ޢާއިލާތަކަށް ބަލައިފިނަމަ ޢާއިލާގެ އެންމެން ނަމާދުކުރާ ޢާއިލާތައް މަދުވެއްޖެއެވެ. އެންމެ ދެރަކަމަކީ މައިން ބަފައިން ނަމާދުކުރާކަން ދަރިންނަށް ދައްކައިދެވޭ ޢާއިލާތައް މަދުވެއްޖެކަމެވެ. އެހެންކަމާއިއެކުވެސް ދަރިން ނަމާދުނުކުރާތީ ކަންބޮޑުވާ ބެލެނިވެރިން މަދުކަމަށް ބުނެވޭކަށް ނެތެވެ. ވީމާ ބަލައިލަން މިއުޅެނީ މައްސަލައަށް އޮތް އެންމެ ރަނގަޅު ޙައްލާއިމެދުގައެވެ.
ބެލެނިވެރިން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ދަރިންނާއި ގާތް ގުޅުމެއް އުފެއްދުމެވެ. އެގުޅުމުގެ ތެރެއިން ދަރިންނަކީ ތިމާމެންގެ ބަސް ޤަބޫލުކުރާ ކުދިން ކަމުގައި ހެދިއްޖެނަމަ އެކުދިންނަކީ ﷲ ތަޢާލާއަށް ބިރުވެތިވާ އެކަލާނގެ މަގުގައި ޘާބިތުވެ ތިބޭ ކުދިން ކަމުގައި ހެދުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.
ވީމާ ފުރަތަމަކަމަކަށް ދަރިންނަށް އަންގައިދޭންވީ މައިންބަފައިންނާއި ﷲ ތަޢާލާ އާއި ދެމެދުގައި ގާތް ގުޅުމެއް އޮންނަ ކަމެވެ. މައިންބަފައިންނަކީ ﷲ ތަޢާލާއަށް ބިރުވެތިވާ އެކަލާނގެއަށް ކިޔަމަންތެރި ބައަކު ކަމެވެ. އެއިރުން ދަރިންވެސް އެކަންކަމަށް ލޯބިކުރާނެއެވެ.
މިޘާލަކަށް ދަރިންނާއި ދިމާއަށް ކިތަންމެ ގިނަފަހަރަކު ނަމާދުކުރަން ބުނުމަކުން އެކުދިންގެ ހިތުގައި ނަމާދުކުރުމަށް ލޯތްބެއް ނުއުފެއްދޭނެއެވެ. އެކަން ކުރެވޭނީ ނަމާދުކުރުމަށް މައިންބަފައިން ސަމާލުކަންދޭތަން ދަރިންގެ ލޮލަށް ދައްކައިދީގެންނެވެ. އެނޫން ގޮތަކަށް އެކުދިންގެ ހިތުގައި ނަމާދުކުރަން ލޯތްބެއް ނުއުފެއްދޭނެއެވެ.
މައިންބަފައިން ނަމާދުނުކޮށް ތިބެ ބިރުގަންނަވައިގެން ދަރިންލައްވާ ނަމާދުކުރުވާނަމަ ދަރިންގެ ނިޔަތް އޮންނާނީ ތަފާތު ގޮތަކަށެވެ. ނަމާދު މިކުރަނީ ﷲ ތަޢާލާއަށް ކަމަށް ހިތުގައި އޮތުމުގެ ބަދަލުގައި ހިތުގައި އޮންނާނީ ނަމާދު މިކުރަނީ މަންމަ މަޖުބޫރުކުރާތީ ކަމަށެވެ. ވީމާ އެޙާލަތުގައި ކުދިން ނަމާދުއެކުރަނީ ﷲ ތަޢާލާއަކަށް ނޫނެވެ. މައިންބަފައިންނަށެވެ.
އެފަދަ ކުދިންނަށް ދެންވާނެ ގޮތަކީ ގެއިން ބޭރުގައި އުޅޭނަމަ ނުވަތަ މަންމަ ފެންނަން ނެތްނަމަ ނަމާދުކުރުމުގެ ބޭނުމެއް އޮންނަ ކަމަކަށް ނުވިސްނުމެވެ. އެހެންވެއްޖެނަމަ ދަރިފުޅު ވެގެންދާނީ ކޮންކަހަލަ ކުއްޖަކަސް ކަމާއިމެދު ވިސްނައިލާށެވެ!
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން