"ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުން ދައްކުވައިދިނީ ޤައުމީ ޚިދުމަތުގައި ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ފުރިހަމަ ނަމޫނާ ކަމަށް ދާޚިލީ ސަލަމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
"ހުވަން" ނަމަކަށް ކިޔާ މި ލޯންޗު ދަތުރުކުރީ އދ. ދިގުރަށުން މާލެއަށެވެ.
މި ލޯންޗުގައި 45 މީހުންނާއި 3 ފަޅުވެރިން ތިއްބެވެ.
މިހާދިސާއާ ގުޅިގެން ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމުތަކުން ލޯންޗު އަޑިއަށް ދިޔަ ސަރަހައްދަށް ގޮސް ކަނޑުވި ހުރިހާ އެންމެން ވަނީ ސަލާމަތްކޮށްފައެވެ.
މީސްމީޑިއާގައި މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވަނީ 48 މީހުން ދަތުރުކުރި 'ހުވަން' ލޯންޗު އަޑިއަށްދިޔަ ހާދިސާގައި ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި މީހުން ސަލާމަތްކުރުމުގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި ދިވެހި ފުލުން ދެއްކެވި ހިއްވަރާއި ކެރުމާއި ސާބިތުކަމަކީ ފުލުހުންގެ މުއައްސަސާއަށް ޒިއްމާވާ ވަޒީރުގެ ހައިސިއްޔަތުން ފަހުރުވެރިކަމާއިއެކު އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް އަދި މުޅި ފުލުހުންގެ މުއައްސަސާއަށް ހިފެހެއްޓުމެއް ނެތް ޝުކުރާއި ތަޢުރީފު އަދާކުރާ ކަމެއް ކަމަށެވެ.
އަދި މިއީ ޤައުމީ ހިދުމަތުގައި ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ފުރިހަމަ ނަމޫނާއެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުވެސް ވަނީ ފޯނުން ގުޅުއްވައި ޝުކުރު އަދާކުރައްވާފައެވެ.
ކޮމިޝަނަރ ވިދާޅުވީ ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވާ ކަމަށާއި އަދި އެ މަސައްކަތާމެދު ފަހުރުވެރިވާ ކަމަށެވެ.
އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.
ހަބަރު: ސަރުކާރު