އާރްޓީއެލް އިން ހިލޭ ދަތުރުކުރެވޭ ކާޑެއް ތަޢާރަފްކޮށްފައިވާކަމަށް ބުނެ ސްކޭމެއް ހިންގަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
އާރްޓީއެލް އިން ހިލޭ ދަތުރުކުރެވޭ ކާޑެއް ތަޢާރަފްކޮށްފައިވާކަމަށް ބުނެ ސްކޭމެއް ހިންގަނީ!

އާރްޓީއެލް ނިޒާމުގެ ތެރެއިން، ހިލޭ ދަތުރުކުރެވޭނެ ގޮތް މަގު ފަހިކޮށްދޭ ކާޑެއް ތަޢާރަފްކޮށްފައިވާކަމަށް ބުނެ އޮޅުވާލުމަށް ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އެމްޓީސީސީން އިއްޔެ އިންޒާރުދީފިއެވެ.

އާރްޓީއެލް މެދުވެރިކޮށް ތިން މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ދަނީ "ސްމާޓް ކާޑެއް" ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެމްޓީސީސީން ވިދާޅުވެފައިވަނީ މިއީ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި ހިންގަމުންދާ ސްކޭމެއް ކަމަށެވެ.

އެމްޓީސީސީން ދެއްވި މައުލޫމާތުގައި، މިއީ އެމްޓީސީސީ އާއި ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ. އަދި އެކުންފުނީގެ ފަރާތުން އައު ޚިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތަޢާރަފުކުރާނަމަ، އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން ކުންފުނީގެ ރަސްމީ މީސް މީޑިއާ އެކައުންޓުތަކުގައި އެކަމުގެ މަޢުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ މިފަދަ ލިންކުތަކަށް ސަމާލުވުމަށާއި އެފަދަ އެއްވެސް ފަރާތަކާއި ފައިސާގެ މުޢާމަލާތް ނުކުރުމަށް އެކުންފުނިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީގެ ބަޔާނުގައި ރައްޔިތުން އެކުންފުންޏަށް ކުރާ އިތުބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ނުޙައްޤުން ފައިސާ ހޯދުމަށް ކުރާ ނާތަހުޒީބު ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި އެމްޓީސީސީގެ ރަސްމީ ޗެނަލްތަކުން އަންނަ މައުލޫމާތުތަކަށް އެކަނި ބަރޯސާވުމަށް ވަނީ އާންމުންނަށް އިރުޝާދު ދެއްވާފައެވެ.

https://mtcc.mv/wp-content/uploads/2025/02/Press-Regarding-Scam.pdf

މިއަދު އޮންލައިން