ދައްޔޫސުން ގިނަވެއްޖެއެވެ. ޒިނޭކުރުން އިތުރުވަމުންދަނީއެވެ. ކައިވެނިކޮށްގެން ތިބެވެސްމެއެވެ.
ފިރިންނަށް ބުނެލަން އޮތީ އަނބިމިހާ ޒިނޭކުރަން ރުހި ދައްޔޫސަކަށް ނުވާށެވެ! އެއީ ދެދުނިޔޭގައިވެސް ބޮޑެތި މުޞީބާތްތައް ކުރިމަތިވާ ކަމެކެވެ. އާޚިރަތް ގެއްލިގެންދާ ސަބަބެކެވެ.
އަނބިންނަށް ބުނެލަން އޮތީ ފިރިމީހާ ޒިނޭކުރުން ނުހުއްޓާނަމަ ވަކިވާށެވެ! ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބިގަންނަން މަސައްކަތކުރީމާ ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. ވަކިވުމުން އުފުލަންޖެހޭ ތަކްލީފަށްވުރެ ﷲ ތަޢާލާއަށް ވަކީލްކޮށް ޙައްޤު މަގުގައި ޘާބިތުވުމުން ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އެއީ ކޮންމެ މުސްލިމަކުވެސް ޔަޤީންކުރަންޖެހޭ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ބައިވެރިޔާއަށް ޒިނޭކުރެވުނަސް ތެދުވެރި ތައުބާއަކުން ތައުބާވެ، އުޅުން އިސްލާހު ކޮށްފި ނަމަ އޭނާއާއި އެކުގައި ދިރިއުޅުން ކުރިއަށް ގެންދިޔުން ރަނގަޅެވެ. އެހެން ނޫންނަމަ ވަގުތުން އޭނާގެ ދިރިއުޅުމާއި ދުރުހެލިވާން ޖެހޭނެއެވެ. ޒިނޭ ކުރާ ފިރިހެނުންނާއި ޒިނޭކުރާ އަންހެނުންނާއި ކައިވެނި ކޮށްގެން އުޅުމަކީ ޢިތްފަތްތެރި ފިރިހެނުންނާއި އަންހެނުންނަށް ހުއްދަ ކަމެއް ނޫނެވެ.
މާތް ﷲ ވަހީކުރައްވާފައިވެއެވެ.
{{ الزَّانِي لا يَنْكِحُ إلا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لا يَنْكِحُهَا إِلا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ}}النور 3. މާނައަކީ: "ޒިނޭކުރާ ފިރިހެނަކު ޒިނޭކުރާ އަންހެނަކާއި މެނުވީ ކައިވެންޏެއް ނުކުރާނެއެވެ. އަދި ޒިނޭކުރާ އަންހެނަކާއި ކައިވެނި ކުރާނީ ޒިނޭކުރާ ފިރިހެނެކެވެ. ޒިނޭކުރާ މީހުންނާއި އިނުމަކީ މުއުމިނުންގެ މައްޗަށް ހަރާމް ކުރެވިގެންވާކަމެކެވެ."
މިއާޔަތުން ސަރީހަކޮށް އަންގައިދޭ މާނައަކީ: ޒިނޭކުރާ އަންހެނުންނާއި ނުވަތަ ޒިނޭކުރާ ފިރިހެނުންނާއި ކައިވެނި ކުރުމަކީ މުއުމިނުންނަށް ހަލާލުވެގެންވާ ކަމެއް ނޫންކަމެވެ. ނަމަވެސް ތައުބާ ވެއްޖެނަމަ އެފަދަ މީހަކާއި ކައިވެނި ކުރުމާއި އެފަދަ މީހެއްގެ ކައިވެނީގައި ހުރުމަކީ ނުވަތަ ބެހެއްޓުމަކީ ހުއްދަ ކަމެކެވެ. މިފަދައިން ابن كثير އެބޭފުޅާގެ تفسير (6 / 9) ގައި ވިދާޅުވެފައިވެއެވެ. والله أعلم
(އެމް ވީ އިސްލާމް ކިޔޫ އޭ އިން ނަގާފައި)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް