ޚަދީޖަތުގެފާނު 5: މާތް ރަސޫލާ ޞޢޥ އެކަމަނާގެ މުދާ ހިއްޕަވައިގެން ޝާމުކަރައަށް ކުރެއްވި ދަތުރުފުޅު-

ކިޔުމަށް ހޭދަވާނީ 7މ 28ސ
ޚަދީޖަތުގެފާނު 5: މާތް ރަސޫލާ ޞޢޥ އެކަމަނާގެ މުދާ ހިއްޕަވައިގެން ޝާމުކަރައަށް ކުރެއްވި ދަތުރުފުޅު-

ޢަލީ އިޙްޞާން ފިރާޤް

 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝާމުކުރައިގައި: 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ހަރުދަނާ ހެޔޮ ޚުލުޤުފުޅުގެ ސަބަބުން خديجة ގެފާނު،  އެކަމަނާގެ ވިޔަފާރި މުދަލާއިގެން ޝާމުކުރައަށް އެކަލޭގެފާނު ފޮނުއްވުމަށް ނިންމެވިއެވެ. އެ މަޤްޞަދުގައި އެކަމަނާ އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އެވާހަކަ ވިދާޅުވިއެވެ. އަދި ވިޔަފާރީގެ ފައިދާގެ ގޮތުގައި ލިބޭ މިންވަރުން އެހެން މީހުންނަށް ދދެއްވަވާ މިންވަރަށް ވުރެ ދެބައި ގިނަކޮށް ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ خديجة ގެފާނުގެ މިދެންނެވި ހުށައެޅުއްވުން ޤަބޫލުފުޅު ކުރެއްވެވިއެވެ. އެކަމަނާގެ މުދަލާއިގެން ޝާމުކަރަށް ވަޑައިގެންނެވުމަށް އެއްބަސްވެވަޑައިގެންވިއެވެ. ރިވާވެގެންވާ ގޮތުގައި މިކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅާވެސް މަޝްވަރާ ކުރެއްވިއެވެ. {އިބްނު ސަޢުދު، ޠަބަޤާތު،ޞަފްޙާ 129،130}

ބައެއް މުއައްރިޚުން ލިޔުއްވާގޮތުގައި، ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم، خديجة ގެފާނުގެ މުދާ ހިއްޕަވައިގެން ވިޔަފާރި ކުރެއްވުމަށް ލަފާ އެރުއްވި ބޭފުޅަކީ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "މައްކާގެ ވިޔަފާރި ޤާފިލާ ޝާމުކުރައަށް ދާން ތައްޔާރުވަނީއެވެ. خديجة ގެފާނަކީ، އެކަމަނާގެ މުދާ މީސްތަކުންނާ ހަވާލުކުރައްވައި، ވިޔަފާރި ކުރުމަށް ފޮނުއްވާ ބޭކަނބަލެވެ. ކަލޭގެފާނު، އެކަމަނާގެ މުދާ ހިއްޕަވައިގެން ވަޑައިގެންނެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ޚަބަރު އެކަމަނާއަށް ލިބިވަޑައިގެންފިނަމަ، ހަމަކަށަވަރުންވެސް، އެކަމަނާ ކަލޭގެފާނު އެހެން މީހުންގެ މައްޗަށް ޚިޔާރު ކުރައްވާނެއެވެ. އެއީ ވިޔަފާރީގެ މައިދާނުގައި ކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރި ކަމުގެ ސަބަބުންނެވެ. އަހަރެން ކަލޭގެފާނު ޝާމުކުރައަށް ފޮނުއްވުމަކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ނަމަވެސް މިދުވަސްވަރު ހާލަތު ނިޔާކުރާ ގޮތުގެ މަތީން އިތުރު އެހެން ގޮތެއް ނެތީއެވެ." ދެން ނަބިއްޔާ صلّى اللّـه عليه وسلّم، خديجة ގެފާނުގެ މުދާ ހިއްޕަވައިގެން ޝާމުކަރައަށް ވަޑައިގެންނެވިއެވެ.

