ރަމަޟާންމަސް އައުމުން ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރައްވަވައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވަތެވެ. ނަމަވެސް އެއިގެ މާނައަކީ ނަރަކައިން ސަލާމަތްވާން މަސައްކަތް ނުކުރި މީހަކަށް ނަރަކައިން ސަލާމަތްވެވުމެއް ނޫނެވެ. އަދި ސުވަރުގެ ވަންނަން މަސައްކަތް ނުކުރި މީހަކަށް ސުވަރުގެ ވަދެވުމެއްވެސް ނޫނެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވާލައްވަވާފައިވީނަމަވެސް އެއިން ދޮރުކޮޅަކުން ވަދެވޭނީ ވަންނަން މަސައްކަތްކުރި މީހަކަށެވެ.
ބައެއް މީހުންނަށް ވިސްނެނީ ރަމަޟާން މަހާއި ބައްދަލުވީތީ ނަރަކައިން ސަލާމަތްވެވި ސުވަރުގެވަދެވޭނެ ކަމަށެވެ. އެމީހުންނަށް ނުވިސްނެނީ ރަމަޟާން މަހާއި ބައްދަލުވެ އެމީހެއްގެ ފާފަތައް ނުފޮނުވި މީހާއަށް ލަޢްނަތް ލެއްވެވުން އެދިވަޑައިގެން ޖިބްރީލްގެފާނު ކުރެއްވެވި ދުޢާއަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާމީން ވިދާޅުވިކަމެވެ. އެކަން ވިސްނޭނަމަ ރަމަޟާން މަހާއި ބައްދަލުވި އެންމެންނަށް ސުަވަރުގެ ނުވަދެވޭނެކަން އެނގޭނެއެވެ.
ކޮންމެއަކަސް ކަންނެތްވެގެން ނުތިބޭށެވެ! ފަހހުދިހައިގައި ގަދައަށް "ހިފާލަން" މަޑުނުކުރާށެވެ! މިހާރުން ފެށިގެން ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! އެކަމުގައި ޞަހާބީންނާއި ތާބިޢީން ދެއްކެވި ނަމޫނާގައި ހިފާށެވެ!
މަސައްކަތް ހުހެއް ނުވާނެއެވެ. ނަމަވެސް ޢުމުރު ޙުސްވާނެއެވެ. ތިމާގެ ޢަޖަލުހަމަވާނީ ކޮންވަޤުތަކު ކަމެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ފަހުދިހައަށް މަޑުކޮށްގެން ހުއްޓައި ފަހުދިހައާއި ބަދަލުނުވެ ދުނިޔެ ދޫކުރަންޖެހުމަކީވެސް ހަމަ ކުރިމަތިވެދާނެ ކަމެއްކަމާއިމެދު ވިސްނަންވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން