ސްޓެލްކޯއިން ގާތްގާތުގަ ދެބިލް ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށް! ފައިދާކުރާނެ ގޮތަށް ކަންކަން ކޮށްދޭން!: ފަހުމީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 37ސ
ސްޓެލްކޯއިން ގާތްގާތުގަ ދެބިލް ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށް! ފައިދާކުރާނެ ގޮތަށް ކަންކަން ކޮށްދޭން!: ފަހުމީ

ސްޓެލްކޯ އިން ގާތްގާތުގައި 2 ބިލް ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށް ކަމަށާއި އެކަންކޮށްފައިވަނީ ކަސްޓަމަރުންނަށް ފައިދާކުރާނެ ގޮތަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. 

ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް ކަމަށާއިސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންއަރުވާކަމަށެވެ. 

ފަހުމީ ވިދާޅުވީ ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން ސްތެލްކޯއިން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް ކަމަށާއި އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކައި ނިންމި ނިންމުމެއްކަމަށެވެ. އަދި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއްވެސް ނޫން ކަމަށައި ބިލްތަކުގެ ރީޑިންގ ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެކަމަށާއި މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް ކަމަށެވެ. 

ފަހުމީ ވިދާޅުވީ ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް ވަނީ 30 ދުވަހުގެ މުހުލަތެއްވެސް ދެވިފައި ކަމަށާއި މި ބިލް ފޮނުވުމުގެ މަގުސަދުތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުންވެސް ހިމެނޭ ކަމަށެވެ. 

"މީގެ ކުރިން މި ދެންނެވި ބެކްލޮގާއި އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް. އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު. މީގެ އިތުރުން މި ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑިލިވަރ ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިންގ އާއި މީޓަރާއި އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ." ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ފަހުމީ މިމައްސަލަ ތަފްޞީލްކޮސްދެއްވާފައި މިވަނީ މިސަރުކާރުގައި ސްޓެލްކޯގެ ޚިދުމަތްތަކަށް ބޮޑެތި ހެޔޮބަދަލުތަކެއް ގެނެސް ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަށް ކަންކަން ކުރަމުން ގެންދާތީ ޙަޤީޤަތް އޮޅުވާލަން ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާ ދޮގުވާހަކަތަކަށް ޖަވާބެއްގެ ގޮތުންކަން ފާހަގަކުރެވެއެވެ.

ރައްޔިތުންނަށް ހުރިހާ ކަމަކުންވެސް ލުއިފަސޭހަ ގޮތްތައް ހޯދައިދޭން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާ ނިންމެވުންތަކުގެ ފައިދާ ވީހާ އަވަހަކަށް ވީހާ ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތްކުރުމުގައި ސްޓެލްކޯއިން އަންނަނީ ނަމޫނާ ދައްކަމުންނެވެ. އެކަމުގެ ފައިޑާ ރައްޔިތުންނަށް އަންނަނީ ކުރަމުންނެވެ.

 

 

މިއަދު އޮންލައިން