ރަމަޟާން މަހަކީ އެންމެ ގިނަ ބައަކު އަޅުކަންކުރާ މަހެވެ. އެންމެ ގިނައިން އަޅުކަންކުރާވެސް މަހެވެ. އެހެންކަމުން އެންމެ މުހިންމު ކަމަކީ ތިމާކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ މަގުން ޝަރުޠު ހަމަކޮށް އަޅުކަންކުރުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން އަޅުކަންކުރުމުގައި ކޮންމެހެން ފުރިހަމަކުރަންޖެހޭ 2 ޝަރުޠު އެނގިލައްވާނެއެވެ. އިން ޝާ ﷲ
ކޮންމެ މީހަކުވެސް އަޅުކަންކުރަނީ ވަރަށް ބުރަ އުފުލައިގެންނެވެ. ވަރަށް ބޮޑެތި އުންމީދުތަކަކާއިއެކުގައެވެ. އެހައިވަރުން ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފިނަމަ ކިހައި ދެރަހެއްޔެވެ؟ އެއަށްވުރެ ބޮޑު ދެރައެއް މީހަކަށް ނުވެސް ލިބޭނެ ނޫންހެއްޔެވެ؟
އެހެންކަމުން އަޅުކަންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ދިނުމަށްޓަކައި ކޮންމެ މުސްލިމަކުވެސް ތިރީގައިވާ ކަންކަން ދެނެގަތުމުގެ މުހިންމުކަން ވަރަށް ބޮޑުކަމުގައި ދަންނަވަމެވެ. ދެ ޝަރުޠެއް ފުރިހަމަނުވާހާ ހިނދަކު މުސްލިމެއްގެ ކިބައިން އަޅުކަމެއް ޤަބޫލެއްނުކުރެއްވެއެވެ! އެންމެ ފުރަތަމަ ޝަރުޠު : އެއީ ﷲ ތަޢާލާއަށްޓަކައި ނިޔަތް ޚާލިޞް ކުރުމެވެ. އެއީ އަޅާ ކުރާ އަޅުކަމުގެ މަޤުޞަދަކީ ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުންކަމުގައި ހަދައިގެން އަޅުކަން އަދާކުރުމެވެ. ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން އަޅުކަން ކުރުމެވެ. އެހެން އެއްވެސް ފަރާތެއް އެކަމުގައި ޝަރީކު(ބައިވެރި) ނުކުރުމެވެ.
ދެވަނަ ޝަރުޠު :
އެއީ ﷲ ތަޢާލާ ބާވައިލެއްވި ޝަރީޢަތުގައި އައިސްފައިވާ ގޮތަށް އެކަމެއްކުރުމެވެ. އެގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވާދެއްވާފައިވާ ގޮތަށް އެކަމެއްކުރުމެވެ. ކޮންމެ އަޅުކަމެއްގައިވެސް އެކަލޭގެފާނަށް ތަބާވުމެވެ. އަދި އަޅުކަން އަދާކުރުމުގައި އެކަލޭގެފާނާއި ޚިލާފުވުން ދޫކޮށްލުމެވެ. އަދި އެކަލޭގެފާނުގެ ކިބައި ޘާބިތުނުވާ އާ އަޅުކަންތަކާއި ، އަޅުކަންތަކުގައި ފަހުން އައި ބަޔަކު ހަދާފައިވާ އާ (އަމިއްލަ ވިސްނުމުން ގެންނަ، ޘާބިތުނުވާ) ޙަރަކާތްތަކުން ދުރުހެލިވެގެން އަޅުކަން އަދާކުރުމެވެ.
މިގޮތުން ބަލާއިރު، ދަރިފުޅަކު ، އޭނަގެ ބައްޕަދެކެ ބިރުން ނުވަތަ ބައްޕަގެ ރުހުން ހޯދަން ، އެއާއި އެކު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމުގެ ނިޔައް ނުގަނެ ކުރާ ނަމާދު ، އެއީ ޤަބޫލުވެވިގެންވާ ނަމާދެއްކަމުގައެއް ނުވާނެއެވެ. އެހެނީ ނަމާދަކީ އަޅުކަމެކެވެ. އަޅުކަމެއް ﷲ ތަޢާލާ ފިޔަވައި އެހެންފަރާތަކަށް އަދާކުރުމެއްނުވެއެވެ.
އެހެން ނަމަވެސް އޭނަގެ ނަމާދުގައި އޭނާ ނިޔަތަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުންކަމަށް ހަދައިފިނަމަ، އަދި އެއަށްފަހު އެއާއި ގުޅިގެން މައިންބަފައިންގެ ރުހުންވެސް ލިބުންވެސް އޭނާގެ ހިތުގައި އޮތްކަމުގައިވިޔަސް، އިންޝާﷲ އެ ނަމާދަކީ ޤަބޫލުވެގެންވާ ނަމާދެއްކަމުގައިވާނެއެވެ.
والله أعلم
މަސްދަރު: ދިސަލަފިއްޔާ