{  أبو نعيم الأصبهاني، دلائل النبوة،1:172  } 

ނުބުއްބަތުގެ އަސަރުތައް: 

خديجة ގެފާނުގެ މުދާ ހިއްޕަވައިގެން، ނަބިއްޔާ صلّى اللّـه عليه وسلّم، ޝާމުކަރައިގެ ބުޝްރާއަށް ކުރެއްވި ދަތުރުފުޅުގައި، خديجة ގެފާނުގެ އަޅު ކުއްޖެއް ކަމުގައިވާ މައިސަރާވެސް ބައިވެރިވަޑައިގަތެވެ. { ابن سعد ، طبقات،1:130 } މިދަތުރުގައި މައިސަރާ ބައިވެރިވެވަޑައިގަތީ، ނަބިއްޔާ صلّى اللّـه عليه وسلّم،އަށް ވިޔަފާރީގެ ކަންތައްތަކުގައި އަތްގާތްކޮށްދެއްވައި އެހީތެރިކަން ފޯރުކޮށް ދެއްވުމަށްޓަކައެވެ. މިހެން އުޅުއްވުމުގެ ތެރޭގައި މައިސަރާއަށް ނަބިއްޔާ صلّى اللّـه عليه وسلّم،ގެ އުޅުއްވުން ވަރަށް ކައިރިން ތަޖުރިބާކޮށްލައްވަން ފުރުސަތު ލިބިވަޑައިގެންނެވިއެވެ. މައިސަރާއަށް މުޙައްމަދު صلّى اللّـه عليه وسلّم،ގެފަރާތްޕުޅުން ފެނިވަޑައިގެންނެވީ އިންސާނެއްގެ ފަރާތުން ނުފެންނާނެފަދަ ނާދިރު ހެޔޮ ޚުލުޤުފުޅުތަކެވެ. އެކަލޭގެފާނުގެ ބަސްފުޅާއި ޢަމަލުފުޅުގައި ކުޑަވެސް ޚިލާފެއްނުވެއެވެ. 

މިދަތުރުފުޅުގައި، މައިސަރާ ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް ދެކެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން ޙާދިސާއެކެވެ. އެއްފަހަރަކު، ނަބިއްޔާ صلّى اللّـه عليه وسلّم، ސާމުކަރައިގެ ބުޝަރާގެ ގަހެއްގެ ހިޔަލުގައި އޮށޯވެވަޑައިގެން އޮންނެވިއެވެ. އެތަނަކީ، ނަސްތޫރާ އޭ ކިޔުނު ރާހިބަކު ދިރިއުޅެމުން އައި ތަނެކެވެ. މި ރާހިބު ކަލޭގެއަށް ނަބިއްޔާ صلّى اللّـه عليه وسلّم، ފެނިވަޑައިގަންނަވާ އިރަށް ބުނެފިއެވެ."މިގަސްދޮށުގައި ރަސޫލުބޭކަލެއް މެނުވީ މަޑު ނުކުރައްވާނެއެވެ." ދެން އޭނާ މައިސަރާއާ ސުވާލު ކުރިއެވެ. "އެކަލޭގެފާނުގެ ލޯފުޅުގައި ރަތްކަމުގެ އަސަރު ހުރޭ ހެއްޔެވެ؟" މައިސަރާ އާނއެކޭ ދެންނެވުމުން ރާހިބު ކަލޭގެ ބުންޏެވެ. "ހަނދާން ކުރާށެވެ. އެކަލޭގެފާނަކީ، އެންމެ ފަހުގެ ރަސޫލާއެވެ."

{ أبو نعيم الأصبهاني، دلائل النبوة،1:173  } 

އެހެން ފަހަރަކު،ގަދަ އަވީގައި، ނަބިއްޔާ صلّى اللّـه عليه وسلّم، ހުންނަވަނިކޮށް، ދެ މަލާއިކަތަކު ވަޑައިގެން އެކަލޭގެފާނަށް ހިޔާފުޅު އަޅުއްވާތަން މައިސަރާ ދެކެވަޑައިގެންނެވިއެވެ. ބައެއް އިތުރު ރިވާޔަތް ތަކުގައި ބަޔާންވެގެންވާ ގޮތުގައި ދެ މަލާއިކަތް ބޭކަލުން ނަބިއްޔާ صلّى اللّـه عليه وسلّم، އަށް ހިޔާފުޅު އަޅުއްވާތަން ޚުދު خديجة ގެފާނުވެސް ދެކެވަޑައިގެންނެވިއެވެ. އެއީ ވިޔަފާރި ދަތުރުފުޅު ނިންމަވައި، އެނބުރި މައްކާއަށް ވަޑައިގެންނެވި ދުވަހުއެވެ.

އެއްފަހަރަކު، ނަބިއްޔާ صلّى اللّـه عليه وسلّم، ވިޔަފާރީގެ މުޢާމަލާތެއްގައި، މީހަކާ ދެބަސްވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވިއެވެ. އެ ކަންތައްގަނޑުގެ ތެރޭގައި އެމީހާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. [ކަލޭގެފާނު ލާތައާއި ޢުއްޒާ ގަންދީ ހުވާ ކުރައްވާށެވެ.] ލާތައާއި ޢުއްޒާއަކީ ޖާހިލިއްޔަ ޒަމާނުގައި ޢަރަބިން އަޅުކަން ކުރަން ގެންގުޅުނު ދެބުދެވެ. ޢަރަބީން ޤަބޫލު ކުރާ ގޮތުގައި އެދެބުދަކީ މާތްﷲ ގެ ދެ ދަރިކަނބަލުންނެވެ. ކޮންމެއަކަސް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. 

"އަހަރެން ދުވަހަކުވެސް އެ ބުދުތައް ގަންދީ ހުވައެއް ނުކުރަމެވެ. ތިމަންކަލޭގެފާނު،އެބުދުތަކުގެ ކައިރިން ވަޑައިގެން ނަމަވެސް އެތަކެއްޗަކަށް ފަރުވާލެއް ނުބަހައްޓަމެވެ." 

ދެން އެމީހާ މައިސަރާއަށް ބުނި ކަމަށް ރިވާވެފައިވެއެވެ. "މާތް ކަލާނގެ ގަންދެމެވެ. މިއީ އަހަރެމެންގެ ފޮތްތަކުގައި  ބަޔާން ކުރެވިގެންވާ ނަބިއްޔާއެވެ." 

ރިވާވެގެންވާ ގޮތުގައި، ނަބިއްޔާ صلّى اللّـه عليه وسلّم، އަށް މުދާ ހަވާލުކުރައްވައި، خديجة ގެފާނު ފޮނުއްވި މުދަލުން އެހެން ފަހަރު ފަހަރު ފައިދާ ވާ ވަރަށް ވުރެ ދެ ގުނަ އިތުރަށް ފައިދާވިއެވެ. خديجة ގެފާނު، އެކަލޭގެފާނަށް އެހެން މީހުންނަށް ދެއްވާ ވަރަށް ވުރެ ހަތަރުބައި ގިނައިން ދެއްވިއެވެ. ކުރިން އެކަމަނާ އެއްބަސްވެވަޑައިގެންފައިވަނީ ދެ ގުނަ އިތުރަށް ދެއްވުމަށެވެ.

{ ابن سعد ، طبقات،1:130 } 

ޝާމުކަރައިން އެނބުރި ވަޑައިގަތުމަށްފަހު: 

ޝާމުކަރައިގެ ވިޔަފާރި ދަތުރުގެ ފުރިހަމަ ރިޕޯޓެއް މައިސަރާ خديجة ގެފާނަށް އެރުވިއެވެ. ކައުނަބިއްޔާގެ ފަރާތްޕުޅުން އެނާ ދެކެވަޑައިގެންނެވި، އެންމެހައި ކަންތައްތަކެއް ވިދާޅުވެ ދެއްވިއެވެ. ދެން، خديجة ގެފާނު މި ވާހަކަތައް ވިދާޅުވެ ދެއްވީ އެކަމަނާގެ ދެބެއިންގެ ދެދަރި ބޭކަލެއްކަމުގައިވާ ورقة بن نوفل ގެ އަރިހުގައެވެ. ނަސްތޫރާ ރާހިބު އެކަލޭގެފާނާ ބެހޭ ގޮތުން ބުނި ވާހަކަތަކާއި، ދެ މަލާއިކަތަކު އެކަލޭގެފާނަށް ހިޔާފުޅު އަޅުއްވާ ވާހަކައެވެ. މި ވާހަކަތައް އައްސަވައި ورقة بن نوفل ވިދާޅުވިއެވެ.  

"ކަމަނާ ތިޔަ ވިދާޅުވީ ތެދުފުޅެއް ކަމުގައިވަނީ ނަމަ، މުޙައްމަދުގެފާނަކީ މި އުއްމަތުގެ ނަބިއްޔާއެވެ. ރަސޫލާއެވެ. އަހަރެންނަށް އެނގިފައިވާ ގޮތުގައި ޢަރަބީންގެ ތެރެއަށް ދާދި އަވަހަށް ނަބިއްޔަކު ވަޑައިގަންނަވާނެއެވެ. މިއީ އެކަލޭގެފާނު ފޮނުއްވާނެ ޒަމާނެވެ." {ابن هشام، السيرة، 1:191}

ނުނިމޭ- 

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.

 

މިއަދު އޮންލައިން