ޤިޝާނަމާދަށްފަހު ކުރާ ތަރާވީޙްގައި ގިނަ ބައަކު ބައިވެރިވެއެވެ. އެމީހުންނަށް އޮތް އުފާވެރި ޚަބަރަކީ އިމާމްމީހާއާއި ބައިވެރިވެ އިމާމް މީހާ ނިންމަންދެން ފަހަތުގައި ނަމާދުކޮށްފި މީހަކަށް މުޅިއެރޭ ހަތަރުދަމު އަޅުކަންކުރިކަމުގެ ޘަވާބު ދެއްވަވާނެ ކަމެވެ.
ނަމަވެސް ޝަރުޠަކާއިއެކުގައެވެ. ފަރުޟް ނަމާދުތަކަށް ދޭވަރަށް ސަމާލުކަންދޭންވާނެއެވެ. އެހެން މިބުނަނީ ސުންނަތް ނަމާދެއް ނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ކުރެވުމުންނެވެ. ފަރުވާކުޑަކޮށްލައި ކަމަކަށް ކަމެއްކުރާ އުޞޫލުން ކުރާ ނަމާދު ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ރަމަޟާން މަހުގެ ރޭ އަޅުކަން މިސްކިތުގެ ޖަމާޢަތާ އެކުގައި އަދާކުރުމުގެ މާތްކަން-
ރަމަޟާން މަހުގެ ރޭ އަޅުކަން މިސްކިތުގެ ޖަމާޢަތާ އެކުގައި އަދާކުރުމުގެ މާތްކަމާ ބެހޭގޮތުން އަންނަނިވި ޞައްޙަ ޙަދީޘް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެފައި ވެއެވެ.
އަބޫ ޛައްރު رضي الله عنه ވިދާޅުވިއެވެ.
"ﷲގެ ރަސޫލާ صلى الله عليه وسلم އާ އެކުގައި ރަމަޟާން މަހެއްގައި ތިމަން ބޭކަލުން ރޯދަ ހިއްޕެވީމެވެ. އެ މަހުގެ (ކުރީކޮޅުގައި) އެއްވެސް ރެއެއްގައި އެކަލޭގެފާނު މީސްތަކުންނާއިގެން (ޖަމާޢަތުގައި) ރޭ އަޅުކަން ނުކުރައްވައެވެ. ފަހެ އެމަސް ނިމެން 7 ރެއަށް ވެފައި ވަނިކޮށް ތިމަން ބޭކަލުންނާ އެކުގައި އެ ރޭގެ ތިންބައި ކުޅަ އެއްބައި ނިމެންދެން (ޖަމާޢަތުގައި) ރޭއަޅުކަން ކުރެއްވިއެވެ.
ދެން (ޖެހިގެން އައި ރޭ) ރަމަޟާން މަސް ނިމެން 6 ރޭ އޮއްވާ އެކަލޭގެފާނު (ޖަމާޢަތުގައި) ރޭ އަޅުކަން ނުކުރައްވައެވެ.
އެމަސް ނިމެން 5 ރެއަށް ވެފައި ވަނިކޮށް ތިމަން ބޭކަލުންނާ އެކުގައި އެ ރޭގެ ދެބައި ކުޅަ އެއްބައި ނިމެންދެން (ޖަމާޢަތުގައި) ރޭއަޅުކަން ކުރެއްވިއެވެ.
ފަހެ ތިމަން ދެންނެވީމެވެ.
"އޭ ﷲ ގެ ރަސޫލާއެވެ! މި ރޭގެ ބާކީ އޮތް ބައިވެސް އަޅުގަނޑުމެންނާއިގެން (އިމާމުވެ) ރޭ އަޅުކަން ކޮށްދެއްވަންވީ ނޫންތޯއެވެ."
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«إِنَّ الرَّجُلَ إِذَا صَلَّى مَعَ الْإِمَامِ حَتَّى يَنْصَرِفَ حُسِبَ لَهُ قِيَامُ لَيْلَةٍ» [رواه أبو داود (1375) وصححه الألباني في صحيح أبي داود (5 / 120)]
މާނައީ: "ހަމަކަށަވަރުން އިމާމު ނިމެންދެން އޭނާއާ އެކުގައި ނަމާދުކޮށްފި މީހާ (އެ ރޭ އެއްކޮށް) ރޭ އަޅުކަން ކުރިކަމަށް ބެލެވޭނެއެވެ."
ދެން (ޖެހިގެން އައި ރޭ) ރަމަޟާން މަސް ނިމެން 4 ރޭ އޮއްވާ އެކަލޭގެފާނު (ޖަމާޢަތުގައި) ރޭ އަޅުކަން ނުކުރައްވައެވެ.
އެމަސް ނިމެން 3 ރެއަށް ވެފައި ވަނިކޮށް އެކަލޭގެފާނުގެ ޢާއިލާގެ ބޭކަލުންނާއި އަނބިކަނބަލުންނާއި މީސްތަކުން ޖަމާކުރައްވާފައި "ފަލާޙު" ފާއިތުވެދާނެކަމުގެ ބިރު ހީވަންދެން އެކަލޭގެފާނު ނަމާދުކުރެއްވިއެވެ.
ތިމަން ދެންނެވީމެވެ. (އެބަހީ: އަބޫ ޛައްރުގެ އަރިހުން މި ޙަދީޘް ރިވާކުރެއްވި ޖުބައިރު ބުން ނުފައިރު ދެންނެވިއެވެ.)
" "ފަލާޙު" އެއީ ކޮން އެއްޗެއް ހެއްޔެވެ؟"
(އަބޫ ޛައްރު) ވިދާޅުވިއެވެ.
"އެއީ ހާރެވެ. (އެބަހީ: އެއަށް ކިޔާ ނަމެކެވެ.)
ދެން އެމަސް ނިމެންދެންވެސް އެކަލޭގެފާނު (ރޭ އަޅުކަމުގެ ގޮތުގައި ޖަމާޢަތުގައި) ނަމާދު ނުކުރައްވައެވެ." "
ސުންނަތުގެ އެހެން ފޮތްތަކުގައިވެސް މި ޙަދީޘް ވަރަށް އެއްގޮތް ލަފްޒުތަކަކުން ވާރިދުވެފައި ވެއެވެ.
އެގޮތުން:
▫️ތިރްމިޛީގެ ރިވާޔަތުގައި ވެއެވެ. "ހަމަކަށަވަރުން އިމާމު ނިމެންދެން އޭނާއާ އެކުގައި ނަމާދުކޮށްފި މީހާއަށް އެ ރޭގެ ރޭ އަޅުކަން ލިޔުއްވިގެން ދެއެވެ." [سنن الترمذي (806)]
▫️އިބްނު މާޖާގެ ރިވާޔަތުގައި ވެއެވެ. "ހަމަކަށަވަރުން އިމާމު ނިމެންދެން އޭނާއާ އެކުގައި ނަމާދުކޮށްފި މީހާއަށް (މުޅި) ރޭގެ ރޭ އަޅުކަމާ އެކަން އެއްވަރުވެގެން ވެއެވެ." [سنن ابن ماجه (1327)]
▫️އިމާމު އަޙްމަދުގެ މުސްނަދުގައި ގެންނަވާފައިވާ ރިވާޔަތުގައި ވެއެވެ. "ހަމަކަށަވަރުން މީހަކު އިމާމު ނިމެންދެން އޭނާއާ އެކުގައި ނަމާދުކޮށްފިއްޔާ އެ ރޭގެ ބާކީބައިގައިވެސް އެމީހަކު ނަމާދުކުރިމަކަށް ބެލެވޭނެއެވެ." [رواه أحمد (21447)]