ޢަލީ އިޙްޞާން ފިރާޤް
ޢުޘްމާނުގެފާނުގެ ޚިލާފަތު:
ޢުމަރުގެފާނު ޝަހީދުވުމަށްފަހު ދެން ޚަލީފާއަކަށް އިންތިޚާބުވެވަޑައިގެންނެވީ އަމީރުލް މުއުމިނީން ޢުޘްމާނު ރަޟިޔަﷲ ޢަންހުއެވެ. ޢުޘްމާނުގެފާނަކީ މާތް ރަސޫލާގެ ދަނބިދަރިކަލެކެވެ. އެކަލޭގެފާނު، މާތް ރަސޫލާގެ ދެ ދަރިކަނބަލަކާ ކާވެނިބައްލަވައިގެންނެވިއެވެ. އެއީ ރުޤައްޔަތުގެފާނާއި، އުއްމުކުލްޘޫމުގެފާނެވެ.
އަމީރުލް މުއުމިނީން ޢުޘްމާނު ޛިއްނޫރައިން ރަޟިޔަﷲ ޢަންހު ޚަލީފާއަކަށް އިންތިޚާބުވެވަޑައިގެންނެވީ ހިޖްރައިން 23 ވަނަ އަހަރުގައެވެ. ހިޖްރައިން 35 ވަނަ އަހަރު އެކަލޭގެފާނު ޝަހީދުކޮށްފުމަށް ދާންދެން ޚަލީފާކަމުގައި ހުންނެވިއެވެ. މީލާދީ ތާރީޚުން ބަލާނަމަ އެކަލޭގެފާނުގެ ޚަލީފާކަން ދެމި އޮތީ 644 ވަނަ އަހަރުން ފެށިގެން 656 ވަނަ އަހަރާ ހަމައަށެވެ.
ޢުޘްމާނުގެފާނުގެ ޚަލީފާކަމުގައި ހިނގި ބައެއް ކަންތައްތައް:
· އުތުރު އެފްރިކާ ފަތަޙަ ކުރެވުނީ ހިޖްރައިން 26 ވަނަ އަހަރުގައެވެ. މީލާދީ ތާރީޚުން 647 ގައެވެ.
· ސައިޕްރަސް ފަތަޙަ ކުރެއްވީ ހިޖްރައިން 28 ވަނަ އަހަރުގައެވެ. އެއީ މީލާދީން 649 ވަނަ އަހަރުގައެވެ.
· ދެވަނަ ފަހަރު ކީރިތި ޤުރްއާން ޖަމްޢުކުރެވުނީ ހިޖްރައިން 30 ވަނަ އަހަރުގައެވެ. މީލާދީން 651 ވަނަ އަހަރުގައެވެ.
· ޚުރާސާން ފަތަޙަ ކުރަން ފެއްޓުނީ ހިޖްރައިން 31 ވަނަ އަހަރުގައެވެ. މީލާދީން 651 ވަނަ އަހަރުގައެވެ.
· އިސްކަންދަރިއްޔާގެ މައްޗަށް މުސްލިމު ކަނޑު ސިފައިންގެ ލަޝްކަރު ކާމިޔާބު ހޯދީ ހިޖްރައިން 32 ވަނަ އަހަރުގައެވެ. މީލާދީން 652 ވަނަ އަހަރުގައެވެ.
· ބާޢީން މަދީނާއަށް އަރާ ނުހަނު އަނިޔާވެރިކަމާއެކު ޢުޘްމާނުގެފާނު ޝަހީދުކޮށްލީ ހިޖްރައިން 35 ވަނަ އަހަރުގައެވެ. މީލާދީން 656 ވަނަ އަހަރުގައެވެ.
ޢަލީގެފާނުގެ ޚަލީފާކަން:
ޢުޘްމާނުގެފާނު ޝަހީދުވުމަށްފަހު ދެން މުސްލިމުން ޚަލީފާކަން ލިބިވަޑައިގެންނެވީ އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުއަށެވެ. އެކަލޭގެފާނަކީ މާތް ރަސޫލާގެ ދެބެއިންގެ ދެދަރިބޭކަލެކެވެ. މާތް ރަސޫލާގެ ލޯފުޅުގެ ނޫރުފުޅުކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަނބަލުން ފާޠިމަތުގެފާނުގެ ފިރިކަލުންނެވެ.
ޢަލީގެފާނަށް މުސްލިމުންގެ ޚިލާފަތުގެ ލަގަން ލިބިވަޑައިގެންނެވި އިރު މުޅި އިސްލާމީ އުއްމަތް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. މަދީނާގެ ކޮންޓްރޯލް ނަގައިފައިވަނީ ބަޣީންނެވެ. އަނެއްކޮޅުން ޞަޙާބީންގެ ތެރެއިން ދަރަޖަމަތިވެރި ބޭކަލުން ޢުޘްމާނުގެފާނުގެ ލޭފޮދުގެ ބަދަލު ހިއްޕެވުމަށްޓަކައި ތެދުވެވަޑައިގެންފިއެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމީ އުއްމަތުގައި ކުރެވުނު އެންމެ ފުރަތަމަ ދާޚިލީ ހަނގުރާމަ ހިނގިއެވެ.
ޢަލީގެފާނު ޚަލީފާކަމުގައި ހުންނެވީ ހިޖްރައިން 35 ވަނަ އަހަރުން 40 ވަނަ އަހަރަށެވެ. މީލާދީ ތާރީޚުން އެއީ 656 ވަނަ އަހަރުން ފެށިގެން 661 ވަނަ އަހަރާ ހަމައަށެވެ.
ޢަލީގެފާނުގެ ޚަލީފާކަމުގައި ހިނގި ބައެއް ކަންތައްތައް:
· ޖަމަލު ހަނގުރާމަ ހިނގީ ހިޖްރައިން 36 ވަނަ އަހަރުގައެވެ. މީލާދީން 656 ވަނަ އަހަރުގައެވެ.
· ޞިއްފީނު ހަނގުރާމަ ހިނގީ ހިޖްރައިން 37 ވަނަ އަހަރުގައެވެ. މީލާދީން 657 ގައެވެ.
· ޢަލީގެފާނުގެ ޖަމާޢަތް ދޫކޮށް ޚަވާރިޖުން ނުކުމެގެން ދިޔައީ ހިޖްރައިން 37 ވަނަ އަހަރުގައެވެ. މީލާދީން 657 ވަނަ އަހަރުގައެވެ.
· ނަހްރުވާން ހަނގުރާމަ ހިނގީ ހިޖްރައިން 37 ވަނަ އަހަރުގައެވެ. މީލާދީން 657 ވަނަ އަހަރުގައެވެ.
ޢަލީގެފާނު ޝަހީދުކޮށްލީ ހިޖްރައިން 40 ވަނަ އަހަރުގައެވެ. މީލާދީން 661 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.