ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲ އަށް ކިޔަމަންތެރިކަން އަދާކުރާ އަޅުންނަށް ހެޔޮ ގޮތްތައް ދުނިޔޭގައިވެސް މިންވަރުކުރައްވަވާނެ ކަމަށެވެ. އަދި މަރުވުމުން އެމީހަކަށް ތަނަވަސް ރަޙްމަތް ލައްވަވާނެ ކަމަށެވެ. އެމީހެއްގެ ހިތް އުފަލުން ފުރި އިތުރުވާވަރަށް ނިޢުމަތްތައް މިންވަރުކުރައްވަވާނެ ކަމަށެވެ.
ކޮންމެ ގޮތަށްވިޔަސް ދުނިޔޭގައި އެމީހެއްގެ ހިތްފުރޭވަރަށް ނިޢުމަތްތައް މިންވަރުކުރެއްވެވިނަމަވެސް މިލިބެނީ މަރުވުމުން މިންވަރުކުރައްވަވާނެ ނިޢުމަތްތަކާއި އަޅައިބަލާނަމަ އުފާވެރިކަމުގެ ވަރަށް ކުޑަކުޑަމިންވަރެކެވެ. ޛައްރެއްގެ މިންވަރުހައި ކުޑަ މިންވަރެކެވެ.
ނަމަވެސް ގިނަ ބައަކު ތިމާ ނުވަތަ ތިމާ ލޯބިވާ މީހާ މަރުވެދާނެތީ ކަންބޮޑުވެއެވެ. އެއީ އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ހަދައެވެ. އެހެންކަމަށްވާނަމަ ﷲ ތަޢާލާގެ ޙަޟްރަތުން ލިބެންހުރި ނިޢުމަތްތައް ލިބިގަންނަން ދެކޮޅު ހަދަނީ ހެއްޔެވެ؟
ވިސްނާށެވެ! ﷲ ތަޢާލާ އެމީހަކަށް ދެއްވަވަން ހުރި ގިނަގުނަ ނިޢުމަތްތައް ދުނިޔޭގައި ހުއްޓައެއް ނުލިބޭނެއެވެ. ލިބޭނީ މަރުވުމުންނެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ ސުވަރުގެ ވަދެވުމުންނެވެ.
ހަމައެއާއިއެކު ވިސްނައިލާށެވެ! ބަރުޒަޚުގެ ޢާލަމުގައި މީހަކަށް ދެއްވަވާނެ އުފާވެރިކަމަސް ބެލިނަމަވެސް އެކަމުގައި އިމެއް ނެތްވެ. އޭނާގެ ފުރާނަ ވާނީ ސުވަރުގޭގެ ބަގީޗާއެއްގައެވެ. ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުގައެވެ. އެއީ ދުނިޔޭގައި އެންމެ އުފަލުގައި އުޅޭ އެންމެންނަށް ލިބޭ އުފާވެރިކަމަށްވުރެވެސް އެތައް ހާސް ގުނައެއް އިތުރު ނިޢުމަތްތަކެކެވެ.
އެނިޢުމަތްތައް އެމީހަކަށް ލިބެން އޮތީ މަރުވުމުންނެވެ. ވީމާ ބަލިވެއްޖެނަމަ ބޭސްކުރާށެވެ! ޝިފާ ދެއްވެވުން އެދި ދުޢާވެސް ކުރާށެވެ. ނަމަވެސް މަރުވެދާނެތީ ކަންބޮޑުނުވާށެވެ!
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން