ބެލެނިވެރިން ފުރަތަމަ ވިސްނަންވީ ތިމާއާއިމެދުގައެވެ. ތިމާ މީހެއްގެ ގާތުގައި ދައްކަން ބޭނުންވާ ވާހަކައެއް ނުދެއްކޭނަމަ ދެން ކަންތައްތައް ވެގެންދާ ގޮތާއިމެދުގައެވެ. ދެމަފިރިންގެ މެދުގައި ވާހަކަ ނުދެއްކޭނަމަ ކަންތައްތައް ވެގެންދާ ގޮތާއިމެދުގައެވެ.
ބޮޑެތި މީހުންނަށް ތިބެ އެކަންކަން އެގޮތަށް މެދުވާއިރު ކުޑަކުދިން (ދަރިން)ގެ އަޑު މައިންބަފައިން ނުއަހާނަމަ ކަންކަން މެދުވެރިވާނެ ގޮތާއިމެދު ވިސްނައިލާށެވެ!
މައިންބަފައިންނަކީ ދަރިންނާއި ގިނަގިނައިން ވާހަކަދައްކާ ބައަކަށްވާންޖެހޭނެ އެވެ. އެކުދިން ދައްކާ ކޮންމެ ވާހަކައެއް ކެތްތެރިކަމާއިއެކު އަޑުއެހުމުގެ ހިތްވަރު ހުންނަން ޖެހޭނެއެވެ. މައިންބަފައިން ދަރިންގެ ވާހަކަ އަޑުނުއަހާނަމަ، ވާހަކައެއް ބުނާއިރަށް ރުޅިއަންނަނަމަ މައިންބަފައިންގެ ގާތުގައި ވާހަކައެއް ބުނަން ކުދިން ބިރުގަންނާނެއެވެ.
އިންސާނުންނަކީ އެމީހުން ދައްކަން ބޭނުންވާ ވާހަކަ ކޮންމެވެސް މީހެއްގެ ގާތުގައި ދައްކަން ބޭނުންވާނެ ބައެކެވެ. މައިންބަފައިންގެ ގާތުގައި ވާހަކަ ނުދެއްކޭނަމަ ކޮންމެވެސް މީހެއްގެ ގާތުގައި އެވާހަކައެއް ދައްކާނެއެވެ.
ކުދިންނަކަށް މީހުންގެ މިޒާޖެއް ނުއެނގޭނެއެވެ. އެހެންކަމުން ނުބައި މިޒާޖެއްގެ، ނުވަތަ ޚުލްޤް ނުބައި މީހެއްގެ ގާތުގައި ދެއްކޭ ވާހަކައަކުން އެމީހާ ކޮންމެ ފަދަ ނާޖާއިޒު ފައިދާއެއްވެސް ނަގައިފާނެއެވެ. އެހެންވެއްޖެނަމަ ހަލާކުގެ ތެރެއަށް ދަރިންވެއްޓުން އޮންނާނީ ވަރަށް ގާތުގައެވެ.
ރަނގަޅަށް ބަލައި ދިރާސާކުރާށެވެ! ނުބައި މީހުންގެ ވަސްވާސްތަކުގައި ޖެހި، މަގުފުރެދިގެންދާ ގިނަކުދިންނަކީ މައިންބަފައިންނާއި ވާހަކަ ނުދެއްކޭ ކުދިންނެވެ. ދިމާވާ ކަންކަމުގެ ވާހަކަ މައިންބަފައިންގެ ގާތުގައިބުނަން ބިރުގަންނާތީ ނުބައި މީހުންގެ ގާތުގައި އެވާހަކައެއް ދެއްކޭ ކުދިންނެވެ.
އެޙާލަތުގައި އެ ނުބައިމީހާ ގޯސްކުރުމަކުން ނުފުދޭނެއެވެ. އެނުބައި މީހާއަށް އެ ފުރުޞަތު އެލިބުނީ މައިންބަފައިންގެ ސަބަބުން ކަމުގައިވާނަމަ ބޮޑީ މައިންބަފައިންގެ ޒިންމާއެވެ. އެހެނީ އެނުބައި މީހާއާއި ވާހަކަދައްކަން ދަރިފުޅަށް އެޖެހުނީ މައިންބަފައިންގެ ސަބަބުން ކަމުގައިވާތީއެވެ.
ވީމާ ދަރިން އިޞްލާޙްކުރަން އެދޭ މައިންބަފައިން މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރާށެވެ!
- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން