ސުވަރުގެ ވަދެވޭނެ މީހުންގެ ތެރޭގަ ނަރަކައިގަ އެތައް ހާސް އަހަރަކު ތިބެންޖެހޭނެ މީހުން ވަރަށް ގިނަވާނެ! ނަރަކައަށް ހިނދުކޮޅަކަށްވެސް ވަންނަން ނުޖެހޭނެ މީހަކަށްވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ސުވަރުގެ ވަދެވޭނެ މީހުންގެ ތެރޭގަ ނަރަކައިގަ އެތައް ހާސް އަހަރަކު ތިބެންޖެހޭނެ މީހުން ވަރަށް ގިނަވާނެ! ނަރަކައަށް ހިނދުކޮޅަކަށްވެސް ވަންނަން ނުޖެހޭނެ މީހަކަށްވަމާ!

"ކަލޭ ޝަހާދަތް ކިޔަމުނު! ނަމާދުވެސް ކުރެވުނު ވަރަކަށް އެބަކުރަމުނު! ކަލޭ ސުވަރުގެ ވައްދަވާނެ!" މިފަދަ ބަސްތައް ބުނެ އުޅޭ މީހުން ވަރަށް ގިނައެވެ. ފުރަތަމަ ކަމަކީ ޝަހާދަތް ކިޔުމަކީ ކިޔާ އެއްޗަކަށް ޢަމަލުކުރުމެވެ. ވީމާ ދުލުންކީނަމަވެސް ޢަމަލުނުކުރާނަމަ އެތަނުންވެސް އެއޮތީ ފޭލްވެފައެވެ.

ދެން އޮތީ ނަމާދެވެ. ނަމާދަކީ ކުރެވުނުވަރަކަށް ކުރަން އޮތް ކަމެއް ނޫނެވެ. ފަރުޟޫ 5 ނަމާދު ޖެހޭނީ ހަމައަށް އަދާކުރާށެވެ! ކުރެވުނު ވަރަކަށް ކުރުމުގެ އިޚްތިޔާރު އޮތީ ހަމަ އެކަނި ސުންނަތް ނަމާދުތަކުގައެވެ.

ތެދެކެވެ. ޝަހާދަތުގެ ދެ ކަލިމަ ކިޔައި ޤަބޫލުކޮށް ﷲ ތަޢާލާއަށް އީމާންވެގެން ހުރި ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ. އެހެނަސް ﷲ ތަޢާލާއަށް އީމާންވެގެން ހުރެ ﷲ ތަޢާލާގެ ޙަޟްރަތަށްދާ އެންމެންނަކީ ނަރަކައަށް ވަންނަން ނުޖެހި ސުވަރުގެ ވަދެވޭނެ ބައެއް ނޫންކަން އެނގެން އެބައޮތެވެ. ވީމާ މިއީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. ނަރަކައަށް ނުވަދެ ސުވަރުގެ ވަދެވޭ މީހުންގެ ތެރޭގައި ތިމާ ހިމެނުމަށްޓަކައެވެ.

އެކަމަށްޓަކައި ކުރަންޖެހޭ ފުރަތަމަ ކަމަކީ އީމާންކަން ފުރިހަމަކުރުމެވެ. އީމާންކަމުގައި ދަރަޖަތަކެއް އެބަހުރިކަން އަހަރެމެންނަށް އެބައެނގެއެވެ. އަދި އީމާންކަން ފުރިހަމަވާނީ އެންމެ ކަމަކުން ނޫންކަމާއި އީމާންކަން ފުރިހަމަކުރަން އެތައް ބައިވަރު ކަންކަން ކުރަންޖެހިފައިވާކަން ވެސް އެބަ އެނގެއެވެ. އެގޮތުން ވަރަށް ކުޑަކުޑަކަމެއް ބުނެފާނަމެވެ.

ﷲ ތަޢާލާއަށް އީމާންވެގެން ހުރިނަމަވެސް އީމާންކަން ފުރިހަމަވާނީ ތިމާއަށް އެދޭކަންކަން ތިމާގެ އަޚާއަށްވެސް ލިބުމަށް އެދިގެންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ސުވާލަކީ އަޚާ އާއިމެދު މިފަދައިން އެދެވޭ ހެއްޔެވެ؟ ނުއެދެވޭނަމަ އެމީހާގެ އީމާންކަން ފުރިހަމަނުވާނެތެވެ. މިއީ ބަހުސްކުރަން ޖާގަ އޮތް ކަމެއް ނޫނެވެ.

މިއަދުގެ ޒުވާނުންނަށް ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ.

އެއީ ރީތި އަންހެން ކުއްޖެކެވެ. އޭނާ އާއި ކައިވެނިކުރަން ތިބާ ބޭނުންވެއެވެ. އެހެން މީހަކުވެސް ބޭނުންވެއެވެ. އެކަމަށް ވާދަކުރުމުގައިވެސް އަނެކާއަށް ބަދުދުޢާނުކުރާށެވެ! ތިބާއަށް ކުރެވެން އޮތް މަސައްކަތެއް ރިވެތިގޮތުގައިކުރާށެވެ! އަދި ތިބާއަށް އެކަނބަލަކުގެ ކައިވެނި ދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި ދަންނަވާށެވެ! އަނެކާއަށް ނުދެއްވެވުމަށް ނުއެދޭށެވެ. ﷲ ތަޢާލާ ނިންމަވާގޮތް ބަލައިގަނެ ޝުކުރުވެރިވާށެވެ. ތަނަވަސްކަން ބޭނުންވާ މީހާ އެހެން މީހަކަށް ތަނަވަސްކަން ނުލިބުމަށް އެދިގެންނުވާނެއެވެ. ތަނަވަސްކަން ލިބިގަތުމަށް މަސައްކަތްކުރާށެވެ! ދުޢާވެސް ކުރާށެވެ! އަނެކާއަށް ތަނަވަސްކަން ކިތަންމެ ބޮޑަށް ދެއްވެވި ނަމަވެސް ތިބާއަށް ދެއްވަވާނެ މިންވަރުން ޛައްރެއްގެ މިންވަރުވެސް މަދެއްނުކުރައްވަވާނެއެވެ.

ޙަދީޘްފުޅުގައިވާ ފަދައިން އީމާންކަން ފުރިހަމަވާނީ މިބުނި ފަދައިން ވިސްނައި އަމަލުކުރުމުންނެވެ. ނޫންނަމަ ތިބާއަކީ އީމާންކަން ފުރިހަމަނުވާ މީހުންގެ ތެރޭގައި ހިމެނެން ޖެހިދާނެކަމަށް ބިރުވެތިވާށެވެ! ޢަޒުމަކަށް ހަދަންވީ އީމާންކަން އެންމެ ފުރިހަމަކޮށް ނަރަކައިގެ އަލިފާނުގައި ބީހިވެސް ނުލައި ސުވަރުގެ ވަދެވޭ މީހަކު ކަމުގައިވުމަށެވެ.

އީމާންކަން ފުރިހަމަކުރުމަށް މަސައްކަތްކުރުމަކީ ރަސޫލް ﷺ އެންމެ ބޮޑަށް ބާރު އެޅުއްވެވި އެއްކަންތަކެވެ. އެއީ ހަމަ މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ. ސުވަރުގެ ވަދެވުމުގެ ކުރިން ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށްޓަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން