ރައްކައުތެރިވާން މަސައްކަތް ކުރިޔަސް ސިޙުރާ އެސްފީނާގެ އުނދަގޫތައް ޖެހޭނެ! އެކަމަކު ލިބޭ ގެއްލުން ކުޑަވެ ސަލާމަތްވެވުން ފަސޭހަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރައްކައުތެރިވާން މަސައްކަތް ކުރިޔަސް ސިޙުރާ އެސްފީނާގެ އުނދަގޫތައް ޖެހޭނެ! އެކަމަކު ލިބޭ ގެއްލުން ކުޑަވެ ސަލާމަތްވެވުން ފަސޭހަވާނެ! އިން ޝާ ﷲ

ބައެއް މީހުން އެކުގައި ގެންގުޅެން ނުވާނެ މީހުންނާއިއެކު އުޅެމުން ބުނެއެވެ. އަހުރެން ހެޔޮ ޢަމަލުތައް ކުރަމެވެ. އަހުރެންނަކަށް އެއްވެސް ކަމެއް ނުވާނެއެވެ. އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ތިމާއަށް ގެއްލުމެއް ލިބިދާނެ ކަމަށް ޤަބޫލުކުރެވޭނަމަ އޮތީ އެމީހަކާއި ދުރުހެލިވުމެވެ. ޚާއްޞަކޮށް ސިޙުރުހަދާކަމަށް ޝައްކުކުރެވޭ މީހަކާއި ގުޅިގެން އުޅެން ހެޔޮނުވާނެއެވެ.  

ނަމާދުކޮށް، ޒަކާތްދީ އަދި އެނޫންވެސް ހެޔޮ ޢަމަލުތައް ކޮށްއުޅޭ ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުގައި ޘާބިތުވެ ތިބޭނަމަ އެމީހަކަށް ސިޙުރާއި އެސްފީނާ ނުޖެހޭނެ ކަމަށެވެ. އެހެންވެ އެމޭރުމުން ބަސްތައްވެސް ބުނެއުޅެއެވެ.  

އެބައަކަށް ޤަބޫލުކުރެވިފައި އެވަނީ ރަނގަޅަކަށް ނޫނެވެ. ކިތަންމެ ބޮޑު ތަޤްވާވެރިއަކަށްވެސް ސިޙުރާއި އެސްފީނާ ޖެހިދާނެއެވެ. ހަމައެކަނި އޮންނާނެ ތަންކޮޅަކީ ކޮންމެ މީހަކަށް ކޮންމެކަމެއްވެސް ޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތުން އެކަމެއް މިންވަރުކުރެއްވެވުމުން ކަމެވެ.  

ތަޤްވާބެރިންކަން ބޮޑުވުމާއި ހެޔޮ ޢަމަލުތައްކޮށް އުޅުމަކީ ސިޙުރާއި އެސްފީނާ ނުޖެހޭނެ ކަމެއް ނަމަ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އަކަށް ޖެހިވަޑައެއް ނުގަތީހެވެ.  އަދި އެފަދަ ކަންކަން ޖެހެނީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅުންނަމަކަވެސް އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އަކަށް ޖެހިވަޑައެއް ނުގަތީހެވެ. އެހެނީ ﷲ ތަޢާލާ އުފެއްދެވި އެންމެހައި މަޚްލޫޤުންގެ ތެރެއިން އެކަލާނގެ އެންމެ ބޮޑަށް ލޯބިފުޅުވެ ވޮޑިގަންނަވާ މަޚްލޫޤަކީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އެވެ.   

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމުން ގެންދާށެވެ. އެކަމަށް ކަންނެތްނުވާށެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުންމަތީގައި ދެމިހުންނާށެވެ. އެއިރުން ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އަދި ސިޙުރާއި އެސްފީނާފަދަ ކަމެއް ޖެހުނަސް އެކަމަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން