ވަރަށް ގިނައިން ހަނދުމަކޮށްދެވޭ ކަމަކުން މިރޭވެސް ފަށާނަމެވެ. އެއީ އިބިލީހުގެ ބަހަށް ނުހެއްލި ޘާބިތުވެވޭ މީހުންނަށްވެސް އިންސީންގެ ތެރޭގައި ތިބި ޝައިޠޯނުންގެ މަޅިތަކުން ސަލާމަތް ނުވެވޭ ކަމެވެ. މިފަދަ ޝައިޠޯނުންގެ މަޅީގައި ގިނައިން ޖެހެވެނީ ކޮން ބައަކަށް ކަމަށް ބުނަން އުނދަގުލެވެ. ނަމަވެސް އެޝައިޠޯނުންގެ މަޅިގައި ޖެހެވޭ އަންހެނުން ގިނަވާކަން ފާހަގަކުރަންޖެހެއެވެ.
މިއީ ކަނބަލުންނަށް ބުނާ ދެރަބަހެއްވެސް ނޫނެވެ. ޒަމާންފަސްވަމުން އަންނަ ވަރަކަށް ހިނގާނެ ކަމެކެވެ. ކަނބަލުންނަށް އޮތީ އެކަމަށް ވިސްނައި ހޭލުންތެރިވެ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ. ނަޞީޙަތްދީ ބާރު މިއަޅަނީ އެކަމަށެވެ!
ވިސްނައި ހޭލުންތެރިކަން އިތުރުކުރަމާ ހިނގާށެވެ! އިންސާނުންގެ ތެރޭގައި ޝައިޠޯނުންވާކަން ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ އިންސާނެއްގެ ސިފައިގައި ހުންނަ ކޮންމެ މީހަކަށް އެއްވެސްކަމެއްގައި އިތުބާރުކުރުމެއް ނެތެވެ. އިތުބާރުކުރަންވާނީ އެމީހާގެ ޢަމަލުތަކުން އެމީހަކީ ތެދުވެރިއެއްކަމާއި ތިމާއަށް ދެރައެއް ނުދޭނެކަން ޘާބިތުވާ މީހުންނަށެވެ. ޚާއްޞަކޮށް ﷲ ތަޢަލާއަށް ބިރުވެތިވާ މީހުންނަށެވެ.
އެކަމުގެ ބައެއް ސަބަބުތައް މިކިޔައިދެނީއެވެ!
އަންހެން ކުދިން މަޅީގައި ޖައްސުވަން ބޭނުންވުމުން ބައެއް ފިރިހެނުން ކުރާ ކަންކަމުގެ ތެރޭގައި އިސްލާމް ދީން އެއްގޮތަކަށްވެސް ހުއްދަނުކުރާ ކަންކަން އެބަކުރެއެވެ. ހަމައެއާއިއެކު މުސްލިމަކު އަނެއް މުސްލިމެއްގެ ގާތުގައި ދައްކައިގެން ނުވާނެ ފަދަ ވާހަކަތައް އެބަދައްކައެވެ. ކަނޑައެޅިގެން އިބިލީސް ދައްކާނެ ވާހަކަތައް އެބަ ދައްކައެވެ.
"އަހަރެމެން އެކަންކުރާނީ (ޒިނޭކުރާނީ) ވަރަށް ސިއްރުންނެވެ. ސިއްރުންކުރާ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދުމުން ފުއްސަވައިދެއްވަވާނެތެވެ. އެއީ އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހޭ. ބިރުގަންނަންޖެހޭ ކަމެއް ނޫނެވެ. ސިއްރުން ކުރާ ކަންކަން ﷲ ސިއްރުކުރައްވަވާނެއެވެ!" މިފަދަ ބަސްތައް ވެސް އެބަ ބުނެއެވެ.
މިފަދަ ވާހަކަތަކަކީ ވަރަށް ބޮޑެތި ނުބައި އެކުލެވިގެންވާ ވާހަކަތަކެވެ. ފުރަތަމަ ކަމަކީ ފާފައެއް ކުރެވުމާއި ﷲ ތަޢާލާ ފާފަފުއްސަވައިދެއްވަވާނެ ކަމަށް މީހަކަށް ވިސްނައިދީގެން ފާފަތައް ކުރުވުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ. އުޑާ ބިމާހައި ތަފާތުކަންބޮޑު ދެކަމެކެވެ.
ދެވަނަ ކަމަކީ ފަހުން ތައުބާވުމަށް ހިތަށް އަރުވައިގެން ފާފަކުރުމަކީ އެމީހާގެ ކިބައިގައި އީމާންކަމެއް، ބިރުވެތިކަމެއް ނެތްކަން އަންގައިދޭ ކަމެކެވެ. ޒިނޭކުރުމުގެ ތެރޭގައި ނުވަތަ ޒިނޭކުރުމަށްފަހު ތައުބާ ނުވެވިގެން އުޅެނިކޮށް މަރުވެއްޖެނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟
ތިންވަނަކަމަކީ ﷲ ތައާލާ މިދުނިޔޭގައި މީސްތަކުންނަށް އެކަން ސިއްރުކުރެއްވެވި ނަމަވެސް އެކަން އެކަލާނގެ ދެކެދެނެވޮޑިގެންވެއެވެ. ކޮނޑުގައި ތިއްބަވާ މަލާއިކަތުން ވާނީ ލިޔުއްވަވައިފައެވެ. މުހިންމީ ދުނިޔޭގައި ބޭޒާރުވެ ފަޟީޙަތް ނުވުމެއް ނޫނެވެ. އާޚިރަތް ދުވަހު ހިސާބު ބެއްލެވުމުގައި ސަލާމަތްކަން ލިބި ނަރަކައިން ސަލާމަތްވެވުމެވެ.
ޢިލްމުވެރިން ބަޔާންކުރައްވަވާގޮތުގައި ޒިނޭ ނުކުރިނަމަވެސް ޒިނޭކުރަން ހިތަށް އެރުމަކީވެސް، އެކަމަށް ޝައުޤުވެރިވެވުމަކީވެވެސް ތައުބާވާންޖެހޭނެ ފާފައެކެވެ. އަދި ފާފަކުރަން އެހެން މީހަކަށް ދައުވަތުދިނުމަކީ ވެސް ތައުބާވާންޖެހޭނެ ބޮޑުވެގެންވާ ފާފައެކެވެ. އެއީ ޝައިޠޯނާ ކުރާ ކަމެކެވެ.
ލޮބުވެތިކަނބަލުންނޭވެ! މިކަންކަމަށް ހޭލުންތެރިވާށެވެ! އިންސާނެއްގެ ސިފައިގައި ހުރިނަމަވެސް އެއީ އިންސާނެއް ނަމަވެސް ފާފަކުރަން ދައުވަތުދޭނީ ޝައިޠޯނުންނެވެ. އެފަދަ މީހުން ހިމެނިގެންވަނީ އިންސާނުންގެތެރޭގައި ތިބި ޝައިޠޯނުންގެތެރޭގައެވެ. ވީމާ ފާފަކުރަން ދައުވަތުދޭ އެއްވެސް މީހަކާއި އެއްވެސް ގުޅުމެއް ނުބާއްވާށެވެ!
އެފަދަ މީހުންނަށް ބިރުވެތިވާށެވެ! އެއްވެސް ވަރަކަށް ރައްޓެހިކަންވެސް ނުބާއްވާށެވެ! ވާހަކަވެސް ނުދައްކާށެވެ! އޭނާ އެ މަސައްކަތްކުރަނީ ތިބާގެ އަތުގައި ހިފާ ދަމައި ގެންގޮސް ނަރަކައަށް އެއްލައިލާށެވެ! ވީއިރު އެއަށްވުރެ ނުބައިކަންބޮޑު މީހަކީ ކާކުހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން