ދިރިހުރިހާ ހިނދަކު ފިތުނައަކުން ގެއްލުމެއް ނުލިބި ހުރެވޭނެ މީހަކަށް ވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 1ސ
ދިރިހުރިހާ ހިނދަކު ފިތުނައަކުން ގެއްލުމެއް ނުލިބި ހުރެވޭނެ މީހަކަށް ވެވޭނެ! އިން ޝާ ﷲ

ތިމާގެ މައްޗަށް ހިތްހެވީ ކާކުކަން ދެނެގަތުން މިވަނީ ކުރަން އެންމެ އުނދަގޫ ކަންތައް ކަމަށް ވެފައެވެ. އެހެންކަމުން ތިމާއާއިމެދު ފިތުނައެއް އުފައްދާނީ ކާކު؟ ކޮންއިރަކު؟ ކަން އެނގޭ ހަމައެކަކުވެސް ނެތެވެ. ކުރެވެން އޮތް ހަމައެކަނި ކަމަކީ ސަލާމަތްވެ ހުންނަން މަސައްކަތްކުރުމެވެ. 

ދުނިޔޭގައި މިއަދު އެންމެންވެސް އުޅެމުން މިގެންދަނީ ފިތުނަތަކުގެ ތެރޭގައި ފިތި ބާރުވެގެންނެވެ. މީސްތަކުން އުފައްދާ ފިތުނަތަކާ ޝައިޠޯނާގެ ފިތުނަތަކުން މީސްތަކުން މިއަދު މިވަނީ ވަރަށް ބޮޑަށް ފިއްތާލައިފައެވެ. ފިތިފައިވާ މިންވަރު ބޮޑުކަމުން ތިބެން މިޖެހެނީ ކޮޅަކަށް ހިރިވެސް ނުލެވިފައެވެ. 

ރަސޫލް ޙަދީޘްފުޅު ކުރެއްވެވިއެވެ. 

«تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ عُودًا عُودًا، فَأَيُّ قَلْبٍ أُشْرِبَهَا، نُكِتَ فِيهِ نُكْتَةٌ سَوْدَاءُ، وَأَيُّ قَلْبٍ أَنْكَرَهَا، نُكِتَ فِيهِ نُكْتَةٌ بَيْضَاءُ، حَتَّى تَصِيرَ عَلَى قَلْبَيْنِ، عَلَى أَبْيَضَ مِثْلِ الصَّفَا فَلَا تَضُرُّهُ فِتْنَةٌ مَا دَامَتِ السَّمَاوَاتُ وَالْأَرْضُ، وَالْآخَرُ أَسْوَدُ مُرْبَادًّا كَالْكُوزِ، مُجَخِّيًا لَا يَعْرِفُ مَعْرُوفًا، وَلَا يُنْكِرُ مُنْكَرًا، إِلَّا مَا أُشْرِبَ مِنْ هَوَاهُ» [رواه مسلم]  

މާނައީ: "ސަޓާއަކަށް ވަތަކަށްފަހު ވަތެއް އެމުނެމުންދާ ފަދައިން ހިތްތަކަށް ފިތުނަތައް ވެރިވަމުން ދާނެއެވެ. ފަހެ، އެއްވެސް ހިތަކުން އެފިތުނަތަކަށް (ލޯބިކޮށް) ބަލައިގެންފިނަމަ އެހިތުގައި ކަޅު ތިއްކެއް ޖެހެއެވެ. އަދި އެއްވެސް ހިތަކުން އެފިތުނަތަކަށް (ނުރުހުންތެރިވެ) އިންކާރުކޮށްފިނަމަ އެހިތުގައި ހުދު ތިއްކެއް ޖެހެއެވެ. އޭރުން ވާހުށީ ދެވައްތަރެއްގެ ހިތެވެ. (އެއް ހިތް) ސަންގުމަރުމަރު ހިލައެއްހާ ހުދެވެ. އުޑާއި ބިން ދެމިއޮތްހައި ހިނދަކު ފިތުނައަކުން އެހިތަކަށް ގެއްލުމެއް ނުފޯރާނެއެވެ. އަނެއް ހިތްވަނީ ބަންޑުންޖެހިފައިވާ ކޫޒެއްފަދަ ކިލަނބު ކުލައިން ކަޅުވެފައެވެ.

ހެޔޮކަމެއް ނުދަންނާނެއެވެ. އަދި މުންކަރާތަކަށް އިންކާރެއް ނުކުރާނެއެވެ. އޭނާގެ ހަވާނަފްސު ބަލައިގެންފި ކަމެއްގައި މެނުވީއެވެ". 

ޙަދީޘްފުޅުން އެނގިގެން މިދަނީ ފާފަކުރުމުގެ ހުރި ނުބައިކަން ބޮޑުކަމެވެ. އަދި ފާފަކުރުމާއި ދުރުހެލިވުމުން ދެއްވަވާނެ ޘަވާބުގެ މަތިވެރިކަމެވެ. ފާފަކުރުމުން ހިތުގައި ކަޅުތިކި ޖެހޭ ކަމާއި އެއިރުން ހިތަށްވެގެންދާ ގޮތެވެ. ފާފަކުރުމާއި ދުރުހެލިވެ ހެޔޮ ޢަމަލުތައް ކުރުމުން ހިތުގައި ހުދު ތިކި ޖެހޭ ކަމާއި އެއިރުން މީހާއަށް ލިބިގެންދާނެ ނަޞީބެވެ. 

މިފަދަ ޙަދީޘްފުޅުތަކާއިމެދު ފުންކޮށް ވިސްނައި ހޭލުންތެރިވާށެވެ! ފާފަތައް ކުރުމުން އެއްކިބާވާށެވެ! ދެދުނިޔެ ހާޞިލުކުރެވުންވެސް ވަނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން