ނިޢުމަތެއް މިންވަރުކުރައްވަވައިފިނަމަ އޮތީ އުފާކުރުމަށްވުރެ ބޮޑަށް އެކަމަކަށް ސަމާލުކަން ދިނުން! ނޫންނަމަ ނަތީޖާ ބަދަލުވެގެންދިއުން ގާތްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ނިޢުމަތެއް މިންވަރުކުރައްވަވައިފިނަމަ އޮތީ އުފާކުރުމަށްވުރެ ބޮޑަށް އެކަމަކަށް ސަމާލުކަން ދިނުން! ނޫންނަމަ ނަތީޖާ ބަދަލުވެގެންދިއުން ގާތްވާނެ!

ފުރަތަމަ ކަމަކަށް ﷲ ތަޢާލާ ދެއްވަވާ ކޮންމެ ނިޢުމަތަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. އެއީ މުދައުކަމުގައިވީނަމަވެސް އަނބިދަރިންކަމުގައިވީނަމަވެސް އަދި މަޤާމެއްކަމުގައިވީނަމަވެސްމެއެވެ. 

ﷲ ތަޢާލާ މީސްތަކުންނަށް ނިޢްމަތްތައް ދެއްވެވުމުން އެއީ އެކަލާނގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބުނީކަމަށް ހީކުރެވޭ މީހުން ވަރަށް ގިނައެއްވެ. ނަމަވެސް އެކަމުގެ ޙަޤީޤަތް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

އަންނަނިވި އާޔަތާއިމެދު ވިސްނައި ފިކުރު ހިންގާށެވެ! 

﴿أَيَحْسَبُونَ أَنَّمَا نُمِدُّهُمْ بِهِ مِنْ مَالٍ وَبَنِينَ [55] نُسَارِعُ لَهُمْ فِي الْخَيْرَاتِ بَلْ لَا يَشْعُرُونَ [56] [المؤمنون: 55، 56] 

މާނައީ: "މުދަލާއި، ދަރިންގެ ތެރެއިން ތިމަންއިލާހު އެބައިމީހުންނަށް ދެއްވާ ދެއްވުން އެއީ، ތިމަންއިލާހު އެބައިމީހުންނަށް ހެޔޮކަންތައް ދެއްވުމުގައި އަވަސްވެވޮޑިގަންނަވަނީކަމަށް އެބައިމީހުން ހީކުރަނީ ހެއްޔެވެ! އަދި ކިއެއްހެއްޔެވެ! އެބައިމީހުންނަށް (އެކަމުގެ ޙަޤީޤަތް) ނޭނގެނީއެވެ." 

ﷲ ތަޢާލާ ތަނަވސްކަން ދެއްވެވުމުން އަދި ދަރިން ދެއްވެވުމުންވެސް ކުރަން އޮތްކަމަކީ މުދަލާއި ދަރިންނަށް ރައްކައުތެރިވުމެވެ. މުދަލަށް ރައްކައުތެރިވުމަކީ ޝުކުރުވެރިވެ އެތަކެތި ބަލަހައްޓައި އެއިން ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން ގިނަކުރުމެވެ. ދެއްވެވި ތަނަވަސްކަން ލިބުނީ ތިމާގެ އަމިއްލަ މޮޅުކަމުން ނޫންކަމާއި ﷲ ތަޢާލާގެ ދީލަތިވަންތަކަމުންކަން ހިތުގެ އަޑިން ޤަބޫލުކުރުމަކީ އެއީއެވެ. ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވުމަކީވެސް ހަމަ އެއީއެވެ. 

އެންމެ ބޮޑު މުއްސަންޖަކީ އެމީހާގެ އަމިއްލަ ބޭނުންތައް ނުފުއްދައި ފަހަށްޓާފައި އެހެން މީހުންގެ ބޭނުންތައް ފުއްދައިދޭ މީހާއެވެ. އެންމެ ބޮޑު ބުއްދިވެރިއަކީވެސް ހަމަ އެއީއެވެ. އެހެނީ އޭނާގެ ބޭނުންތައް މިދުނިޔޭގައި ނުފުދުނު ނަމަވެސް އޭނާއަށް އެއްވެސް މައްސަލައެއް ނެތެވެ. އާޚިރަތް ދުވަހު ﷲ ތަޢާލާ އޭނާގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެކަން އޭނާ އެބަ ޔަޤީންކުރެއެވެ. ވީއިރު އޭނާއަށްވުރެ ވަކިން ބޮޑު ބުއްދިވެރިއަކީ ކާކުހެއްޔެވެ؟ 

ދުނިޔޭގައި އެމީހަކު ބޭނުންވާ ކަންކަން ޙާޞިލުކުރާ މީހާ ދުނިޔެދޫކޮށް ދާންޖެހޭނީ އޭނާ އެއްކުރިތަކެތި ބަހައްޓައިފައެވެ. އެހެންބައަކަށް ދޫކޮށްފައެވެ. އެހެން މީހުންގެ ބޭނުންތައް ފުއްދައިދިން މީހާ ދުނިޔެ ދޫކޮށްދާނީ އާޚިރަތް ދުވަހުން ލިބިގަންނަން އެކަންކަން އާޚީރަތް ދުވަހަށް ޖަމާކޮށްފައެވެ. ހަމަކަށަވަރުން ނަޞީބުލިބިގެންފި މީހުންނަކީ ހަމައެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން