ދައްޖާލުގެ ފިތުނަ ޤަބޫލުކުރަން ތައްޔާރުވަމުން އަންނަތަން ނުފެންނަ މުޖުތަމަޢެއް މިހާރަކު ނުފެނޭ! އޮތީ ތިމާގެ އަމިއްލަ ނަފްސް ސަލާމަތްކުރުން!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ދައްޖާލުގެ ފިތުނަ ޤަބޫލުކުރަން ތައްޔާރުވަމުން އަންނަތަން ނުފެންނަ މުޖުތަމަޢެއް މިހާރަކު ނުފެނޭ! އޮތީ ތިމާގެ އަމިއްލަ ނަފްސް ސަލާމަތްކުރުން!: ބިލާލް އައްސަދު

ދައްޖާލު ފައުޅުނުވެ ދައްޖާލުގެ ފިތުނަ ޢާންމުވާކަމަށް ބުނެވޭސަބަބާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަން މެދުވެރިވަމުން އަންނަ ގޮތް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ

އެންމެ ހެޔޮކަން ބޮޑުވެގެންވަނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔޭގައި އުޅުއްވެވި ޒަމާނުގައި އުޅުނު މީހުންގެ އެވެ. އެއަށްފަހު އަހަރުން އަހަރަށް ދާނީ މީސްތަކުންގެ ނުބައިކަން ބޮޑުވަމުންނެވެ.

އެއީ އެ އަހަރުތައް ނުބައިވާތީއެއް ނޫނެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލޭ މީހުން ގިނަވެ ފާފަކުރާ މީހުންގެ ޢަދަދު ގިނަވަމުންދާނެތީއެވެ. މީސްތަކުން ލައްވައި ފާފަ ކުރުވަން އުޅޭ މީހުންގެ ޢަދަދުވެސް ގިނަވަމުންދާނެތީއެވެ.

އެގޮތުން މިހާރު ހިނގަމުންމިދާ 21 ވަނަ ޤަރުނު ވެގެން މިދަނީ ދައްޖާލު އެރުމަށް، ނުވަތަ ދައްޖާލު އަރައި ބުނާ ބަސް ޤަބޫލު ކުރުމަށް މީސްތަކުން ތައްޔާރުކުރުމުގައި އެންމެ ބޮޑަށް ކުރިއަރަދިއަ ޤަރުނުކަމުގައެވެ. ދުނިޔޭގެ ބައެއް ލީޑަރުންނާއި ތިމަންމެންނަކީ އިމާމުންކަމަށް ބުނާ ބައެއް މީހުން އަވަދިނެތި ކުރަމުން އެގެންދަނީ އެ މަސައްކަތެވެ. އަދި މީސްތަކުންގެ ތެރެއިން ގިނަ ބައަކުވެސް އެގެންދަނީ އެ މަސައްކަތްކުރަމުންނެވެ.

އިސްލާމް ދީނުގައި ހުއްދަ ނޫން ކަންކަން ހުއްދަކުރުމާއި ޤުރްއާނުގައިވާ މަގުން ނޫން ގޮތަކަށް ކުރާ ކޮންމެ ކަމަކީ ދައްޖާލުގެ ބަސް ޤާބުލުކުރަން މީސްތަކުންނަށް ފަސޭހަކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކެވެ. މިސާލަކަށް މިޔުޒިކާއި ނެށުމާއި ފާހިޝް ޢަމަލުތައް އެއްވެސް ބިރެއް ނެތި ކުރުމާއި ޚާއްޞަކޮށް ފައުޅުގައި މީސްތަކުންގެ ކުރިމަތީގައި ކުރުމާއި މިފަދަ ކުރުމާއި މިފަދަ ކޮންމެ ކަމަކީވެސް މިބުނިފަދައިން ކުރެވޭ މަސައްކަތެވެ.

މިއަދުގެ ޙާލަތަކީ މިޔޒިކް ޝޯއެއްގައި ނަމަ ކުރާ ކޮންމެ ކަމަކީ އެއްވެސް މީހަކު ކަންބޮޑުވާ ކަމެއް ނޫނެވެ. ފިލްމެއްގައި ފެންނަ އެއްވެސް ކަމަކީ ކަންބޮޑުވާ ކަމެއް ނޫނެވެ. މިފަދަ މަންޒަރުތައް ޢާއިލާގެ އެންމެން އެކުގައި ތިބެގެން ބެލުމަކީ ހަމަ ޢާންމު ކަމެކެވެ.

މިކުރެވޭ ކަންކަމުގެ ޙަޤީޤަތަކީ ހަމަ އެއްކަމެކެވެ. އެއީ މުންކަރާތްތަކާއިމެދު މީސްތަކުންގެ ހިތުން ބިރު ކަނޑުވައިލުމެވެ. ﷲ ތަޢާލާގެ އެންގެވުންތަކާއި ދުރަށް ޖެއްސެވުމެވެ. ދައްޖާލު އަރައި ހަދާނެ ބޮޑު ދޮގުތައް އެއީ ތެދުކަން ޤަބޫލުކުރަން މީސްތަކުން ތައްޔާރުކުރުމެވެ. ދައްޖާލު އަރައި ތިމަންނާއީ ޢީސާގެފާނުކަމަށް ބުނެ ހަދާނެ ބޮޑު ދޮގުވެސް އެއީ ތެދުކަން ޤަބޫލުކުރަން މީސްތަކުންގެ ސިކުނޑި ތައްޔާރުކުރުވުމެވެ.

ދައްޖާލު ފުރަތަމަ ބުނާނީ އޭނާއަކީ ޢީސާގެފާނުކަމަށެވެ. އެއަށްފަހު އޭނާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ބައެއް ބާރުތަކުގެ ބޭނުންކޮށް މީސްތަކުން މަގުފުރައްދާނެއެވެ. އެއިގެ ދުވަސްކޮޅެއްފަހުން އޭނާއަކީ ކަލާނގެކަމަށް ބުނާނެއެވެ. އެއިރު މީސްތަކުން ތިބޭނީ ދައްޖާލު ދެއްކި ކަންކަމުގެ ސަބަބުން އޭނާ ބުނާ ކޮންމެ ވާހަކައެއް ޤަބޫލުކުރަން ތައްޔާރުވެގެންނެވެ.

ދައްޖާލަށް ދުނިޔޭގައި އުޅެވޭނީ 40 ދުވަހުއެވެ. ޢީސާގެފާނު ފައިބާވަޑައިގެން އޭނާ މަރުއްވަވާނެއެވެ. މިޢްރާޖްގެ ދަތުރުފުޅުގައި ޢީސާގެފާނާއި ދައްޖާލު އެކުއެކުގައި ރަސޫލާ ﷺ އަށް ދެއްކެވިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

މީސްތަކުންނޭވެ! މިއަދު މުޅި ދުނިޔެހެން ތައްޔާރުވަމުން މިދަނީ ދައްޖާލުގެ ފިތުނަ ޤަބޫލުކުރުމަށެވެ. އެމީހެއްގެ ސަލާމަތްކަން ހޯދުމަކީ އެމީހެއްގެ ކަމެކެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން