ދަރުސްތަކުން އބަދުހެން އަޑު އިވެނީ ކައިވެނީގެ ކުރިން އެކަހެރިކޮށް ދެމީހުން ބައްދަލުނުކުރުމަށެވެ. އެއީ ޙަރާމް ކަމެއް ކަމަށެވެ. ނަމަވެސް ކަންކަން މިހާރު ބަދަލުވެފައިވާ ގޮތުން ދެމީހުން ބައްދަލުނުކޮށް ރަނގަޅު ބައިވެރިއަކު ލިބިދާނެކަމާއިމެދު ސުވާލު އުފެދެއެވެ.
މިއީ ކިޔުންތެރިއަކު ފޮނުއްވާފައިވާ ކޮމެންޓެކެވެ. ކިޔުންތެރިޔާއަށް ބުނެލަން އޮތީ ޢިލްމްވެރިން އެވިދާޅުވަނީ ދީނުގައި ކަންތައް އޮތް ގޮތެވެ. ދީނުގެ ޙުކުމްތައް ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ދެވަނަކަމަކަށް ތިއަ ވިދާޅުވަނީ ދެމީހުން ބައްދަލުކުރާ ވާހަކައެވެ. ދެމީހުން ބައްދަލުކޮށް ވާހަކަދެއްކުމެވެ. އެކަން މަނައެއް ނޫނެވެ. ނަމަވެސް ޢަދަލުވެރި، ތިމާ ޙިމާޔަތްކޮށްދޭނެ އިތުރު މީހަކާއިއެކުގައެވެ. ރަނގަޅީ ޢާއިލާގެ މީހެކެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! މިއީ ހަމަ ތިއަ ފަދަ މައްސަލައެއްގެ ވާހަކައެވެ. ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް ތަޖުރިބާކުރި އަންހެނެއްގެ ވާހަކައެވެ.
"އަޅުގަނޑަކީވެސް ކައިވެނިކުރާ ޢުމުރުގެ އަންހެނަކީމެވެ. އަޅުގަނޑާއި ގުޅެން ބޭނުންވާ ކޮންމެ ޒުވާނަކުވެސް ޝައުޤުވެރިކަން ދޫކޮށްލަނީ އެމީހުން ބޭނުންވާ ގޮތަށް އެކަހެރި ބައްދަލުވުން ބާއްވަން ދެކޮޅު ހަދާތީއެވެ. އަޅުގަނޑުގެ ސުވާލަކީ ރަނގަޅު ބައިވެރިއަކު ލިބޭނީ އެމީހުން ބުނާހައި ގޮތަކަށް ކަންކަންކޮށްގެންތޯއެވެ؟"
ކިޔުންތެރިޔާގެ ތިއަ ސުވާލަށް ދޭން އޮތް ޖަވާބަކީ ﷲ ތަޢާލާ ކަންކަން ނިންމަވައި އެގޮތަށް ޢަމަލުކުރަން އެންގެވުމުން އެގޮތް ކަމުނުދިއަ މީހަކު ވާނީ ﷲ ތަޢާލާގެ އެންގެވުންތައް ޤަބޫލުނުކުރާ މީހަކަށެވެ. ރަނގަޅު ބައިވެރިއަކު ލިބޭނީވެސް އެހެން ނިޢްމަތްތައް ލިބޭނީވެސް ﷲ ތަޢާލާއަށް ކިޔަމްންތެރިވެގެންނެވެ.
ތިރީގައި އެވާ ވާހަކަ ވިދާޅުވެލައްވާށެވެ. މިއީ މީގެ 5 އަހަރުކުރިން މިއަދުނޫހަށް ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކައެކެވެ. ކިޔުންތެރިޔާގެ ހުރިހާ ކަންބޮޑުވުންތަކަށް މިވާހަކައިން ޖަވާބާއި ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ.
ވިދާޅުވާށެވެ!
އަހަރެންނަކީވެސް ރަށުގެ ގިނަ ބައަކު ސަމާލުކަން ދެމުން އައި އަންހެނަކީމެވެ. ގިނަ ބައަކު އަހަރެންނަށް ތަފާތު ހުށަހެޅުންތައް ހުށަހެޅިއެވެ. އަދި ބައެއް މީހުންނާއި އެކި މިންވަރަށް ގުޅުންވެސް އުފެއްދީމެވެ.
އެހެނަސް އަހަރެން ވަރަށް ފަޚުރުވެރިކަމާއިއެކު ބުނަމެވެ. ބުރުގާ އެޅުމުގެ ކުރިން އަހަރެންގެ ހަށިގަނޑުން ޢާންމުކޮށް ފެންނަން ހުންނަ މިންވަރަށްވުރެ އިތުރަށް އަހަރެންގެ ހަށިގަނޑު ފެނުނު އެއްވެސް މީހަކު ރަށަކު ނުހުންނާނެއެވެ. އަހަރެން އަޢުރަ ކަޝްފްކުރީ ކައިވެންޏަށްފަހު އަހަރެންގެ ފިރިމީހާގެ ކުރިމަތީގައެވެ.
ދައްކަން ބޭނުންވެގެން މިއުޅެނީ ކޮންމެހެން އެވާހަކައެއް ނޫނެވެ. ފިރިހެނުން މިހާރު އެންމެ ގިނައިން ޖަހާ އެއް މަޅީގެ ވާހަކައެވެ. އެމަޅިން ސަލާމަތްވާން އަހަރެން އަމަލުކުރި ގޮތުގެ ވާހަކައެވެ.
ވަރަށް ގިނަ ފިރިހެނުން ބުނެއެވެ. ބައްދަލުކޮށްލަމާ ހިގާށެވެ! ބައްދަލުކޮށްލަން ގެއަށް އައުމުން ކޮންމެ ވަގުތަކުވެސް ބައްދަލުވާނެކަމަށް ބުނުމުން ދައްކަނީ އެހެން ވާހަކައެކެވެ. އެކަހެރިކޮށް ބައްދަލުކޮށް ލޯބިކުރާ ވާހަކައެވެ. އަދި ބުނެއެވެ. "އިންނަން އެނގޭނީވެސް ބަލާފައި ރަނގަޅުކަން ޔަޤީންކޮށްފައި ނޫން ހެއްޔެވެ؟"
އަހަރެން ސުވާލުކުރަމެވެ. "ބެލީމާ ރަނގަޅު ނުވެއްޖެ ނަމަ ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟"
ޖަވާބުގައި ބުނެއެވެ. "ރަނގަޅުވާނެކަން ޔަޤީނެވެ."
އަހަރެން ބުނަމެވެ. "ރަނގަޅުވާނެކަން ޔަޤީންވާއިރު ބަލަން ތިއުޅެނީ ކޮންކަމެއް ހެއްޔެވެ؟ ކުރަން ތިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟"
އެހިސާބުން އެމީހުންގެ އަނގަ ބަންދުވެއެވެ. އަދި އެދުވަސްވަރުވެސް ވަރަށް ގިނަ އެކުވެރިންވެސް ބުނެ އުޅުނެވެ. "ތިއަހެން ފިރިހެނުންނާ ބައްދަލުނުކޮށް ހުރެގެން ކައިވެނިކުރާނެ މީހަކު މިޒަމާނަކު ނުލިބޭނެއެވެ."
ޖަވާބުގައި ބުނަމެވެ. "ﷲ އަނގަވާފައިވާ ގޮތަށް ޢަމަލުކުރުމުން ނުލިބޭ ނިޢްމަތެއް ބޭނުމެއްވެސް ނޫނެވެ. ޢުމުރު ދުވަހު ކައިވެނި ނުކުރެވި ހުންނަން ޖެހުނު ނަމަވެސް ޢއްފަތްތެރިކަން ދޫކޮށްލައި ޢަރުޝީގެ ހިޔާވަހިކަން ނުލިބޭނެ ޢަމަލެއް ނުކުރާނަމެވެ."
އެކުވެރިން އެހެން ބުނި ނަމަވެސް ކަންތައްވީ އެގޮތަކަށް ނޫނެވެ. މިހިރީ ކައިވެނިވެސް ކޮށްގެންނެވެ. ދަރިންވެސް ލިބިއްޖެއެވެ. އެއް ޢުމުރުގެ އެކުވެރިންގެ ތެރެއިން އެންމެ ފަހުން ކައިވެނިކުރެވުނީ އަހަރެންނަށް ކަމަށްވެދާނެއެވެ. ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ! އިރާދަކުރެއްވިއްޔާ ޢިއްފަތްތެރިކަން ޙިމާޔަތްކޮށްގެން ﷲ ދެއްވަވާ ނިޢްމަތް އަހަރެންނަށްވެސް ދެއްވަވާނެއެވެ.
ލޮބުވެތި އުޚުތުންނޭވެ! ކައވެންޏާއި ނުލައި އެކަހެރިވެ ބަލަންޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ﷲ އަށް އެއްވެސް މިންވަރަކަށް ބިރުވެތިވާ ފިރިހެނުން އެފަދަ ކަންކަމަކަށް ނުއެދޭނެއެވެ. ކޮންމެ މަލަކުން ރަހަބަލަމުން ފޮނިބޮމުން ދުވުމަކީ މާބުރުގެ އުޞޫލެވެ. އެއީ މުސްލިމުންގެ އުޞޫލަކަށް ވެގެންނުވާނެއެވެ. މާބުރުތަކަށް އެ ފުރުޞަތު ނުދީފި ނަމަ ﷲ ދެއްވަވާ ނިޢްމަތް ދެދުނިޔޭގައިވެސް މާފުރިހަމަވާނެއެވެ!
މި ނަޞޭޙަތްކޮޅުން ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލުވެއްޖެ ނަމަ މަޤްޞަދު ޙާޞިލުވީއެވެ!
- ދުންޔާ/ މިއަދުނޫހުގެ ކިޔުންތެރިއެއް