އެމީހަކު އަމިއްލައަށް އެމީހަކަށް ދޭ ނުވަތަ އަމިއްލައަށް ލިބިގަންނަ އެންމެ ބޮޑު ގެއްލުން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
އެމީހަކު އަމިއްލައަށް އެމީހަކަށް ދޭ ނުވަތަ އަމިއްލައަށް ލިބިގަންނަ އެންމެ ބޮޑު ގެއްލުން އެނގޭތަ؟

އަހުރެން މިކަން ސިފަކުރާނީ އެމީހަކު އަމިއްލައަށް އެމީހަކަށްދޭ އެންމެ ބޮޑު ގެއްލުމުގެ ގޮތުގައެވެ. އެގޮތުން 2 ކަމެއް ފާހަގަކޮށްލާނަމެވެ. 

ފުރަތަމަ ކަމަކީ ދެއްކުންތެރިކަމުގެ ނިޔަތް ބާއްވައިގެން އަޅުކަން ކުރުމެވެ. އަޅުކަންކުރާއިރު ދެއްކުންތެރިކަމުގެ ނިޔަތް ޙައްރެއްގެ މިންވަރަށް އޮތަސް އެއަޅުކަން ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. 

ދެން ތަންކޮޅެއް ތަފްޞީލްކޮށް މިބަލައިލަނީ ދެވަނަ ކަންތަކަށެވެ. ތިމާގެ ސަބަބުން ތިމާއަށް އެސްފީނާ ޖެހުމެވެ. 

ތިމާގެ ސަބަބުން ތިމާއަށް އެސްފީނާ ޖެހެއެވެ. ގިނަބއަކަށް އެކަން ޤަބޫލުނުކުރެވިދާނެއެވެ. ނަމަވެސް މިއީ ޙަޤީޤަތެކެވެ. އެކަން މެދުވެރިވާ ގޮތްވެސް ކިޔައިދޭނަމެވެ. އިން ޝާ ﷲ 

ﷲ ތަޢާލާ ނިޢްމަތެއް ނުވަތަ ނިޢްމަތްތަކެއް ދެއްވެވުމުން އެކަންކަން ލިބުނު ގޮތް ހަނދާން ނެތެނީއެވެ. އެއީ ތިމާގެ އަމިއްލަ މޮޅުކަމުން ޙާޞިލުކުރެވުނު ކަންކަން ކަމުގައި ޤަބޫލުކުރެވެނީއެވެ. އެފަދަ ބަސްތައްވެސް ބުނެވެނީއެވެ. ޢަމަލުންވެސް އެކަން ދެއްކެނީއެވެ. 

އެގޮތަށް އެކަންކަން ޤަބޫލުކުރެވުމާއިއެކު ﷲ ތަޢާލާ އާއި ދުރަށް ޖެހިލެވެނީއެވެ. ދުރަށް ޖެހެން ބޭނުން ނުވިނަމަވެސް އެކަން އެގޮތަށް މެދުވެރިވެދާނެއެވެ. އެއީ އެޙާލަތުގައި ﷲ ތަޢާލާ އެމީޙަކާއި ދުރުހެލިވެވޮޑިގަންނަވާތީއެވެ. ﷲ ތަޢާލާ އެމީހަކާއި ދުރުހެލިވެވޮޑިގަތުމުން އެމީހެއްގެ މައްޗަށް ބާރުހިންގައި ގަދަވެގަންނަން ޝައިޠޯނާއަށް ފުރުޞަތު ލިބިގެންދާތީއެވެ. 

މިބަޔާންކުރި ކަންކަމަށް އެންމެ ބޮޑަށް ދަލީލު ލިބިގެންދާނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ ފިރުއަޢުނާއި ޤާރޫނުގެ ވާހަކަތަކުންނެވެ. ޤާރޫނު ބުނަމުން ގެންދިއައީ އެ ބޮޑޮޑު ތަނަވަސްކަން އޭނާއަށް ލިބުނީ އޭނާގެ ވިސްނުން ތޫނުވެފައި އޭނާގެ މޮޅުކަމުން ކަމަށެވެ. ފިރުއަޢުނަށް ޤަބޫލުކުރެވުނީ އޭނާއަށް ﷲ ތަޢާލާ ދެއްވެވި ބޮޑުވެރިކަމާއި ތަނަވަސްކަމާއި އާރާއި ބާރު ލިބިފައިވަނީ އޭނާގެ އަމިއްލަ މޮޅުކަމުން ކަމަށެވެ. 

ޤާރޫނާއި ފިރުއަޢުނުގެ އިތުރުންވެސް މިމޭރުމުން ވިސްނައި ބޮޑާވެ ގަތް ބައެއް މީހުންގެ ވާހަކަތައް ކީރިތި ޤުރްއާނުގައި ބަޔާންވެގެންވެއެވެ. ތަފްސީރު ޢިލްމުވެރިންވަނީ އެކަންކަން ވަރަށް ތަފްޞީލްކޮށް ބަޔާން ކުރައްވަވައިފައެވެ. ވީމާ އުނގެނި ޢިބްރަތް ޙާޞިލުކުރާށެވެ. އެފަދަ ނުބައި މީސްމީހުންގެ ނިމުން ކުރިމަތިކުރެއްވެވި ގޮތާއިމެދު ވިސްނާށެވެ. 

ވީމާ ނަޞޭޙަތަކީ ކޮންމެ ނިޢްމަތެއް ދެއްވެވުމުންވެސް އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ތިމާއަށް ލިބުނު ކަންކަން ކަމުގައި ޤަބޫލުކޮށް ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. ނިޢުމަތްތައް ގިނައިން ދެއްވަވާ ވަރަކަށް ޝުކުރުވެރިވުން އިތުރުކުރުމެވެ. ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން