ދެމަފިރިންގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތީ "މެޑެލް" ލިބޭނެ މީހަކަށް ވެވެން އޮތް މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ދެމަފިރިންގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތީ "މެޑެލް" ލިބޭނެ މީހަކަށް ވެވެން އޮތް މަގު-: މުފްތީ މެންކް

ދިރިއުޅުމަކީ ރޭހެކެވެ. އެރޭހަކީ އެއްދުވަހުން ނިމޭ ރޭހެއް ނޫނެވެ. ދިރިރިހުރިހާ ދުވަހަކަށް ކުރިއަށް ގެންދަންޖެހޭ ރޭހެކެވެ. އެރޭހުގެ ޙަޤީޤީ ބައި ފެށިގެން އަންނަނީ ކައިވެނިކުރުމާއި ހަމައިންނެވެ. ކުރިން ރޭސްޖަހަމުން އައީ އެކަނި ނަމަވެސް އެހިސާބުން ރޭސްޖަހަން ޖެހޭނީ ދެމަފރިންގެ މެދުގައެވެ. 

އެރޭސް ކާމިޔާބުކުރުމުން ދުނިޔޭގައިވެސް ރަން މެޑެލް ލިބެއެވެ. އެއީ އުﷲާވެރި ދިރިއުޅުމެކެވެ. ހަމައެއާއިއެކު އާޚިރަތް ދުވަހު ﷲ ތަޢާލާވެސް "މެޑެލް" ދެއްވަވާނެތެވެ. އިން ޝާ ﷲ. އެމެޑެލް ޙައްޤުވާނީ ޒަވާޖީ ޙަޔާތް ފޭލްވެގެން ދިއަނުދީ ކާމިޔާބުކަމާއިއެކު ދަމަހައްޓަން ބޮޑަށް މަސައްކަތްކުރި މީހަކަށެވެ. ދެމީހުން އެއްވަރަށް މަސައްކަތްކުރިނަމަ ދެމީހުންނަށެވެ. އެ "މެޑެލް" ޙާޞިލުކުރަން މަސައްކަތްކުރާ ދެމަފިރިއަކަށް އުފާވެރިކަން ނޫން އިތުރު އެއްވެސް ކަމެއް ނުވެއެވެ. އިން ޝާ ﷲ  

ދިރިއުޅުމުގެ އަޞްލު މާނައަށް ބަލައިފިނަމަ އެއީ މައްސަލަތަކެވެ. ވީމާ ދިރިއުޅުމުގައި މައްސަލަތައް ޖެހޭނެއެވެ. އެއީ ކޮންމެ ދެމަފިރިއަކަށްވެސް ކުރިމަތިނުވެ ނުދާނެ ކަންކަމެވެ. ދިރިއުޅުމުގެ އެންމެ ފުރިހަމަ މާނައަކީ މައްސަލަތައް ޙައްލުކޮށްގެން ދެމީހަކު ނުވަތަ ބައަކު އެކުގައި އުޅުމެވެ.  

ވީމާ ކޮންމެ ދެމަފިރިއަކުވެސް ދިރިއުޅޭއިރު ފުރަތަމަ ކަމަކަށް ރިވެތި ބަޙުރުވައިން ދެމީހުން މުޢާމަލާތުކުރާށެވެ. މަޝްވަރާކޮށް ޙައްލު ހޯދަން މަސައްކަތްކުރާށެވެ. އެކަކު އަނެކަކަށް ދޫދޭންޖެހޭ ކަންކަމުގައި ދޫދިނުމަކީ ބަލިވުމެއް ނޫނެވެ. އެއީ ގަދަވުމެވެ.  

އެހެނީ މައްސަލަތަކެއް ޖެހި ރޫޅެން އުޅުނު ކައިވެންޏެއް، ތިބާ ދޫދިނުމުގެ ސަބަބުން ނުރޫޅި ސަލާމަތްކުރެވިއްޖެނަމަ އެއީ އެމީހާގެ މޮޅުކަމެވެ. ކާމިޔާބު އެކުރެވުނީ އެމީހަކަށެވެ. ދެމީހުން ދޫދީ މައްސަލަ ޙައްލުކޮށްފިނަމަ އެކަންވާނީ ދެމީހުންގެ މޮޅުކަމުންވީ ކަމަކަށެވެ.  

ދެމަފިރިންވެސް ވާދަކުރަންވީ މައްސަލަތައް ޙައްލުކުރުމުގައެވެ. އެކަމުގައި ކުރިހޯދާމީހާ ވާނީ ޗެމްޕިއަނަށެވެ. އިނާމުތަކާއި ޝީލްޑް ޙައްޤުވާނީ އެމީހަކަށެވެ. އަދި ފަޚުރުވެރިވުން އޮތީވެސް ހަމަ އެމީހަކަށެވެ. ދެމީހުންވެސް ދޫދީގެން މައްސަލަތައް ޙައްލުކުރިނަމަ ޗެމްޕިއަންކަން ލިބޭނީ ދެމީހުންނަށެވެ.  

މިހާރު އެންމެ ގިނަ ބައަކު ދައްކަނީ ވަރިގިނަވާ ވާހަކަތަކެވެ. ކައިވެނިތައް ރޫޅި ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމުގެ ވާހަކަ ދެއްކުމަކުން ލިބޭނެ އެއްވެސް ޙައްލެއް ނެތެވެ. ޙައްލު ހޯދޭނީ މިހިރަ ކަންކަމަށް ވިސްނައި ކައިވެނި ރޫޅުނަނުދީ ސަލާމަތްކުރަން މަސައްކަތްކުރުމުންނެވެ. އެކަންކުރުމުގެ ހިތްވަރު ދެމީހުންގެ ކިބައިގައިވެސް ހުރެގެންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން