އަންހެން ދަރިން ކައިވެނިކޮށްގެން ފިރިމީހާއާއިއެކު ދިއުމުން ޙާލުނުބަލާނަމަ ދަރިންނަށް ލިބޭ ނިކަމެތިކަން ބޮޑުވާނެ! އެންމެ ބޮޑަށް ނަޞޭޙަތާ އިރުޝާދު ބޭނުންވާނީ އެއިރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 12ސ
އަންހެން ދަރިން ކައިވެނިކޮށްގެން ފިރިމީހާއާއިއެކު ދިއުމުން ޙާލުނުބަލާނަމަ ދަރިންނަށް ލިބޭ ނިކަމެތިކަން ބޮޑުވާނެ! އެންމެ ބޮޑަށް ނަޞޭޙަތާ އިރުޝާދު ބޭނުންވާނީ އެއިރު!

ކައިވެނިކޮށްގެން ފިރިމީހާއާއިއެކު ދިއުމުން ގުޅައި އުޅޭ ގޮތް ބެލުމަކީ ދެމަފިރިންގެ ދެމެދަށް ވަނުން ކަމަށްވާނެތޯ؟ ބައެއް ކިޔުންތެރިން ސުވާލުކުރެއެވެ. 

ޖަވާބަކީ ނުވާނެއެވެ. ދަރިފުޅަށް އެންމެ ބޮޑަށް އެހީތެރިވެދީ ހިތްވަރުދިނުމަކީ ކުރަންޖެހޭނެ ކަމެކެވެ. ދަރިފުޅަށް ކުރިމަތިވާ ކަންކަން އޮޅުން ފިލުވައި އެކަންކަން ޙައްލުކުރާނެ ގޮތް ބުނެދިނުމަކީ މައިންބަފައިން ކުރަންޖެހޭނެ ކަމެކެވެ. އަދި މައިންބަފައިން ގުޅައި ޙާލުބެލުމަކީ ދަރިންނަށް ރަނގަޅު ގޮތް ވިސްނި ދިރިއުޅުމާއިގެން ކުރިއަށްދާން މަގުފަހިވުމުގެ އިތުރުން ހިތްވަރުވެސް ލިބޭނެ ކަމެކެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

ލޮބުވެތި މައިންބަފައިންނޭވެ! ދަރިން ފުރާވަރަށް އެޅުމުން މައިންބަފައިން އެންމެ ގިނައިން ކުރާ ދުޢާއަކީ ދަރިންނަށް ހެޔޮލަފާ ބައިވެރިއަކު ދެއްވެވުމަށެވެ. އެއްބަސްވި ނަމަވެސް ނުވިނަމަވެސް ދަރިންގެ ޙަޔާތަށް ހެޔޮލަފާ ރަގޅު ބައިވެރިއަކު ދެއްވެވުން އެދިގެން ފުޢާކުރާއިރު މަރަށް މަދުން ނޫނީ ފިރިހެން ދަރިންގެ މަތިން ހަނދާނެއްވެސް ނުހުރެއެވެ. ގިނައިން ދުޢާކުރަނީ އަންހެންދަރިންނަށްޓަކައެވެ. 

ދެން ބަލައިލަންވީ މިކަން މިހެން މިވަނީ ކީއްވެގެންތޯއެވެ؟ އެކިމީހުންގެ ވިސްނުން ތަފާތު  ވެދާނެއެވެ. އަހުރެންގެ ވިސްނުމުގައި އެކަން އެގޮތަށް އެވަނީ ފިރިހެން ދަރިންދެކެ ލޯބިނުވާތީ ނުވަތަ ލޯބިވާވަރު ކުޑަވެގެނެއް ނޫނެވެ. އެހެންވެ އަހުރެން މި ބަޔާންކުރަނީ އަހުރެންގެ ވިސްނުމެވެ. 

އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ކައިވެންޏަށްފަހު ހިތްދަތި ކަންތައްތަކެއް ފިރިހެން ދަރިފުޅަށް ކުރިމަތިވެއްޖެނަމަ އަތްދޮވެލައިގެން ގެއަށް އަންނަން ފަސޭހަވާނެތީއެވެ. އަދި އަންހެން ދަރިފުޅަށް ހިތްދަތި ޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަމުން ސަލާމަތް ނުވެވި އެތައް އަހަރެއް ހޭދަވެގެންދާތީއެވެ. ޢުމުރުން ބޮޑުބައެއް، ނުވަތަ ޢުމުރު އެކުގައިވެސް ހޭދަކުރަންޖެހޭތީއެވެ. އަދި ލިބޭ އަނިޔާތަކުގެ ސަބަބުން ޢުމުރު ކުރުވެ އަވަހަށް ދުނިޔެ ދޫކުރަންޖެހުން ފަދަ ކަންކަން ވެސް ކުރުމަތިވާތީއެވެ. 

ކޮންމެއަކަސް ފާހަގަކުރަން ބޭނުންވަނީ ތަފާތު މައްސަލައެކެވެ. އަންހެނެންދަރިންގެ ކައިވެނިކޮށްދީ ފިރިމީހާއާއިއެކުގައި ގެއިން ނެރެލަނީ ކިތަންމެ ބޮޑު އުންމީދަކާއިއެކުގައިނަމަވެސް، އެކައިވެނީގައި ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބިދާނެކަންވެސް މައިން ބަފައިން ޤަބޫލުކުރަން ޖެހޭނެއެވެ. 

އަޅުގަނޑު ބުނަންބޭނުންވަނީ އެކަންކަން ކުރިއަށް ވިސްނިތިބެގެން ދަރިން ގެއިން ނެރެލާއިރު، ދަރިފުޅު ގެއިން ނުކުންނާތީ ދެރަވެ ކަރުނައަޅާފައި ދަރިފުޅުގެ ޒަވާޖީ ޙަޔާތުގައި ލިބެމުންދާ އަނިޔާތަކަށް ކަރުނަ ނުއަޅާނަމަ މައިންބަފައިންނަށް ޢަމަލުކުރެވޭ ގޮތް ދެކޮޅެއް ނުޖެހޭ ނޫންހެއްޔެބެ؟ 

އެއްވެސް ހާލެއްގައި ދަރިން ކައިވެނިކުރުމުން އެމީހުންގެ މައްޗަށް ފާރަވެރިވެ ކޮންމެ ކަމެއްގައި ޢަމަލުކުރަންވީ ގޮތް ކިޔައިދީ ޢަމުރު މަޢްރޫފްހިންގަން ބުނަނީއެއް ނޫނެވެ. އެހެނަސް މައިންބަފައިން ކޮންމެހެން އަދާކުރަންޖެހޭނެ މަސްއޫލިއްޔަތެއް އޮންނާނެއެވެ. އެއީ އެދަރިފުޅުގެ ޙާލުބެލުމެވެ. ދަރިފުޅުގެ ޙާލުބަލައި ކަންކަން ކުރާނެ ގޮތުގެ އިރުޝާދުދީ ހަދަންވާނެއެވެ. 

ވިސްނާށެވެ! އެ ދަރިފުޅު މިހާރު އެހުރީ މާދުރުގައެވެ. ކުރިން ނުވެސްދަންނަ ބައެއްގެ ތެރޭގައެވެ. އެހެން ހުންނައިރު ކިރިޔާ ކަމެއްވާއިރަށް އަމިއްލަ މައިންބަފައިންނަށް ގުޅައި ޝަކުވާތައް ކުރާކަށް ނުކެރޭނެއެވެ. މައިންބަފައިންނަށް ގުޅަން ހިތްވަރު ލިބޭނީވެސް މައިންބަފައިންވެސް ގުޅައި ޙާލުބަލާނަމައެވެ. ވީމާ ގެއިން ބޭރުކޮށްލެވިފައިވާ ދަރިންނަށް، ޚާއްޞަކޮށް ފުރަތަމަކޮޅުގައި ކޮންމެ ދުވަހަކުވެސް ގުޅައި ޙާލުއަހުވާލު ބަލަންވާނެއެވެ. 

ދެން މިޙާލަތުގައިވެސް ބުނެލަން އޮތީ އަބަދުވެސް އެންމެ ގިނައިން ހަނދާންކޮށްދެވޭ އެއް ކަންތަކުގެ ވާހަކައެވެ. އެއީ ދަރިފުޅަށް ކަމެއް ޖެހިގެން އެއީ ކޮންމެ ކަމެއް ނަމަވެސް މައިންބަފައިންގެ ގާތުގައި ބުނަން ކެރޭނެ ގޮތަށް ދަރިން ތަރުބިއްޔަތުކުރުމުގެ މުހިންމުކަން ބޮޑުކަމުގެ ވާހަކައެވެ. މިޘާލަކަށް އެގޭގައި ހުރެގެން ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް އެވާހަކަވެސް ބުނަންކެރޭނީއެގުޅުން ދަރިންނާއި ބޭއްވިގެންނެވެ. 

ލޮބުވެތި އަޚުންނާއިއުޚުތުންނޭވެ! ރޯންވީ އަންހެންދަ ދަރިން ކައިވެނިކޮށްގެން ނުކުންނަ ވަޤުތަކުނޫނެވެ. އެންމެ ގިނައިން މައިންބަފައިންނަށް ރޯންޖެހެނީ ދަރިން ގެއިން ބޭރުކޮށްލުމަށްފަހު އެކުދިންގެ ޙާލުނުބެލުނީތީއެވެ. ދަރިފުޅަށް ދެވޭ ގޭގައި ލިބޭ އަނިޔާތަކަށް ކެތްނުކުރެވި ދަރިފުޅު ކުދިކުދިވެ ، ފުނޑުފުނޑުވިއިރުވެސް އެކަންކަން ދެނެގަނެ އެހާލަތުން ސަލާމަތްވާން ދަރިފުޅަށް ހިތްވަރުނުދެވުނީއެވެ. މަގުދައްކައި ނުދެވުނީތީއެވެ.

މިއީ މައިންބަފައިން ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. ކަމުގެ މުހިންމުކަން ބޮޑުކަމުން އަދިވެސް ތަކުރާރުކޮށްލާނަމެވެ. ރޯންވީ އަންހެންދަ ދަރިން ކައިވެނިކޮށްގެން ގެއިން ނުކުންނަ ވަޤުތަކުނޫނެވެ. ގެއިން ނުކުތުމަށްފަހު އެދަރިންގެ ޙާލު ބަލައިނުލެވޭނަމައެވެ. ގެއިން ދުޅަހެޔޮކަމާއިއެކު ނުކުމެގެންދިއަ ދަރިފުޅު ދުވަސްކޮޅެއްފަހުން ހިތްކުދިކުދިވެ، ޖިސްމުގައި ޅިޔައެޅި ދުވަސްދާކަން ބަލައިނުލެވުނުނަމައެވެ!  

ވީމާ ބުނެލަން އޮތީ ދަރިންދެކެ ލޯބިވާކަމަށްވާނީ މިބުނި ފަދައިން ދަރިންގެ ޙާލު ބަލައިގެންނެވެ. ވިސްނައިލާށެވެ. ދުޅަހެޔޮ ޞިއްހަތުގައި ގެއިން ނުކުމެގެންދާ ދަރިން ދުވަސްކޮޅެއް ނުވަތަ އަހަރުތަކެއް ފަހުން އެނބުރި ގެއަށް އަންނަން ޖެހިގެން އަންނައިރު އެތިބެނީ ހިތާއި ހަށިގަނޑުގެ ދުވަސްގޮސްފައެވެ. ދިރިއުޅުން މަތިން މާޔޫސްވެފައެވެ.

މިއީ އަބަދުހެން ލޯތަކަށް ފެންނަމުންދާ ކަންކަމެވެ. ވީމާ މިކަންކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ.

 

- އަލްފްގެ ވިސްނުން

މިއަދު އޮންލައިން