މިއަދު އެންމެ ބޮޑަށް ނެތެމުން މިދަނީ އެންމެ ގިނަ ބައަކަށް ސުވަރުގެ ވަދެވި ރަސޫލް (ޞޢޥ) އާއި އެންމެ އަރިއަހުގައިވެވޭނެ ޢަމަލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
މިއަދު އެންމެ ބޮޑަށް ނެތެމުން މިދަނީ އެންމެ ގިނަ ބައަކަށް ސުވަރުގެ ވަދެވި ރަސޫލް (ޞޢޥ) އާއި އެންމެ އަރިއަހުގައިވެވޭނެ ޢަމަލު!

މިދައްކަނީ އެންމެ ގިނަ ބައަކަށް ސުވަރުގެ ވަދެވޭ ވާހަކައެވެ. އަދި ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައި ވުމުގެ ވާހަކައެވެ. މިއީ ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ 2 ކަންތަކެވެ. މި މަތިވެރި ނިޢްމަތް ލިބިގަންނަން ކުރަންއޮތް މަސައްކަތްކުރުމަށް އެއްވެސް މަސައްކަތެއް ކުރާކަށްވެސް ނުޖެހެއެވެ. އެންމެ ފައިސާ ފޮތްޗެއްވެސް ހޭދަކުރާކަށްވެސް ނުޖެހެއެވެ.

އެހެންކަމާއިއެކުވެސް ގިނަވަމުން މިދަނީ އެމަތިވެރި ނިޢުމަތް ލިބިގަތުމަށް ދެކޮޅުހަދާ މީހުންނެވެ. އެއްވެސް ޚަރަދަކާއިނުލައި އަދި އެއްވެސް މަސައްކަތަކާއިވެސް ނުލައި ލިބެން އޮތްއިރުވެސް މެއެވެ. އަޑުއަހާށެވެ!

މީސްތަކުންގެ ތެރެއިން މިއަދު އެންމެ ބޮޑަށް ފުހެވެމުން މިދަނީ އެންމެ ގިނަ ބައަކަށް ސުވަރުގެ ލިބި، އެންމެ ގިނަ ބައަކަށް ރަސޫލް (ﷺ) އާއި އެންމެ އަރިއަހުގައިވެވޭނެ ޢަމަލެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ.

ރަސޫލް ﷺ އަށް ދެންނެވުނެވެ.

1 ކަލޭގެފާނުގެ އަރިއަހުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ ކާކުހެއްޔެވެ؟

ޖަވާބުގައި ޙަދީޘްފުޅުކުރެއްވެވިއެވެ. "އެންމެ ރިވެތި އަޚްލާޤް ލިބިގެންހުރި މީހާއެވެ."

2 ޤިޔާމަތް ދުވަހު ކަލޭގެފާނާއި އެންމެ އަރިއަހުގައިވާނީ ކޮންބައެއްތޯއެވެ؟

ޖަވާބުގައި ޙަދީޘްފުޅުކުރެއްވެވިއެވެ. "އެންމެ ރިވެތި އަޚްލާޤް ލިބިގެންތިބި މީހުންނެވެ."

3 އެންމެ ގިނަބައަކު ސުވަރުގެ ވައްދަވާނެ ޢަމަލަކީ ކޮބައިތޯއެވެ؟

ޖަވާބުގައި ޙަދީޘްފުޅުކުރެއްވެވިއެވެ. "ތަޤްވާވެރިކަމުގައި ކުރިއަރައިދިއުމާއި ރިވެތި އަޚްލާޤްމަތީގައި ދިރިއުޅުމުންނެވެ."

4 ޤިޔާމަތް ދުވަހު މީޒާނުގައި އެންމެ ބުރައެއްޗަކީ ކޮބައިތޯއެވެ؟

ޖަވާބުގައި ޙަދީޘްފުޅުކުރެއްވެވިއެވެ. "ރިވެތި އަޚްލާޤެވެ."

ދެން ނިކަން ބުނެބަލާށެވެ! ޙަދީޘްފުޅުން މިކަންކަން އެނގެންއޮތްއިރު ތަޤްވާވެރިކަމާއި ރިވެތި އަޚްލާޤަށްވުރެ މީހާއަށް މުހިންމުވެގެންވަނީ ކޮންކަމެއް ހެއްޔެވެ؟ ބުނެވެން އޮތީ ތަޤްވާވެރިކަން ހުރެފައި އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤް ހުރެއްޖެ ނަމަ ޙާޞިލު ނުކުރެވޭނެ އެއްވެސް ނިޢްމަތެއް، މަތީ ދަރަޖައެއް ނެތެވެ. އެހެނީ ސުވަރުގޭގައި ރަސޫލް ﷺ އާއިއެންމެ އަރިއަހުގައި ވުމަސްވުރެ މަތީ ދަރަޖައެއް ހަމަ އެކަކަށްވެސް ނުލިބޭނެއެވެ.

މީސްތަކުންނޭވެ! ރިވެތި އަޚްލާޤް ލިބިފައިވާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ބައެއްކަންކަންވެސް ފާހަގަކޮށްލާނަމެވެ.

"ހިތްހެޔޮކަން، ދީލަތިކަން، އެހެން މީހުންނަށް އިޙްތިރާމްކުރުން، މީސްތަކުން ދެކެ ލޯބިވުން، މީސްތަކުންނަށް އަޅައިލުން، އޯގާތެރިވުން، ތެދުވެރިކަން، އިތުބާރުހިފޭ މީހަކުކަމުގައިވުން، ވަޢުދުފުއްދުން، ބަސްމަގު ރިވެތިކުރުން، ރުޅި ކޮންޓްރޯލްކުރުން، ކުނިމޫނު ނުދެއްކުން،" ފަދަ އެތައް ކަންތައްތަކެއް ހިމެނިގެންވެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން