ހަމައެކަނި ކުޑަކުޑަ މިޢަމަލަށް ސަމާލުކަންދިނުމަކީވެސް ނަމާދުގަ ޚުޝޫޢަތްތެރިކަން އިތުރުވާނެ ކަމެއް! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ހަމައެކަނި ކުޑަކުޑަ މިޢަމަލަށް ސަމާލުކަންދިނުމަކީވެސް ނަމާދުގަ ޚުޝޫޢަތްތެރިކަން އިތުރުވާނެ ކަމެއް! އިން ޝާ ﷲ: މުފްތީ މެންކް

މިރޭވެސް ބުނެލަން އޮތީ ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ހަމަ ހުރެފައި ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. އެއީ އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ޙާޞިލުކުރެވެން އޮތް ކަމެކެވެ. ހަމައެއާއިއެކު ނަމާދުގައި ޚުޝޫޢަތްތެރިވެވޭނީ އެމީހެއްގެ ޢަމަލުތައް ސީދާކޮށް ﷲަތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިގެންނެވެ.

ކޮންމެއަކަސް އަހަރެމެން ކުރާ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރިހަމަ ގޮތުގައި ކުރަން މަސައްކަތްކުރަންވީ ނަމާދެވެ. އެހެނީ އަހަރެމެންގެ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ގުޅިފައިވަނީ ނަމާދާއިއެވެ.

ނަމާދު ނަމާދަކަށްވާނީ ނަމާދުގައި ޚުޝޫޢަތްތެރިވެވިގެންކަން އެންމެންނަށްވެސް އެނގޭނެއެވެ. އެކަމަށް މަސައްކަތްނުކުރެއެކޭ ބުނާކަށް ނެތީމެވެ. ނަމަވެސް ސުވާލަކީ މަސައްކަތްކުރެވެނީ ކހައިވަރަކަށް ހެއްޔެވެ؟ އެކަމަށް މަސައްކަތް ކުރަންވީ މިންވަރާއި ގާތަކަށްވެސް އެބަ ކުރެވޭ ހެއްޔެވެ؟

ކޮންމެ ނަމާދަކަށްވެސް މިފަށަނީ اللَّهُ أَكْبَرُ ކިޔަމުންނެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ! އިމާމް މީހާ اللَّهُ أَكْبَرُ ކިޔުމުން ފަހަތުން اللَّهُ أَكْبَرُ ކިޔައި ހަރަމް ބަންނައިރު މިކިޔުނީ ކޭކޭކަމާއިމެދު ވިސްނައިލެވޭހެއްޔެވެ؟

ވިސްނައިލެވޭ މީހުންގެ އަދަދު ބުނާކަށް ނުއެނގެއެވެ. ނަމަވެސް މިކިޔުނީ "އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވަނީ، އަދި އެންމެހައި ނިޢްމަތްތަކެއް މިންވަރު ކުރައްވަވަނީ، އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް" ކަމާއި އަހަރެމެން ހާޒިރުވެ މިތިބީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައިކަން، އަދި އަހަރެމެންނަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ހިތް މައްޗަށް ގެންނަނީ ހާދަހައި މަދު މީހެކެވެ.

މީސްތަކުންނޭވެ! ނަމާދުގައި اللَّهُ أَكْبَرُ ކިޔާ ކޮންމެ ފަހަރަކު މިކަންކަން ހިތްމައްޗަށް ގެންނަން ކޮންމެހެންވެސް ޖެހޭނެއެވެ. ތިމާ ނަމާދުކުރާ ގޮތާއި ނަމާދުގައި ހުރެ ތިމާގެ ހިތަށް އަރުވާ ކަންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާ ކަމާއި ކުރި ނަމާދަށް "މާކްސް" ދެއްވަވާނީ އެކަންކަމަށް ބައްލަވައިގެންކަން ހިތްމައްޗަށް ގެނެސްގެން ނަމާދު ކުރުމުން ނޫނީ ނަމާދު ނަމާދަކަށް ނުވާނެއެވެ.

އަބަދުވެސް ބުނާފަދައިން ނަމާދު ނަމާދުގެ ގޮތުގައި ކުރެވޭނީ ނަމާދުގައި ކިޔާތަކެތި ދަސްކޮށް ހިތްމައްޗަށް ގެނެސްގެން ނަމާދުކުރުމުންނެވެ. ނޫން ނަމަ ހަމަ ކުރެވޭނީ ޙަރަކާތްތަކެކެވެ. އެނގޭ ހެއްޔެވެ؟ ނަމާދުގައި ކިޔާތަކެތި ދަސްކޮށް ހިތްމައްޗަށް ގެންނަމުން ނަމާދުކުރުމަކީ ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްވުމަށްވެސް އޮތް އެންމެ ރަނގަޅު ޙައްލެވެ.

އަލްޙަމްދަކީ ކިހައި ރީތި، ފުރިހަމަ ކަލިމަތަކެއް ހެއްޔެވެ؟ އެކަންވެސް އިޙްޞާޞް ކުރެވޭނީ އަލްޙަމްދުގެ މާނަ އެނގިގެންނެވެ. ވީމާ މި ކިޔައިދިން ކަންކަމަށް ސަމާލުކަން ދީގެން ނަމާދު ކުރެވޭތޯ ގަދައަޅައި މަސައްކަތް ފަށާށެވެ! ނަމާދުގައި ޚުޝޫޢަތްތެރިވުމަށް މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ! އެކަމަށް އެދިގެން އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ފެށުމުން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން