ހުވަފަތް އަންހެނަކަށް އެހީތެރިވަމުން އައި މަސްވެރި ފަޤީރު ޒުވާނަކަށް ބޮޑު ތަނަވަސްކަމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ހުވަފަތް އަންހެނަކަށް އެހީތެރިވަމުން އައި މަސްވެރި ފަޤީރު ޒުވާނަކަށް ބޮޑު ތަނަވަސްކަމެއް ލިބުނު ގޮތުގެ ވާހަކަ-

ހުވަފަތްވެފައިތިބޭ މުސްކުޅި އަންހެނުންނާއިމެދު ވިސްނަނީވެސް ވަރަށް މަދު މީހެކެވެ. ކިތަންމެ ނިކަމެތި ޙާލުގައި އެމީހަކު އުޅެންޖެހިފައިވީނަމަވެސް މެއެވެ. އަވަށްޓެރިންނާއި ދަންނަ މީހުންގެ ތެރޭގައި އެފަދަ އަންހެނަކު ހުރިނަމަވެސްމެއެވެ.

ޙަޤީޤަތަކީ ކިތަންމެ ނިކަމެތި، ދަތިޙާލުގައި އުޅެންޖެހިފައިވީނަމަވެސް މުސްކުޅި އަންހެނަކަށް އެހީވަނީ ހާދަ މަދު މީހަކު ކަމެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. މިބަޔާންކުރަނީ ޢިބްރަތްތެރި ވާހަކައަކާއި ވަރަށް މުހިންމު ނަޞޭޙަތުގެ ބަސްކޮޅެކެވެ.

އޭނާއަކީ ހަމަ އާދައިގެ މަސްވެރިއެކެވެ. ގޮނޑުދޮށުން މަސްބާނައި އެމަސްވިއްކައެވެ. މީހެއްގެ ބޮއްކުރައެއް ފަދަ އުޅަނދެއް ލިބިއްޖެނަމަ އެއިގައިވެސް ކަނޑަށް ނުކުމެ މަސްވެރިކަންކުރެއެވެ. އޭނާގެ އަވަށްޓެރިންގެ ތެރޭގައި ހުވަފަތްވެފައި އިން މުސްކުޅި އަންހެނަކު ހިމެނެއެވެ. އޭނާއަށް 2 މަސް ބޭނޭ ދުވަސްދުވަހުވެސް އެއް މަސް އޭނާގެ އަވަށްޓެރިޔާއަށް ހަދިޔާކުރެއެވެ. ދުވަހަކުވެސް އަގެއް ނުނަގައެވެ.

އެއްދުވަހަކު މަހެއް ހަދިޔާކުރުމަށްފަހު އެނބުރިދާންފެށުމުން އަވަށްޓެރިޔާ އަޑުވީއްލައި އެ ޒުވާނާއަށް ހެޔޮދުއާކުރިއެވެ. އޭނާއަށް ތަނަވަސްކަން އިތުރުކުރައްވަވައި ދެއްވެވުން އެދިއެވެ.

އެއިގެ ކުޑަ ދުވަސްކޮޅެއްފަހެވެ. ފަތިސްނަމާދުން ފައިބައިގެން ޒުވާނާ ދޮށިހިފައިގެން އަތިރިމައްޗަށް ނުކުމެ ހުއްޓައި ފެނުނީ ބޯޅައެއް ގޮތަށް އޮތް އެއްޗެއް ރާޅާ ހިއްލިލާފައި އަޑިއަށްދާތަނެވެ. އެއީ ކޮން އެއްޗެއްތޯ ބަލައިލަން އޭނާ ޝައުޤުވެރިވެ މޫދަށް އެރި އެ ނެގިއެވެ.

ނަގައި އެއީ ކޮންއެއްޗެއްކަން ނުއެނގުނު ނަމަވެސް އެއްލާލަން ބޭނުންނުވުމުން ގާތުގައި ބާއްވައިގެން މަސްވެރިކަން ހުއްޓައި އެތަނަށް އައި ޢުމުރުން ދުވަސްމީހަކަށް އެ ފެނިގެން ގޮސް ބުންޏެވެ. "ޒުވާނާއެވެ. ތިއަ ހިފައިގެން އަވަހަށް ގެއަށްދާށެވެ! ނުބައި ބައަކަށް ފެނިއްޖެނަމަ އަތުލައިގެންފާނެއެވެ. ބޭބެއަށް ހީވަނީ ތިއައީ މާވަހަރެއްހެންނެވެ. ނިކަން ޓެސްޓްކޮށްލަބަލާށެވެ!"

ޒުވާނާ އެހިފައިގެން މާވަހަރުގެ ވިޔަފާރިކުރާ ބައެއްގެ ފިހާރައަށް ދިއުމުން ޓެސްޓްކޮށްފައި ބުނީ އެއީ މާވަހަރެއް ކަމަށެވެ. އަދި އަގަކަށް 120،000،0 ދިރުހަމް ދިނެވެ. ކުއްލިއަކަށް ޒުވާނާ މިލިއަނަރަކަށް ބަދަލުވީއެވެ. އުޅަނދެއްގަނެގެން ފުޅައުދާއިރާގައި މަސްވެރިކަންކުރަން ޒުވާނާ ފެށިއެވެ.

ޒުވާނާއަށްޓަކައި އަވަށްޓެރިޔާ ދުޢާކޮށްދިންކަން ހަނދާނުގައި ބެހެއްޓިއެވެ. އޭނާގެ މަންމައަށް އެހީތެރިވާފަދައިން އަވަށްޓެރިޔާއަށް އެހީތެރިވެދެމުން ގެންދިއައެވެ. އަދި ހުރިހާ އަވަށްޓެރިންނަށް ވެސް ހެޔޮކަން ފޯރުވިއެވެ.

މީސްތަކުންނަށް ހެޔޮކޮށްހިތައި ހެޔޮ ކަންކަންކޮށްދިނުމަކީ ރަސޫލް ﷺ އެންމެ ބޮޑަށް ބާރު އެޅުއްވެވި އެއްކަންތަކެވެ. އަދި އެއީ ކިތަންމެ ކުޑަކުޑަކަމަކުން ނަމަވެސްމެއެވެ. އެކަން ލިބިގަތްމީހާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކޮންފަދަ މަތީ ދަރަޖައެއް ލިބިގެންހުރި މީހަކު ކަމެއް ނުއެނގޭނެއެވެ. އޭނާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ދުޢާ ޢިޖާބަކުރައްވަވާ ޙާލަތުގައި ހުރި މީހަކުނަމަ އެމީހާގެ ދުޢާއިން ތިމާއަށް ކިތަންމެ ބޮޑު ފައިދާއެއްވެސް ކޮށްފާނެއެވެ.

ޤުބާ މިސްކިތުގެ އިމާމް، ފަޟީލަތުއްޝައިޚް ޞާލިޙު އަލް މުޣާމިސީ ޙަފިޡަހުﷲ ވިދާޅުވެފައިވެއެވެ.

ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. " ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ 2 ކަމެއް 2 ކަމެއްގެ ތެރޭގައި ވަންހަނާ ކުރައްވާފައެވެ. އެއިލާހުގެ ރުހިވޮޑިގަތުން ހެޔޮ ޢަމަލުތަކުގެ ތެރޭގައި ފޮރުއްވަވާފައެވެ. ތިބާ ކުރާ ޢަމަލުތަކުގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ރުހިވޮޑިގަތުން ލިބޭ ޢަމަލަކީ ކޮބައިކަން ތިބާއަކަށް ނޭނގޭނެއެވެ. އަދި އެއިލާހުގެ ވަލީވެރި ބޭކަލުން އެއިލާހުގެ އަޅުތަކުންގެ ތެރޭގައި ފޮރުއްވަވާފައެވެ. "

"ފަހެ ތިބާ ހެޔޮ ކަން ކުރާށެވެ! ﷲގެ ވަޖުހުފުޅު އަދައިގެންނެވެ. ފަހަރުގައި ތިބާ އެހީތެރިވާ މީހާއަކީ މީސްތަކުންނަށް ނޭނގުނު ކަމުގައި ވިޔަސް ﷲގެ ޙަޟްރަތުގައި މުސްތަޖާބު ދުޢާއެއްގެ ވެރިއަކަށްވެ، އޭނާގެ ދުޢާގެ ސަބަބުން ތިބާއަށް ﷲ ހެޔޮ ތައުފީޤު ދެއްވައި،، އެ ތައުފީޤު ލިބުނީ ކިހިނެއްކަން ތިބާއަށްވެސް ނޭނގި ހިނގައިދާނެއެވެ.

 

މިއަދު އޮންލައިން