ތިބާގެ ލޮލުން ފައިބާ ކަރުނަ ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އެއީ ހަމަ އެންމެ ތިއްކެއްނަމަވެސްމެއެވެ. ހަމަ އެއާއިއެކު ތިބާއަށް އެހާލަތު ކުރިމަތިވި ސަބަބުވެސް ދެކެދެނެވޮޑިގެންވެއެވެ. އެއީ މީހެއްގެ ސަބަބުން މެދުވެރިވިކަމެއްނަމަވެސް އެތައް ބައެއްގެ ސަބަބުން މެދުވެރިވި ކަމެއް ނަމަވެސް އެކަމުގައި ބައިވެރިވި ހުރިހާ އެންމެންގެ ކަންކަން ﷲ ތަޢާލާ ދެމެވޮޑިގެންވެއެވެ.
އަދި ކީއްހެއްޔެވެ؟ އަނިޔާދިން މީހާގެ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާކަށްވެސް ނުޖެހެއެވެ. އޭނާ ކުރިކަމެއް ކުރިތަން ހަމައެވަޤުތުވެސް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާތީއެވެ.
ކޮންމެ މީހަކީ އޭނާއަށް އަނިޔާއެއް ނުވަތަ ހިތްދަތިކަމެއް ދިނުމުން ބަދުދުޢާކުރާނެ މީހެއް ނޫނެވެ. ނަމަވެސް މީހަކަށް އަނިޔާއެއް ނުވަތަ ހިތްދަތިކަމެއް ދީފައި އުފަލުގައި ނުއުޅެވޭ ސަބަބު މިބުނީއެވެ. އަނިޔާ ނުވަތަ ހިތްދަތިކަން ލިބުނު މީހާ ދުޢާ ނުކުރިނަމަވެސް ، ﷲ ތަޢާލާގެ ޙަޟްރަތުގައި ޝަކުވާ ނުކުރިނަމަވެސް އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ.
ﷲ ތަޢާލާ އީ ކޮންމެ ކަމެއްވެސް ޢަދުލަށް ކުރައްވަވާ ރަސްކަލާނގެއެވެ. އަދި މީސްތަކުންނަށް އަންގަވާފައިވަނީވެސް ޢަދުލަށް ކަންކަން ކުރުމަށެވެ. އެއްވެސް މީހަކަށް އަނިޔާވެރިނުވުމަށެވެ. ހިތްދަތިކަން ނުދިނުމަށެވެ. އަނިޔާވެރިވެ ހިތްދަތިކުރުވާ މީހުން ދުނިޔޭގައިވެސް ނިކަމެތިކުރައްވަވާނެކަން އެއީ ކީރިތި ޤުރްއާނުން ޔަޤީންކުރެވެން އޮތް ކަމެކެވެ.
އަހުރެންގެ ނަޞީޙަތަކީ ހަމައެކަކުވެސް އެއްވެސް މީހަކަށް އަނިޔާވެރިނުވުމެވެ. އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރުމެވެ. ނޫންނަމަ އެމީހަކަށް ކުރިމަތިކުރައްވަވައިފާނެ ޙާލަށް ބިރުވެތިވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން