ޑިޕްރެޝަަނުން ސަލާމަތްވެ ހުންނަން ބޭނުންވާނަމަ ތައުބާވުމުގެ ކުރިން ކުރެވުނު ފާފަތަކާމެދު ވިސްނައިގެންވެސް ނުވާނެ! ތައުބާވުމުން އެހުރިހާކަމެއް އެއޮތީ "ޑިލީޓް" ވެފަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޑިޕްރެޝަަނުން ސަލާމަތްވެ ހުންނަން ބޭނުންވާނަމަ ތައުބާވުމުގެ ކުރިން ކުރެވުނު ފާފަތަކާމެދު ވިސްނައިގެންވެސް ނުވާނެ! ތައުބާވުމުން އެހުރިހާކަމެއް އެއޮތީ "ޑިލީޓް" ވެފަ!: މުފްތީ މެންކް

ތައުބާވުމުގެ ކުރިން ކުރެވިފައިވާ ފާފަތަކާއިމެދު ވިސްނާ މީހަކަށް ޑިޕްރެޝަނުން ސަލާމަތެއް ނުވެވޭނެއެވެ. އަބަދުވެސް ހުންނަން ޖެހޭނީ އެކަމުގެ ކަންބޮޑުވުމުގެ ތެރޭގައެވެ. ފުރިހަމަ ގޮތުގައި ނަމާދުކުރަންވެސް އުނދަގޫވާނެއެވެ.  

ހިތުގައި އެނބުރޭނީ މިވެނި އެވެނި ފާފައެއް ފުއްސަވައި ދެއްވެވި ބާވައެވެ! ޖަވާބަކީ ތައުބާވުމުން އެއޮތީ ކުރިން ކުރެވުނު ހުރިހާ ފާފަތަކެއް "ޑިލީޓް"ވެ ނިމިފައެވެ. ވީމާ ތައުބާވުމަށްފަހު މާޒީގެމަތިން ހަނދުމަނެތިކޮށްލާށެވެ! ލިބުނު ފުރުޞަތުގެ ބޭނުން ހިފައި ޖަންނަތުލްފިރްދައުސް ހޯދަންކުރާ މަސައްކަތް އިތުރުކުރާށެވެ. 

މިކަމަށް ވިސްނާނަމަ ފުރަތަމަ ބަލައިލަންވީ ޞަޙާބީންނަށެވެ. އެބޭކަލުންނަކީ ކުރިން ބުދުތަކަށާއި ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންނަށް އަޅުކަންކޮށް އުޅެއްވެވި ބޭކަލުންނެވެ. އެބޭކަލުން އިސްލާންވެވަޑައިގެން ތައުބާވެވަޑައިގަތުމަށްފަހު އެބޭކަލުންނަށް މާޒީގައި ކުރެއްވެވިފައިވާ ފާފަތަކާއިމެދު ކަންބޮޑުވެވަޑައިގެން ނުއުޅުއްވަވައެވެ. އެބޭކަލުން އެކަންކަމުގެ ވާހަކަތައް ދައްކަވައި އުޅުއްވެވީ ކުރެއްވެވިފައިވާ މޮޔަ ކަންކަމުގެ ގޮތުގައެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިތަންމެ ގިނައިން، ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމަށްފަހު ކުރިން ކުރެވުނު އެއްވެސް ފާފައެއްގެ ވާހަކަ ނުދައްކާށެވެ. އެންމެ މަޤްޞަދެއްގައި ނޫން ގޮތަކަށެވެ. އެ މަޤްޞަދަކަށް ވާންޖެހޭނީ ތިބާއަކީ ކުރިން ބޮޑެތި ފާފަތައް ކުރެވުނު މީހެއްކަމަށާއި ނަމަވެސް މިހާރު މިހުރީ ތައުބާވެ ތައުބާގެމަތީގައިކަން މީސްތަކުންނަށް ބުނެދީ ތިބާފަދަ މީހަކަށްވުމަށް މީސްތަކުންނަށް ހިތްވަރުދިނުމަށެވެ. 

ދެން އޮތީ ތައުބާގެ މަތީގައި ޘާބިތުވާން ކުރަންވީ ކޮންކަމެއް ކަމާއިމެދު ވިސްނައިލުމެވެ. އެކަންވެސް ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އެއީ ކެތްތެރިވާން މަސައްކަތްކުރުމާއި ނަމާދުކުރުމުން ވާގިއެދުމެވެ. ޔަޤީންކުރާށެވެ! ފަރުޟު 5 ނަމާދަށް ފުރިހަމަ ގޮތުގައި ރައްކައުތެރިވެ ޖަމާޢަތުގައި ނަމާދުކުރަން މަސައްކަތްކުރާ މީހަކަށް އެމީހަކު އެދޭ ކޮންމެ ކަމަކަށް މަގުދައްކަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން