އަޅުގަނޑު މަސައްކަތްކުރާ ތަނުން މުށާރަނުދޭތާ މަސްވެއްޖެއެވެ. ބުނަނީ މިވެނި އެވެނި ދުވަހަކުން ދޭނެ ކަމަށެވެ. ކޮންމެއަކަސް އެބުނާ މުސާރަދޭ ދުވަހަށް އިރުއަރާ ކަމަކށް ނުވެއެވެ.
އަޅުގަނޑުގެ ސުވާލަކީ މަސައްކަތްކުރުވާފަ ދޮގާމަކަރުހަދައި މުސާރަނުދީ ހިފެހެއްޓުމަކީ ކޮންކަހަލަކަމެއްތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެއީ ހަމަ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ތިރީގައިވާ ލިޔުމުން ޔަޤީންކުރެއްވޭނެއެވެ. އިން ޝާ ﷲ
އުޖޫރައަށް މަސައްކަތްކުރުމަކީ ހަމައެކަނި ދުވަހު މުސާރައަށް މީހުން ލައްވައި މަސައްކަތް ކުރުވުމެއްވެސް ނޫނެވެ. ކުރާ މަސައްކަތަށް އަގުދޭގޮތަށް މަސައްކަތްކުރުވުމާއި މަހުމުސާރައަށް މަސައްކަތްކުރުވުމަކީވެސް ހަމަ އުޖޫރައަށް މަސައްކަތްކުރުވުމެވެ. އުޖޫރަ ކިޔަސް މަހުމުސާރަކިޔަސް އެއީ ހަމައެކައްޗެކެވެ. އެއީ ކުރި މަސައްކަތުގެ އަގެވެ.
މިހާރަކަށް އައިސް މީހުން ލައްވައި މަސައްކަތްކުރުވުމަށްފަހު އުޖޫރަނުދިނުމަކީ ވަރަށް ގިނަބައަކު ކުރަމުން އަންނަ ކަމެކެވެ. އުޖޫރަދޭންޖެހުމުން އުޖޫރަ ހޯދަން ކޯޓަށްދާން ބުނާ މީހުންވެސް މަދެއް ނޫނެވެ. މިފަދަ މީހުން މި ޙަދީޘްފުޅަށް ވިސްނައިލާށެވެ!
"ﷲ ގެ ޙަޟްރަތުގައި އެންމެ ބޮޑެތި ފާފަތަކުގެތެރެއިންވެއެވެ. މީހަކާ އިނުމަށްފަހު އޭނާގެ ބޭނުން ފުދުމުން ވަރިކޮށް އޭނާގެ ރަން ގެންދާ މީހާ އާއި މީހަކު ލައްވައި މަސައްކަތެއް ކުރުވުމަށްފަހު އޭނާގެ އުޖޫރަނުދީ ދާ މީހާ އާއި ކުޅިވަރަކަށް ޖަނަވާރުމަރާ މީހާއެވެ." -ޙަދީޘް
ޙަދީޘްފުޅުގައި އޮތީ މަސައްކަތްކުރިމީހާގެ ގައިން ހިއްލާދައު އޮބިގެންނުދަނީސް އުޖޫރަދީ ނިންމުމަށެވެ.
ހަމަ އެއާއިއެކު ތިމާއަށް އުނދަގުލެއް ނުކުރާ ޖަނަވާރު، ކުޅިވަރަކަށް ހަދައި މެރުން ވެސް ވަނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައެވެ.
މީހަކާ އިނުމަށްފަހު އޭނާގެ ބޭނުން ފުދުމުން ވަރިކޮށް އޭނާގެ ރަން ގެންދާ (އަތުލާ) މީހުންގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. ހިތާމައަކީ މިފަދަ ޙަދީޘްފުޅުތަކަށް ނުބަލައި އެފަދަ ކަންކަން ކުރަމުން ގެންދާކަމެވެ. އެހައި އަނިޔާވެރިކޮށް ކަންކަން ކުރަނީ މާގިނަ ބައެއް ނޫނެވެ. މާނައަކީ އެގޮތަށް ކަންކަން ކުރަނީ މަދު މީހެކެވެ. މިޙަދީޘްފުޅުން އެނގިގެންމިދަނީ އެމަދު މީހުންވެސް އެކުރަނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ބޮޑުފާފައެއް ކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން