ސުވަރުގެ ޔަޤީންކުރެވި ސުވަރުގެއިން 2 ބަގީޗާ ލިބޭނެކަން ޔަޤީން ޢަމަލު- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 55ސ
ސުވަރުގެ ޔަޤީންކުރެވި ސުވަރުގެއިން 2 ބަގީޗާ ލިބޭނެކަން ޔަޤީން ޢަމަލު- ޤުރްއާނުން

ތަޢާރަފް: ﷲ ތަޢާލާއަށް ބިރުވެތިވުމަކީ އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. އެކަން ކުރެވޭނީ އެކަންކަން ކުރުމަށް އަމުރުފުޅު ކުރައްވަވާފައިވާ ހުރިހާ ކަންކަން ކުރުމާއިއެކު ނަހީކުރައްވަވާފައިވާ އެންމެހައިކަންތައްތަކާއި ދުރުހެލިވެ ހުރެގެންނެވެ.  

ﷲ ތަޢާލާގެ ޙަމްރަތުގައި އެކަނިމާއެކަނި ނިކަމެތިކަންމަތީގައި ހުއްޓިހުންނަން ޖެހޭނެ ވަޤުތަށް ބިރުވެތިވެވޭނީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވެވޭ މީހަކަށެވެ.  

ތަޢާލާ ވަޙީކުރެއްވެވިއެވެ. 

﴿وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ﴾ [الرحمن: 46] 

މާނައީ: "އެމީހާގެ ވެރިރައްބުގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް (ސުވަރުގޭގައި) ދެ ބަގީޗާ ހުށްޓެވެ." 

އަދި އެއިލާހު ވަޙީކުރެއްވިއެވެ. 

﴿وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَى [40] فَإِنَّ الْجَنَّةَ هِيَ الْمَأْوَى [41] [النازعات: 40، 41] 

މާނައީ: "އަދި އެމީހާގެ ވެރިރައްބުގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! [40] ފަހެ، ހަމަކަށަވަރުން އެމީހާ އުޅޭނެ ތަނަކީ ސުވަރުގެއެވެ. [41] " 

އަދި ވަޙީކުރެއްވެވިއެވެ. 

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ﴾ [الحشر: 18] 

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ". 

އަދި ވަޙީކުރެއްވެވިއެވެ. 

﴿إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُمْ مُبْصِرُونَ﴾ [الأعراف: 201] 

މާނައީ: "ހަމަކަށަވަރުން ތަޤުވާވެރިވި މީހުންގައި ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެބައިމީހުން (ﷲ) ހަނދުމަކުރެއެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެބައިމީހުންވެއެވެ. 

އަދި ވަޙީކުރެއްވެވިއެވެ. 

﴿وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ﴾ [القيامة: 2] 

މާނައީ: "އަދި ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، ހިތާމަކުރާނެ ނަފްސު ގަންދެއްވައި ހުވާ ވަޙީކުރައްވަމެވެ." 

މުފައްސިރުން ވިދާޅުވެފައިވެއެވެ. 

"ﷲ ހުވާ ވަޙީކުރައްވާފައިވަނީ، ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން އަމިއްލަ ނަފްސަށް ޢައިބުކިޔައި ނަފްސު ގަންދެއްވައެވެ. އަދި ފާފަތަކަށް އަރައިގަނެވިފައިވާތީވެސްމެއެވެ. ފަހެ، އެކަމެއް އިޞްލާޙުވަންދެން ގިނަގިނައިން އެކަމާމެދު އޭނާ ހިތާމަކުރެއެވެ." 

 އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ» [رواه البخاري ومسلم] 

މާނައީ: "ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. ފަހެ އޭނާ ހެޔޮބަސް ބުނާށެވެ. ނޫންނަމަ، ހަނުހުންނާށެވެ." 

ނަފްސު ޙިސާބުކުރާމީހަކަށް މެނުވީ މިފަދައިން ކަންތައް ނުކުރެވޭނެއެވެ. 

ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ. 

"ތިޔަބައިމީހުންގެ ޙިސާބު ބެއްލެވުމުގެ ކުރިން ތިޔަބައިމީހުންގެ ނަފްސުތައް ޙިސާބުކުރާށެވެ. އަދި އެނަފްސުތައް ވަޒަންކުރެވުމުގެ ކުރިން ވަޒަންކުރާށެވެ. އަދި (ޤިޔާމަތްދުވަހުގެ) ބޮޑުވެގެންވާ ހުށަހަޅާލުމަށް ތައްޔާރުވާށެވެ." 

އަދި މައިމޫނު ބުން މިހްރާން ވިދާޅުވިއެވެ. 

"ތަޤުވާވެރިޔަކީ އެންމެ ބޮޑަށް އޭނާގެ ނަފްސު ޙިސާބުކުރާމީހާއެވެ. އެއީ (ވިޔަފާރީގައި) ދަހި ބައިވެރިއަކު އޭނާގެ އެކުވެރިޔާ ޙިސާބުކުރާ ފަދައިންނެވެ."

ސުފްޔާނު އައްޘައުރީ ވިދާޅުވެފައިވެއެވެ.                   

އޭނާގެ ނަފްސު ޙިސާބުކުރަނީ ޞާލިޙު ޢަމަލުތައް ކުޅައުމަށެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި އައިސްފައިވާގޮތަށް ޢަމަލުތައް ބަހައްޓައެވެ. ދާއިމީ ގޮތެއްގައި އެޢަމަލެއް ކުރުމަށް ފަރުވާތެރިވެއެވެ. އެޢަމަލެއް މުޅިން ދޫކޮށްލުމެއް ނެތި އަދި މެދުކަނޑާލުމެއް ނެތި، ދާއިމީ ގޮތެއްގައި އެޢަމަލުކުރުން މަތީ ދެމިހުރެއެވެ. 

 ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ. 

﴿وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ﴾ [العنكبوت: 69] 

މާނައީ: "ތިމަންއިލާހުގެ މަގުގައި ޖިހާދުކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެބައިމީހުންނަށް ތިމަންއިލާހުގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ، އިޙްސާންތެރިންނާ އެކުގައިކަން ކަށަވަރެވެ." 

އަދި އެއިލާހު ވަޙީކުރެއްވެވިއެވެ. 

﴿وَمَنْ جَاهَدَ فَإِنَّمَا يُجَاهِدُ لِنَفْسِهِ إِنَّ اللَّهَ لَغَنِيٌّ عَنِ الْعَالَمِينَ﴾ [العنكبوت: 6] 

މާނައީ: "އަދި ޖިހާދުކުރިމީހާ (ދަންނާށެވެ!) ފަހެ، އޭނާ ޖިހާދުކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. ހަމަކަށަވަރުން ﷲ އީ، އެންމެހާ ޢާލަމުތައް ފިޔަވައި ފުދިވޮޑިގެންވާ އިލާހުކަން ކަށަވަރެވެ." 

އަދި އެއިލާހު ވަޙީކުރެއްވެވިއެވެ. 

﴿إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ [2] أَلَا لِلَّهِ الدِّينُ الْخَالِصُ﴾ [الزمر: 2، 3]

މާނައީ: "ހަމަކަށަވަރުން ތިމަންއިލާހު ހައްޤުގޮތުގައި ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، ﷲ އަށް ދީން ޚާލިޞްކުރާޙާލު، ކަލޭގެފާނު އެއިލާހަށް އަޅުކަން ކުރައްވާށެވެ! [2] ދަންނާށެވެ! ޚާލިޞްވެގެންވާ ދީންވަނީ ﷲ އަށެވެ". 

އަލްފަޟްލު ބުން ޒިޔާދު ވިދާޅުވިއެވެ' 

ޢަމަލުގެ ނިޔަތާބެހޭގޮތުން އިމާމު އަޙްމަދަށް ސުވާލު ދެންނެވީމެވެ. ތިމަން ދެންނެވީމެވެ 

"ނިޔަތްވަނީ ކިހިނެތް ހެއްޔެވެ؟" 

އެކަލޭގެފާނު ވިދާޅުވިއެވެ. "ނަފްސަށް ފަރުވާ ކުރަންވީ، ޢަމަލެއްކުރާއިރު މީސްތަކުންނަށް (ދެއްކުމަށްޓަކައި) އެކަން ނުކުރުމަށެވެ".  

ބަސްބުނުމާ ވާހަކަ ދެއްކުމުގައި ނަފްސު ޙިސާބުކުރާށެވެ. ބާޠިލު ވާހަކަތައް ދުލުން ނުދައްކާށެވެ. އަދި ޙަރާމް ލަފްޒުތައް ނުބުނާށެވެ. ތިބާގެ ދުލުން ބުނާ ކޮންމެ ބަހަކާ، ތިބާކުރާ ކޮންމެ ޢަމަލެއް ލިޔުއްވަން ހަވާލުކުރައްވާފައިވާ ދެމަލާއިކަތުން ތިއްބެވިކަން ހަނދާނުގައި ބަހައްޓާށެވެ. ފަހެ، އެކަންކަމަށް ޘަވާބާއި ޢަޛާބު ދެވޭނެއެވެ.   

ހިތުގެ ޚިޔާލުތަކާއި ފިކުރުތަކާ އަދި ވަސްވާސްތަކަށް ސަމާލުވުންވެސް މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފަހެ، ހެވާއި ނުބައިގެ ފެށުންވަނީ ހިތުގެ ޚިޔާލުތަކާއި ފިކުރުތަކުންނެވެ.

އަދި ވަސްވާސްތަކާމެދު ޣާފިލުވެ އެކަންކަން ބަލައިގަނެފިނަމަ އޭގެ ސަބަބުން ޙަރާމްކުރައްވާފައިވާ ކަންކަމަށް ހުށަހެޅެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ. 

﴿وَإِمَّا يَنْزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ إِنَّهُ هُوَ السَّمِيعُ الْعَلِيمُ﴾ [فصلت: 36] 

މާނައީ: "އަދި ހަމަކަށަވަރުން ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، ﷲގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ". 

ދަންނާށެވެ. އިންސާނާއަށް ކާމިޔާބާއި ބާއްޖަވެރިކަން ލިބެންއޮތީ އޭނާގެ ނަފްސު ކިޔަމަންކޮށްގެންނެވެ. އަދި ބަސްތަކާއި ޢަމަލުތަކުގެ ކުދި ބޮޑު އެންމެހާ ކަންކަން ޙިސާބުކޮށް އެކަންކަން ބެލެހެއްޓިގެންނެވެ. އޭނާގެ ނަފްސު ޙިސާބުކޮށް، އޭނާގެ ބަސްތަކާއި ޢަމަލުތަކާ އަދި ޚިޔާލުތަކާ މެދު ރައްކާތެރިވެ، ﷲ ލޯބިވެވޮޑިގެންވާ އަދި ރުހިވޮޑިގެންވާފަދައިން ކަންތައްކޮށްފިމީހާ ދަންނައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކުން އެމީހާއަށް ނަސީބު ލިބިއްޖެއެވެ. 

- މަސްޖިދުއްނަބަވީގެ އިމާމް: الشيخ علي بن عبد الرحمن الحذيفيحفظه الله

 

 

 

މިއަދު އޮންލައިން