ޢަލީ އިޙްޞާން ފިރާޤް
ޙަސަންގެފާނުގެ ޚަލީފާކަން:
ޢަލީގެފާނަށްފަހު މީސްތަކުން ދެން ޚަލީފާކަމުގެ ބައިޢަތު ހިފީ އެކަލޭގެފާނުގެ ދަރިކަލުން ޙަސަންގެފާނަށެވެ. ޙަސަންގެފާނަކީ މާތް ރަސޫލާގެ ކާފަދަރިކަލެކެވެ. ޙަސަންގެފާނު ޚަލީފާކަމުގައި ފަސް މަސްދުވަސްވަންދެން ހުންނެވިއެވެ. އަނެއްބައި ރިވާޔަތުގައި ވާގޮތުން ޙަސަންގެފާނު ޚަލީފާކަމުގައި ހުންނެވީ ހަމަސްދުވަހުއެވެ. އެއަށްފަހު އަމީރު މުޢާވިޔަތުގެފާނާ ޞުލްޙަވެވަޑައިގެންނެވިއެވެ. އަމިއްލަފުޅަށް ޚަލީފާކަން ދޫކުރައްވައި މުޢާވިޔަތުގެފާނަށް ވެރިކަން ދޫކޮށްލެއްވިއެވެ.
ޝައްކެތް ނެތް ގޮތުގައި ޙަސަންގެފާނު ޚަލީފާކަން ދޫކޮށްލެއްވީ އުއްމަތުގެ މަސްލަހަތަށް ވިސްނާވަޑައިގެންފައެވެ. އުއްމަތުގެ މެދުގައި ލޭ އޮހޮރުނަ ނުދެއްވުމަށްޓަކައެވެ. އޭރު އަމީރު މުޢާވިޔަތުގެފާނުވަނީ ބޮޑު ހަނގުރާމައަކަށް ތައްޔާރުވެވަޑައިގެންފައެވެ. އުދަރެސް ބައްދައިލައިފައިވަނީ ހަނގުރާމައިގެ ކަޅު ވިލާގަނޑުތަތަކުންނެވެ. އެހެންކަމުން ލޮބުވެތި ކާފާފުޅުގެ އުއްމަތުގައި ލޭ އޮހޮރުނަ ނުދެއްވުމަށްޓަކައި ޙަސަންގެފާނު ޚަލީފާކަން ދޫކޮށްލެއްވީއެވެ. މިއީ މާތް ރަސޫލާގެ ނުބުއްވަތުގެ އަލާމާތެކެވެ.
އަބޫ ބަކްރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ މިންބަރުގައި ހުންނަވައި ޙަދީޘް ކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. އޭރު އެކަލޭގެފާނުގެ އަރިހުގައި ޙަސަންގެފާނު އިންނެވިއެވެ. މާތް ރަސޫލާ އެއްފަހަރު މީސްތަކުންނާ ދިމާއަށް އަނެއްފަހަރު ޙަސަންގެފާނާ ދިމާއަށް ބައްލަވަމުން ޙަދީޘް ކުރެއްވިއެވެ.
[އަހަރެން މިދަރިފުޅަކީ ސައްޔިދެކެވެ. މީނާގެ ޒަރިއްޔާއިން، ދެކޮޅުވެރިން އުފެދިފައިވާ މުސްލިމުގެ ދެ ޖަމާޢަތް ޞުލްޙަކުރެވޭނެ ކަމަށް އަހަރެން އުއްމީދު ކުރަމެވެ.] { صحيح البخاري كتاب فضائل أصحاب النبى صلى الله عليه وسلم، باب مَنَاقِبُ الْحَسَنِ وَالْحُسَيْنِ رضى الله عنهما، ޙަދީޘް 3746}
ޙަސަންގެފާނު އަވަހާރަވީ ހިޖުރައިން 49 ވަނަ އަހަރުގައެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން ހިޖުރައިން 50 ވަނަ އަހަރުގައެވެ. ތާރީޚުގައި ލިޔެވިގެންވަނީ ޒަހަރު އަރުވައިގެން އެކަލޭގެފާނު އަވަހާރަކޮށްލީ ކަމަށެވެ. މާތްﷲ، ޙަސަންގެފާނަށް ރުއްސުންލައްވާށިއެވެ.
އިސްލާމީ ޚަލީފާކަން ރަސްކަމަކަށް ބަދަލުވުން:
އިސްވެދިޔަ ޞަފްޙާތަކުގައި ބަޔާންކޮށްފައި އެވަނީ އިސްލާމީ ޚިލާފަތް ހިނގައި ދިޔަ ގޮތުގެ ކުރު ބަޔާނެވެ. އިސްވެދެންނެވި ބޭކަލުންގެ ޚަލީފާކަމަށްފަހު ދެން ފެށުނު ނިޒާމު އެންމެ ބޮޑަކަށް ވައްތަރީ މުލޫކިއްޔަތަކަށެވެ. ރަސްކަމަކަށެވެ. މާތް ރަސޫލާގެ ޙަދީޘް ބަސްފުޅުންވެސް ދަލީލު ލިބެނީ މިގޮތަށެވެ. އެ ނިޒާމު ބިނާވެފައިވަނީ ވިރާސީ ރަސްކަމެއްގެ މައްޗަށެވެ.
މުޢާވިޔަތުގެފާނުގެ ރަސްކަން (41-60ހ، 661-680މ)
މިދެންނެވި އުސޫލުތަކާއެކު އެންމެ ފުރަތަމަ ރަސްކަން ކުރެއްވި ބޭކަލަކީ މުޢާވިޔަތުގެފާނެއެވެ. މުޢާވިޔަތުގެފާނަކީ އުމައްޔަތުވަންހައިގެ ބޭކަލެކެވެ. އުމަވީ ޚިލާފަތުގެ އަސްލުބާނީއަކީ މުޢާވިޔަތުގެފާނެވެ.
އަލްޙާފިޡު އިބްނު ކަޘީރު އޭނާ ލިޔުއްވި އަލްބިދާޔާ ވައްނިހާޔާގައި ބަޔާން ކުރައްވައިފައިވެއެވެ. [ޚުލަފާއުއްރާޝިދޫންގެ ދައުރަށްފަހު ދެން ފެށުނީ ރަސްކަމެކެވެ. އިސްލާމީ އުއްމަތުގެ އެންމެ ފުރަތަމަ ރަސްކަލަކީ މުޢާވިޔަތުގެފާނެވެ. ރަސްރަސްކަލުންގެ ތެރެއިން އެންމެ ހެޔޮ ރަސްގެފާނަކީވެސް އެއީއެވެ.]
އަމީރު މުޢާވިޔަތުގެފާނު ވެރިކަމަށް ނުވަތަ ރަސްކަމަށް އިސްވެވަޑައިގެންނެވީ ހިޖްރައިން 40 ވަނަ އަހަރުގައެވެ. ގިނަ ރިވާޔަތްތަކުގައިވަނީ 41 ވަނަ އަހަރުކަމުގައެވެ. ހިޖްރައިން 60 ވަނަ އަހަރު އެކަލޭގެފާނު އަވަހާރަވަންދެންވެސް ހުންނީ ރަސްކަމުގައެވެ. މީލާދީ ތާރީޚުން ބުނާނަމަ އެކަލޭގެފާނުގެ ރަސްކަން ދެމިއޮތީ 661 ވަނަ އަހަރުން ފެށިގެން 680 ވަނަ އަހަރާ ހަމައަށެވެ.
ޔަޒީދު I ގެ ރަސްކަން (60-63ހ، 680-684މ)
މުޢާވިޔަތުގެފާނަށްފަހު ރަސްކަން ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ ދަރިކަލުން ޔަޒީދަށެވެ. މުޢާވިޔަތުގެފާނުވަނީ އެކަލޭގެފާނުގެ ރަސްކަމުގެ ދުވަސްވަރު ޔަޒީދު ވަލީއަހުދަކަށް ހެއްދެވުމަށްޓަކައި މީސްތަކުން ލައްވާ ބައިޢަތު ހިއްޕަވައިފައެވެ. އޭނާއަށް ބައިޢަތު ނުހިއްޕަވާ ތިއްބެވި ބޭކަލުންގެ ތެރޭގައި އިބްނު ޒުބައިރާއި، ޙުސައިންގެފާނު ފަދަ ޞަޙާބީން ހިމެނިވަޑައިގަންނަވައެވެ.
ހިޖްރައިން 61 ވަނަ އަހަރު، މީލާދީން 680 ވަނަ އަހަރުގެ ތެރޭގައި ޔަޒީދުގެ ސިފައިން ޙުސައިންގެފާނު ޝަހީދުކޮށްލިއެވެ. އެކަލޭގެފާނުގެ އަހުލުބައިތުންގެ ތެރެއިން 70 މީހުން ޝަހީދުކޮށްލިއެވެ. މިކަމެއް ހިނގީ ކަރުބަލާގައެވެ. ފުރާތު ކޯރުގެ އައްސޭރިފަށުގައެވެ.
އެ ދުވަސްވަރުގެ ތެރޭގައި ޔަޒީދުގެ އަޚުލާޤާއި އޭނާގެ އުޅުމާ ދެކޮޅަށް މަދީނާގެ މީސްތަކުން ބަޣާވާތްކުރަމުން ގެންދިޔައެވެ. އެބައިމީހުންނާ ދެކޮޅަށް ޔަޒީދު ޝާމުކަރައިގެ ބޮޑު ލަޝްކަރެއް ފޮނުއްވައިގެން މުޅި މަދީނާ ސުންނާފަތިކޮށް އެތައް ބަޔަކު ޤަތުލު ކުރިއެވެ. މިކަމަށް އިސްލާމީ ތާރީޚުގައި ނަންދެއްވައިފައިވަނީ ވާޤިޔަތު ޙައްރާ (وقعة الحرة) ގެ ނަމުންނެވެ.
މަދީނާ ލޫޓުވައި އެތަނުގައި ޤަތުލްއާމު ހިންގުމަށްފަހު ޝާމުކަރައިގެ ލަޝްރަކު ދިޔައީ މައްކާއަށެވެ. އޭރު އެތަނުގައި އިބްނު ޒުބައިރުގެފާނު ހުންނެވީ އަމިއްލަފުޅު ޚިލާފަތެއް ގާއިމުކުރައްވައިގެންނެވެ. ޝާމުކަރައިގެ ލަޝްކަރު މައްކާ ހިސާރުކޮށްގެން ތިބި ދުވަސްވަރުގައި ކަޢުބާގެ އުރަކޮޅުގައި އަލިފާންރޯވެ އެނދިކަމުގައިވިއެވެ. ބައެއް ރިވާޔަތްތަކުގައިވަނީ ކަޢުބާގެ އުރަކޮޅުގައި އަލިފާން ރޯވީ ދެ ލަޝްކަރުގެ މީހުންގެ މެދުގައި ޙަމަލަ ބަދަލުކުރުމުގެ ތެރޭގައި ކަމުގައެވެ. އެދުވަސްވަރު ޔަޒީދު އަވަހާރަވި ޚަބަރު ލިބުމުން ޝާމުކަރައިގެ ލަޝްކަރު އަނބުރާ ދިޔައީއެވެ.
މުޢާވިޔަތުއް ޘާނީ:
މުޢާވިޔާ ދޭ ނުވަތަ މުޢާވިޔަތުއް ޘާނީއަކީ އަކީ ޔަޒީދުގެ ދަރިކަލެކެވެ. އޭނާގެ ފުރިހަމަ ނަންފުޅަކީ މުޢާވިޔަތު ބިން ޔަޒީދު ބިން މުޢާވިޔަތެވެ. ޔަޒީދު އަވަހާރަވުމަށްފަހު ރަސްކަން ލިބިވަޑައިގެންނެވީ އޭނާއަށެވެ. އޭރު އޭނާއަކީ ވަރަށް ޒުވާން ބޭފުޅެކެވެ. އުޅުއްވަނީވެސް އާލާސްކަންފުޅާއެވެ. ރަސްކަން ލިބިވަޑައިގެންނެވީ މަދު މަސްތަކެއްގެ ތެރޭގައި އޭނާ އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ހިޖްރައިން 64 ވަނަ އަހަރުގައެވެ.
އޭނާ އަވަހާވުމަށްފަހު ދެން ރަސްކަން ލިބުނީ މަރުވާނު ބުނުލް ޙަކަމަށެވެ. އޭރު އުމަވީ ރަސްކަންވަނީ ވަރަށް ބޮޑަށް ބަލިކަށިވެ، ރަސްކަމުގެ ދީލިކަޑަވެފައެވެ. ވަރުގަދަވެފައިވަނީ އިބްނު ޒުބައިރުގެފާނުގެ ޚިލާފަތެވެ.