ހެވިފައި ތިބެގެން ގެއިން ނުކުތް ނަމަވެސް އެނބުރި ގެއަށް ނުވަދެވޭ މީހުން ބޮޑުތަނުން ގިނަވާއިރުވެސް މަރާއިމެދު އެބަ ވިސްނައިލެވޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ހެވިފައި ތިބެގެން ގެއިން ނުކުތް ނަމަވެސް އެނބުރި ގެއަށް ނުވަދެވޭ މީހުން ބޮޑުތަނުން ގިނަވާއިރުވެސް މަރާއިމެދު އެބަ ވިސްނައިލެވޭ ހެއްޔެވެ؟

އޮފީހަށްދާން ނަމަވެސް ކުޅިވަރުކުޅެން ނަމަވެސް އަދި އެކުވެރިންނާއިއެކު މަޖާކޮށްލަން ނަމަވެސް ގިނަ ބައަކު ގެއިން ނުކުންނަނީ އުފަލުން ހެވިފައި ތިބެއެވެ. އެކަމަކު އެނބުރި ގެއަށް ނުވަދެވޭ މީހުން ގިނަވަނީއެވެ.  

އެމީހުން ގެންދެވެނީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން ބުނަނީ ގެނެވުނުއިރުވެސް މަރުވެފައިވާ ކަމަށެވެ. އަނެއްބައި ފަހަރު ފަރުވާދެމުން ދަނިކޮށް މަރުވަނީއެވެ. ދެން ގެންދެވެނީ ސަޙަރާއަށެވެ. ހިނަވައި ކަފުންކޮށް ސަންދޯކުއަޅައި ކަށުނަމާދުކޮށް ވަޅުލެވެނީއެވެ.  

އެންމެ ފަހުގެ ވަޞިއްޔަތް ކޮށްލުމުގެ ފުރުޞަތުވެސް ނުލިބެއެވެ. މަރުމަތީގައި ޝަހާދަތް ކިޔައިލެވުނުކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

ކުރަންހުރި ސުވާލުތައް ބައިވަރެވެ. މިފަދަ ކަންކަމަށް އެބަ ވިސްނައިލެވޭ ހެއްޔެވެ؟ ތިމާގެ އަޖަލު ކޮންމެ ވަޤުތަކުވެސް ހަމަވެދާނެކަމާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ ތައުބާވެވޭހެއްޔެވެ؟ ހެޔޮ ޢަމަލުތައް އެބަ ކުރެވޭ ހެއްޔެވެ؟   

ހަމަ ޔަޤީނުންވެސް ބުއްދިވެރިންނަކީ މިކަންކަމަށް ވިސްނައި މަރަށް ތައްޔާރުވާ މީހުންނެވެ. ތައުބާވެ ހެޔޮ ޢަމަލުތައްކުރަން އަވަސްވެގަންނަ މީހުންނެވެ. 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

މަރަށް ތައްޔާރުވުން  

އަލްޤުރްޠުބީ رحمه الله ވިދާޅުވިއެވެ.

"މަރުވުމަށް ވަކި ޢުމުރެއް ނުވަތަ ޒަމާނެއް ނުވަތަ ވަކި ބައްޔެއް ނުވާކަމަށް އުންމަތް ވަނީ އިޖުމާޢުވެފައެވެ. އެއީ ކޮންމެ ވަގުތެއްގައިވެސް އެއަށް ތައްޔާރުވެގެން ހުރުމަށްޓަކައެވެ. އެގޮތުން ރަށެއްގެ ފާރެއްގެ މަތީގައި އިނދެގެން ކޮންމެ ރެއަކުވެސް (މީސްތަކުންނަށް މަރުގެ މަތިން ހަނދުމަކޮށްދިނުމަށްޓަކައި) މިފަދައިން ގޮވާ އުޅުނު މީހަކު އުޅުނެވެ.  

الرَّحِيْل! الرَّحِيْل!

މާނައީ: "ދަތުރަށް ތައްޔާރުވާށެވެ! ދަތުރަށް ތައްޔާރުވާށެވެ!"

އެއް ރެއަކު އެ އަޑު ނުއިވުމުން އެ ރަށުގެ އަމީރު އޭނާއާ ބެހޭގޮތުން ސުވާލު ދަންނަވައިފިއެވެ. ދެން އޭނާއާވެސް މަރު އައިސް ބައްދަލުކުރިކަމުގެ ޚަބަރު އެ އަމީރަށް ދެންނެވުނެވެ."

[التذكرة للقرطبي (ص: 124)] 

ކޮންމެ މީހަކަށްވެސް ކޮންމެ ވަގުތެއްގައިވެސް މަރު ބައްދަލުކޮށްފާނެއެވެ.

ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ. އަދި  އެއީ ލައްޛަތުތައް ނެތިކޮށްލާ، ޝަހުވަތްތައް ދުރުކުރުވާ އަދި ވަގުތުތައް ކިލަނބުކޮށްލާ އެއްޗެކެވެ.  

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެކަމަށް ތައްޔާރުވެލައްވާށެވެ!

 

އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން