ޚަދީޖަތުގެފާނު 4: ޚަދީޖަތުގެފާނު ވިޔަފާރީގެ މައިދާނުގައި-

ކިޔުމަށް ހޭދަވާނީ 4މ 25ސ
ޚަދީޖަތުގެފާނު 4: ޚަދީޖަތުގެފާނު ވިޔަފާރީގެ މައިދާނުގައި-

ޢަލީ އިޙްޞާން ފިރާޤް

 

ވިޔަފާރީގެ މައިދާނުގައި:

ސީރަތުގެ ޢިލްމުވެރިންނާއި، މުއައްރިޚުން ލިޔުއްވާ ގޮތުގައި، خديجة ގެފާނަށް އެކަމަނާގެ ބަފައިކަލުންނާއި، އާއިލާގެ ފަރާތުންވަނީ ވަރަށް ގިނަ އަދަދެއްގެ މުދާ ވާރުތައިން ލިބިވަޑައިގެންފައެވެ. މިދެންނެވި މުދާތައް އިންވެސްޓު ކުރައްވައިގެން އެކަމަނާއަކީ ވަރަށް ބޮޑު ވިޔަފާރިއެއް ކުރައްވަމުން ވަޑައިގަންނަވާ ބޭކަނބަލެކެވެ. 

އެ ދުވަސްވަރު، ޔަމަންކަރައާއި،ޝާމުކަރައަކީ ވިޔަފާރީގެ މައި ދެ މަރުކަޒެއް ކަމުގައިވަނީ ވެފައެވެ. ހޫނު މޫސުމުގައި، ޤުރައިޝުން ވިޔަފާރި މުދަލާއިގެން ދަތުރުކުރަނީ ޝާމުކަރައިގެ ބުޝްރާއަށެވެ. ބުޝްރާއަކީ، ދިމިޝްޤުގެ 140 ކިލޯ މީޓަރު ދުރުގައި އޮންނަ ރަށެކެވެ. عمان އާއި ޤުދުސްގެ ކައިރީގައި އޮންނަ ރަށެކެވެ.  ބުޝްރާގެ ހިތްފަސޭހަ އާބުހަވާގެ ސަބަބުން، ހޫނު މޫސުމުގައި ދުނިޔޭގެ ކަންކޮޅުތަކުން ފިޔަފާރިވެރިން ބުޝްރާއަށް ޖަމާވެއެވެ. ޤުރައިޝުންވެސް ބުޝްރާއަށް އައިސް އެބައިމީހުންގެ ސަރަޙައްދުގައި ގެންގުޅޭ ވިޔަފާރި މުދާ ވިއްކައި، އޭގެ ބަދަލުގައި އެހެން ޤައުމުތަކުން ގެންނަ ބާވަތްތައް ގަނެ ހަދައެވެ. 

ފިނި މޫސުމުގައި، ޝާމުކަރައިގެ އާބުހަވައަކީ ޢަރަބީންފަދަ ހޫނު ބިންތަކުގައި އުޅޭ މީސްތަކުންނަށް ކެތްކުރަން ދަތިވާފަދަ ފިނި ޖައްވެއް ލިބިފައިވާ ތަނެކެވެ. ނަމަވެސް ޔަމަންކަރައަކީ، ފިނިހޫނު މިނުގެ ގޮތުން ބަލާއިރު ހިތްގައިމު އާބުހަވާއެއް ލިބިފައިވާ ތަނެކެވެ.  އެހެންކަމުން، ފިނި މޫސުމުގައި މައްކާގެ ޢަރަބީން ވިޔަފާރި ޤާލިފާއާގެން ދަތުރުކޮށް އުޅެނީ ދެކުނަށެވެ. ޔަމަނު ކަރައަށެވެ.  ކީރިތި ޤުރްއާނުގެ ޤުރައިޝު ސޫރަތުގެ ފުރަތަމަ އާޔަތާއި ދެވަނަ އާޔަތުގައި އަރަހުށި މާތް ވަޙީ ކުރައްވާފައިވެއެވެ.

لِإِيلَافِ قُرَيْشٍ ﴿١﴾ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ ﴿٢

މާނައީ:" قريش ވަންހައިގެ މީހުން އެކުވެރިކުރެއްވި ކަމަށްޓަކައެވެ. ފިނި މޫސުމާއި ހޫނު މޫސުމުގެ ދަތުރުގައި އެއުރެން އެކުވެރިކުރެއްވި ކަމަށްޓަކައެވެ" 

ވިޔަފާރި ކުރުމަކީ ޢަރަބީން އާމުދަނީ ހޯދުމަށްޓަކައި ކުރަމުން ގެންދާ މައިގަނޑު މަސައްކަތެވެ. ޢަރަބީންގެ ތެރޭގައި ތިބި ބޮޑެތި މުދާވެރި މަހުޖަނުން އެބައިމީހުންގެ މުދާތަކުން ވިޔަފާރި ކުރުމަށް މުޟާރަބާގެ އުސޫލުން މީހުންނާ ޙަވާލުކޮށް ވިޔަފާރި ކުރުމަށް ޝާމުކަރައަށާއި ޔަމަނުކަރައަށް ފޮނުވައެވެ. ޚާއްޞަ ގޮތެއްގައި މުޟާރަބާގެ އުސޫލުން ވިޔަފާރިކޮށް އުޅެނީ އެ ޒަމާނުގައި މުދާވެރި އަންހެނުންނެވެ. خديجة ގެފާނުވެސް އެކަމަނާގެ މުދަލުން ވިޔަފާރިކުރައްވަނީ މުޟާރަބާގެ އުސޫލުން މީހަކާ މުދާ ޙަވާލުކުރައްވައި ފޮނުވައިގެންނެވެ. އެކަމަނާއަށް ވިޔަފާރި ޤާލިފާއާއެކު ވަޑައިގެން ވިޔަފާރީގެ ކަންތައްތަކުގައި ޝާމިލުވެވަޑައިގެން ނޫޅުއްވޭ ކަމުގެ ސަބަބުންނެވެ. އަރަހުށި މާތްﷲ خديجة ގެފާނުގެ ވިޔަފާރީގައިވަނީ ބަރަކާތްލައްވާފައެވެ. އެކަމަނާގެ ވިޔަފާރިއަކީ، ކާމިޔާބު ވިޔަފާރިއެއް ކަމުގައި ލައްވާފައެވެ. ނުފޫޒުގަދަ،މުއްސަނދި ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން خديجة ގެފާނު އަބަދުވެސް ގެންދެވީ އެކަމަނާގެ މުދަލާއިގެން ފޮނުއްވާނެ ހަރުދަނާ، ޚުލުޤުވެރި، ތެދުވެރި އަމާނާތްތެރިއަކު ހޯއްދަވަމުންނެވެ. 

ނަބިއްޔާ ވިޔަފާރީގެ މައިދާނުގައި: 

މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم  އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ، ބަކަރި ހުއިހެއްޕެވުމުގެ މަސައްކަތްޕުޅެވެ. އޭގެފަހުން އެކަލޭގެފާނު، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅާއި، އެހެންވެސް އެކަލޭގެފާނުގެ ގާތްތިމާގެ ބޭފުޅުންނާއެކު ވިޔަފާރީގެ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަން ނަވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުން ވިއްސަކަށް އަހަރުފުޅުގައި، އަލްއަމީންގެ މަތިވެރި ލަޤަބުފުޅުން އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފިއެވެ. ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ވިޔަފާރިވެރިއަކަށް ވެވަޑައިގެންފިއެވެ. 

ވިޔަފާރިވެރިންނަކީ،އަބަދުވެސް އެބައިމީހުންގެ ވިޔަފާރި ފުޅާކޮށް ކުރިއަރުވަން މަސައްކަތް ކުރަމުން ގެންދާ ބައެކެވެ.އެފަދަ ގޮތްތައް ހޯދާ ބަލަމުން ގެންދާ ބައެކެވެ. ވިޔަފާރިވެރިން އަބަދުވެސް ބަލަމުންގެންދަނީ އެބައިމީހުންގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި، ތެދުވެރިން އަމާނާންތެރި މީހުންނަށެވެ. ނަމަވެސް،މިދެންނެވި ސިފަތަކުގެ ވެރިންނަކީ،ދުނިޔޭގެ ކޮންމެތަނަކުވެސް ނުވަތަ ކޮންމެ ޒަމާނެއްގައިވެސް އިނގިލި ކުރިން ގުނާލެވޭ ފަދަ މަދު ބަޔެކެވެ. خديجة ގެފާނުވެސް އޭރު ގެންދެވީ މިދެންނެވި ސިފަތަކުގެ ވެރިއަކު އެކަމަނާގެ ވިޔަފާރީގައި ބައިވެރި ކުރުމަށްޓަކައި ހޯއްދަވަމުންނެވެ. އެގޮތުން އެކަމަނާގެ ބެއްލެވި ބެއްލެވުމުން އެކަމަނާއަށް އެންމެ ފާހަގަ ކުރެވޭ ޝަޚްޞިއްޔަތަށް ފެނިވަޑައިގެންނެވީ ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم  އެވެ.

ނުނިމޭ 

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.

 

 

 

 

 

މިއަދު އޮންލައިން