޯބިވެގެން އުޅޭއިރު ސަމާލުކަން ނުދީފިނަމަ ކަންކަން އިންތަކުން ބޭރުވެގެންދަނީ އެހެންވެގެންނެވެ.  

ހިތުގައި ޙަޤީޤީ ލޯބި އުފެދޭނީ ކައިވެނިކުރުމަށްފަހުގައެވެ. ދެމީހުން އެކުގައި އުޅެންފެށުމުންނެވެ. އެކަކު އަނެކަކަށް ހެޔޮކޮށް ހިތައި އެކަކު އަނެކަކަށްޓަކައި ޤުރްބާނީތަކެއް ވެގެންނެވެ. ހިތުގައި ޙަޤީޤީ ލޯބި އުފެދެން ކައިވެންޏަށްފަހު 2،3 އަހަރުވެސް ނަގައިފާނެއެވެ.  

ކޮންމެއަކަސް މިހާރަކަށް އައިސް މިކަމަށް ސަމާލުކަން ދިނުން މިއޮތީ ކުޑަވެފައެވެ. އަމިއްލަ އެދުންތަކަށް ބޭނުންވުމަކީ ލޯބިވުން ކަމަށް މިވަނީ ހަދައިފައެވެ. ލޯބިވުމުގެ ޙަޤީޤީ މާނަ ގިނަ ބައަކަށް މިހާރު ނުވެސް އެނގެއެވެ. މިއީ ވަރަށް ދެރަކަމެކެވެ.  

ކައިވެނިކުރިނަމަވެސް އެކަކު އަނެކަކަށްޓަކައި ވާންޖެހޭ ޤުރްބާނީ ނުވާނަމަ އެއިގެ މާނައަކީ ލޯބިނުވެވެނީއެވެ. ލޯބިވާނަމަ އަނެކާއަށް ކުރިމަތިވާ ކޮންމެ ކަމެއްގެ އެއްކޮޅުގައި ހިފާނެއެވެ. އަނެކާ އެކަނި އެކަމުގެ ތެރެއަށް ދޫކޮށެއް ނުލާނެއެވެ! ކޮންމެ ޙާލެއްގައިވެސް އަނެކާއާއިއެކުގައިވުމަކީ އުފަލެއްކަމުގައި ދެކޭނެއެވެ.  

ތިމާއަށް އަނެކާ ކަމުދާނަމަ، އޭނާއަށް ރުހެވޭނަމަ ކުރިން މިބުނި ފަދައިން ޖަޒުބާތުގައި ނުޖެހޭށެވެ! އަވަހަށް ކައިވެނިކޮށް ކައިވެނީގެ ގުޅުމުގެ ތެރެއިން އަނެކާދެކެ ލޯބިވާން މަސައްކަތްކުރާށެވެ! އެގޮތަށް ކަންކަން ކުރެވޭނަމަ ނުކުންނަ ނަތީޖާ ވަރަށް ތަފާތުވާނެއެވެ. ލިބޭނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ވާހަކަފުޅަކުން

މިއަދު އޮންލައިން