ފިރިމީހާ ކަމަށްވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގަ ޖަވާބުދާރީވާން ނުޖެހޭނެ ސަބަބެއް ކަމަށް ހީވެސް ނުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ފިރިމީހާ ކަމަށްވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގަ ޖަވާބުދާރީވާން ނުޖެހޭނެ ސަބަބެއް ކަމަށް ހީވެސް ނުކުރާށެވެ!: މުފްތީ މެންކް

ފިރިމީހާ ކަމަށްވުމަކީ އޭނާ އަދާކުރަންޖެހޭ ދައުރު ރަނގަޅު ގޮތުގައި އަދާކޮށްފިނަމަ އެކަމަށް ޘަވާބާއި ދަރުމަ ލިބެން އޮތް ކަމެކެވެ. ނަމަވެސް ﷲ ތަޢާލާގެ އިންތަކުން ބޭރުވެވޭނަމަ އެކަމުގެ ޒިންމާވެސް އުފުލަންޖެހޭނެ ކަމެކެވެ. ނަމަވެސް ބައެއް މީހުންނަށް ބައެއް ކަންކަން ވަނީ އޮޅިފައެވެ.  

އެންމެ ފުރަތަމަ ބަލައިލަންވީ ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރުކުރުމުގައި ޢަމަލުކުރެވޭ ގޮތަށެވެ. މީހަކު ފެންނަނީއެވެ. ދެމީހުން ބައްދަލުކުރަނީއެވެ. ހިނިތުންވެލައި ވާހަކަކޮޅެއް ދައްކައިލަނީއެވެ. އެއަށްފަހު ދެން މި ސުވާލުކުރަނީ އޭނާ އާއި ކައިވެނި ނުކުރަންވީ ކީއްވެގެންހެއްޔެވެ؟ ނުވަތަ ކައިވެނިކުރަން ދަޢުވަތުދެނީއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އޭނާއަކީ މުސްލިމެއް ނަމަ ކައިވެނި ކުރެވިދާނެއެވެ. އެކަން މަނައެއް ނުކުރެއެވެ. ނަމަވެސް ކުރަންޖެހޭ ބައިވަރު ސުވާލުތައް އެބަހުއްޓެވެ. އޭނާގެ އަޚްލާޤާއި އޭނާ ﷲ ތަޢާލާއަށް ބިރުވެތިވާ ވަރާއި ކިޔަމަންތެރިވާވަރާއި ވާހަކަދައްކައި އުޅޭ ބަހުރުވައާއި ރާގު  ފަދަ އެތައް ކަމެކެވެ.  

އޭނާ އާއި ކައިވެނިކުރީއެވެ. ކައިވެނިކުރެވި އެކުގައި ދިރިއުޅެންފަށާއިރަށް ފިރިމީހާއަށް މިހީވަނީ ތިމާއަކީ ގޭގެ ވެރިޔާކަމަށެވެ. ބޭނުން ކޮންމެ ބަހެއް ބުނެވޭނެ ކަމަށާއި ބޭނުން ކޮންމެ ޢަމަލެއް ކުރެވޭނެ ކަމަށެވެ. އެންމެ ނުބައި ބަހުރުވައިން މުޚާޠަބްވެސް ކުރެވޭނެ ކަމަށެވެ. ތިމާ ޖަވާބުދާރީވާންޖެހޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.  

މިއީ ކޮންފަދަ ނުބައި ވިސްނުމެއް ހެއްޔެވެ؟ ފިރިމީހާ ކަމަށްވުމުން އެމީހަކު ކުރާ ކަންކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ނުޖެހޭނެކަމަށް ބުނީ ކާކުހެއްޔެވެ؟ އެކަން އޮތީ ކޮން އާޔަތެއްގައި ނުވަތަ ޙަދީޘްފުޅެއްގައި ހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފިރިމީހާކަމަށްވީނަމަވެސް އަދި އެހެންމީހަކު ކަމުގައިވީނަމަވެސް އެމީހަކު ކުރި ކިތަންމެ ކުޑަ ޢަމަލަކަށްވެސް އަދި ބޮޑު ޢަމަލަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ޖެހޭނީ ހަމަ ޖަވާބުދާރީވާށެވެ! އެހެން މީހަކަށް އަނިޔާވެރިވެ ނުބައި ބަސްތައް ބުނެ ހިތުގައި ޖައްސުވާފައި ސަލާމަތެއް ނުވެވޭނެއެވެ.  

އަހަރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އަޅުންނެވެ. ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ އެމީހަކު ކުޅަ ޢަމަލަކަށް ޛިންމާވާންޖެހޭނެ ގޮތަށެވެ. ވީމާ އެކަމުން އިސްތިސްނާވެގެންދާނެ ހަމައެކަކުވެސް ނުހުންނާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން