ޣައްޒާއަށް އެހީ އެތެރެކުރުން ހުއްޓުވާލުމަށް އިސްރާއީލުން ނިންމިނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޣައްޒާއަށް އެހީ އެތެރެކުރުން ހުއްޓުވާލުމަށް އިސްރާއީލުން ނިންމިނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޣައްޒާއަށް ހިއުމެނިޓޭރިއަން އެހީ އެތެރެކުރުން ހުއްޓުވާލުމަށް އިސްރާއީލު ސަރުކާރުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިއަދު (3 މާރިޗް 2024) ދިވެހި ސަރުކާރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ. އެގޮތުން އިސްރާއީލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށާއި، އެފަރާތް ޖަވާބުދާރީ ކުރުވުމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ގޮވާލާފައިވެއެވެ.

އަދި ހަމައެއާއެކު، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި މެދުކެނޑުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

މި ހަނގުރާމައިގެ ދާއިމީ ހައްލަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސްޓޭންޑް ސާފުކޮށްދެމުން، ސަރުކާރުން ފާހަގަކޮށްފައިވަނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެން ނޫނީ މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ނުލިބޭނެ ކަމަށެވެ.

ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ގުޅިގެން ދިވެހިރާއްޖެއިން ވަނީ ކުރިންވެސް އިސްރާއީލްގެ ޢަމަލުތައް ކުށްވެރިކޮށް، އެކަން ހުއްޓުވުމަށް ގޮވާލާފައެވެ. އަދި ފަލަސްޠީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ދަނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ތާއީދުކުރަމުންނެވެ.

މިއަދު އޮންލައިން