ފުރަތަމަ ކަމަކީ ސުވަރުގެ ވަންނަން ބޭނުންވެ އެކަމަށް އެދުން އޮތީ އެމީހަކު ދުނިޔޭގައި ހުރެއެވެ. މަރުގެ މަލާއިކަތާ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާތަން ފެނުމުން ސުވަރުގެ ވަންނަން ބޭނުންވިނަމަވެސް އެހިސާބުން އެފުރުޞަތު އެމީހަކަށްވާނީ ގެއްލިފައެވެ. ރޮއި އާދޭސްކުރިޔަސް އެކަން ބަދަލެއް ނުވާނެއެވެ.
ސުވަރުގެ ވަންނަން ދެކޮޅުހަދާ ބައަކީ ކޮންބައެއްކަން އެނގެން ބޭނުންހެއްޔެވެ؟ އެއީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކުރާ މީހުންނާއި ރަސޫލާ ﷺ ގެ ރަސޫލްކަން ޤަބޫލު ނުކުރާ މީހުންނެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ރަސޫލް ﷺ އާއިމެދު ކުށްތައް ހީކުރެވޭކަމުގައިވީނަމަވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތްގޮތް ބަލައިލަމާ ހިނގާށެވެ!
"ހަމަތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ހަމަކަށަވަރުން، ތިއަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިއަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ."
" ފަހެ، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. އެކަލާނގެ މެނުވީ (ޙައްޤު ވެގެން އަޅުކަމެއް ވެވޭ) އިލާހަކު) ނުވެއެވެ. ހަމައެކަނި އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލް ކުރައްވައިފީމެވެ. އެކަލާނގެއީ، ބޮޑުވެގެންވާ ޢަރުޝީ ގެ ވެރިރަސްކަލާނގެއެވެ."
(އައްތައުބާ: 128، 129)
އަޅުގަނޑުމެންނަށް ރަސޫލް ﷺ ގެ ސުންނަތަށް ދެކޮޅުހަދައި ދުރުހެލިވެވިދާނެއެވެ. އެކަމުން ހުރިހާ ގެއްލުމެއްވެސް ލިބޭނީ އެމީހަކަށްކަން މި ދެއާޔަތުން އެނގިގެންދެއެވެ. "..ފަހެ، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ..." އޮތް ބަސްފުޅުން އެނގިގެންދަނީ މީސްތަކުން ފުރަގަސް ދިނުމަކުން ﷲ ތަޢާލާއަށް އަދި ރަސޫލް ﷺ އަށް އެއްވެސް އުނިކަމެއް ނެތް ކަމެވެ. އަދި ﷲ ތަޢާލާ، ރަސޫލާ ﷺ އަށް އެންމެ މަތިވެރި ދަރަޖަ ދެއްވަވާނެ ކަމެވެ.
ދުނިޔޭގައި ތިބެ ސުވަރުގެ ވަންނަން ދެކޮޅުހެދި މީހުން ނޫން އެންމެން ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ. ސުވަރުގެ ވަންނަން އެއްވެސް މީހަކު ދެކޮޅު ހަދައިފާނެ ކަމަށް ބުއްދިއަށް ޤަބޫލުނުކުރެވުނު ނަމަވެސް އެފަދަ މީހުން ބައިވަރެވެ. އެކަން ދުނިޔޭގެ ކަންކޮޅުތަކުން އެހުރީ ހާމައަށް ފެންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން