ޢާއިލީ މައްސަލަތަކާއި ގުޅިގެން ބައެއް މައިން ބަފައިން ރަޙިމުގެ ގުޅުން ބާއްވަންޖެހޭ މީހުންނާއި ވާހަކަ ނުދައްކަން ދަރިންގެ ގާތުގައި އެބަ ބުނެއެވެ. އެފަދަ ބަހެއް ބުނި ނަމަވެސް އެގޮތަށް ކަންތައްކޮށްގެން ނުވާނެއެވެ. ރަޙިމުގެ ގުޅުން ބާއްވަންޖެހޭ މީހަކާއި ވާހަކަ ނުދައްކައި ހުރެގެން ނުވާނެއެވެ. ހުރެއްޖެނަމަ އެކުރެވެނީ ފާފައެކެވެ. ބޮޑު ފާފައެކެވެ.
މައިންބަފައިން ކުރާ އަމުރުތަކަށްވެސް ކިޔަމަންވާން އޮތީ ވަކި ހަމަތަކެއްގެ މަތީންނެވެ. ﷲ ތަޢާލާގެ އެންގެވުންތަކާއި ޚިލާފްނުވާނެ ގޮތަކަށެވެ. މިޘާލަކަށް ދަރިފުޅު ބުރުގާ އެޅުމުން ނާޅަން ބުނެފިނަމަ ކިޔަމަންވެގެން ނުވާނެއެވެ. ޚުލާޞާއަކީ ﷲ ތަޢާލާގެ އަމުރުފުޅަކާއި ޚިލާފްވާނެ އެއްވެސް ކަމެއްގައި ކިޔަމަންގަނެގެން ނުވާނެއެވެ.
މައިންބަފައިން އެފަދަ އަމުރުތައް ކުރަނީ އެމީހުންގެ ހޭލުންތެރިކަން ކުޑަކަމުންނެވެ. އެޙާލަތުގައި އޮތީ އެމީހުންނަށް ވިސްނައިދިނުމެވެ. ވިސްނައިދޭން ވާހަކަދައްކާއިރުވެސް ވާހަކަދައްކަންވާނީ ރުޅިވެރިކަމާއިއެކުގައެއް ނޫނެވެ. މުޢާމަލާތުކުރަންވާނީ ރިވެތިގޮތުގައެވެ. ހެޔޮކޮށް ހިތައި އިޙްތިރާމްކުރުމާއިއެކުގައެވެ.
އަދިހަމަ އެހެންމެ ﷲ ތަޢާލާއަށް އުރެދުމަކަށްނުވާ ކޮންމެ ކަމެއްގައިވެސް މައިންބަފައިންނަށް ކިޔަމަންތެރިވާންވާނެއެވެ. ކިތަންމެ މުސްކުޅިވެފައިތިބިނަމަވެސް މެއެވެ. މައިންބަފައިންނަށް ކިޔަމަންތެރިވާން ވަކިޢުމުރެއް ނެތެވެ.
މިވާހަކަ މިގޮތަށް ބުނަންމިޖެހުނީ ރަޙިމުގެ ގުޅުން ކެނޑޭފަދަ ކަންކަން ކުރެވުމުން ދެން ކުރިމަތިވާ މައްސަލަތައް ބޮޑުކަމުންނެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން މަޙްރޫމްވެދާނެ ކަމަކަށްވާތީއެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން