ސިޙުރަށް ސަމާލުކަން އިތުރުކުރޭ!: ސިޙުރުވެރިން ގިނަވެ މިހާރު ތިބެނީ ކަހީނުންގެ ސިފައަކަށް ނޫން! ސިޙުރުހަދާ މީހުންނާ ސިޙުރު ހައްދުވަންދާ މީހުންވެސް ކޯޓުފަޓުލޫނުގަ އެބަތިބޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ސިޙުރަށް ސަމާލުކަން އިތުރުކުރޭ!: ސިޙުރުވެރިން ގިނަވެ މިހާރު ތިބެނީ ކަހީނުންގެ ސިފައަކަށް ނޫން! ސިޙުރުހަދާ މީހުންނާ ސިޙުރު ހައްދުވަންދާ މީހުންވެސް ކޯޓުފަޓުލޫނުގަ އެބަތިބޭ!

ކުރީ ޒަމާނުގައި ސިޙުރު ހަދައި އުޅުނީވެސް އެމީހުންގެ ގާތަށް ގޮސް ސިޙުރު ހައްދުވަނީވެސް ވަރަށް ނުބައިކަން ބޮޑު ކަމަށް މަޝްހޫރު މީހުންނެވެ. އެއިން މީހަކު ފެނުނަސް ބައްދަލުކުރަންވެސް ބިރުގަންނާނެއެވެ. އެހެންވެ ފިލަންވެސް ދުވާނެއެވެ.

ނަމަވެސް އެކަން މިއަދު މިއޮތީ ބަދަލުވެފައެވެ. ސިޙުރު ހަދާމީހުން އެކަންކުރަނީ ކަހީނުންގެ ސިފައިގައި ތިބެގެނެއް ނޫނެވެ. ޓައީ އަޅައި ކޯޓުފަޓުލޫނުލައިގެން ތިބެވެސް އެކަން ކުރަނީއެވެ. ހަމަ އެގޮތަށް ސިޙުރު ހައްދުވަންދާ މީހުންވެސް ކޯޓުފަޓުލޫނުލައިގެން އެބަ ތިބެއެވެ. ވީމާ ތިމާއަށް ސިޙުރުގެ އުނދަގޫ މިއައީ ކާކުގެ ފަރާތުން ކޮން ގޮތަކަށްކަން ދެނެގަތުމަކީ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ.

މީސްތަކުންގެ ނުބައިކަން ބޮޑުވެ ސިޙުރާއި އެސްފީނާގެ އުނދަގޫތައް ޢާންމުވަމުން އަންނައިރު ގިނަ ބައަކު މިކުރާ ކަމަކީ ކޮންމެވެސް މީހަކު ކުށްވެރިކޮށްފައި ވާހަކަ ދެއްކުމެވެ. ތިމާގެ އަމިއްލަ އިހްމާލު އެކަމުގައި އޮތް މިންވަރާއިމެދު ގިނަބައަކު ވިސްނައިވެސް ނުލައެވެ.

ޑޮކްޓަރަކު ތިބާގެ ހަށިގަނޑުގައި މިވެނި ބައްޔެއް އެބަހުރިކަމަށް ބުނެ ބޭހެއް ލިޔެދީފައި ދެއިރުކާން ބުނެފިނަމަ ކިތަންމެ ބޮޑު ހޭދައެއްކޮށްގެންވެސް އެބޭސް ހޯދާނެއެވެ. އަދި ޑޮކްޓަރު އެބުނި ގޮތަށް ބޭސްކާނެއެވެ.

ސިހުރާއި އެސްފީނާއިން ސަލާމަތްވުމަށް އަހަރެމެންނަށް އަންގަވާފައި މިވަނީ ދެއިރު އާޔަތުލްކުރުސި، އިޚްލާޞް، ފަލަޤް، ނާސް، ކިޔެވުމަށެވެ. އެކަންކުރަން އެއްވެސް ޚަރަދެއްވެސް ކުރާކަށް ނުޖެހެއެވެ. 3 ފަހަރު ތަކުރާރުކޮށްލަން ނަގާނީ އެންމެ 2، 3 މިނިޓް އިރެވެ!

ނިކަން ބުނެބަލާށެވެ! އަހަރެމެންނަށް އެކަން އެބަކުރެވޭ ހެއްޔެވެ؟

ތެދެކެވެ. އެކަންކުރާމީހަކަށްވެސް ކަމެއް މެދުވެރިވެދާނެއެވެ. އެއީ އިމްތިޙާންކުރެއްވެވުމަށެވެ. ވިސްނައިލަންޖެހޭ ކަމަކީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ކަންކަން ކުރަމުން ދަނިކޮށް ކަމެއް މެދުވެރިވުމާއި ކިޔަމަންތެރިނުވެ ޣާފިލުވެގެން ހުއްޓައި ކަމެއް މެދުވެރިވުމާއި އެއީ މުޅިން ތަފާތު ދެ ޙާލަތެއް ކަމެވެ.

ސިހުރާއި އެސްފީނާ ޖެހޭނެކަން އެބަ އެނގެއެވެ. އަދި އެކަމުން ރައްކައުތެރިކަން ލިބިގަތުމަށް ކުރަންވީ ކަންތައްވެސް މިއޮތީ އެނގޭށެވެ! ވީމާ އަންގަވާފައިވާ ފަދައިން ޢަމަލުކޮށް ރައްކައުތެރިވެތިބުމަށް އަހުރެން ނަޞޭޙަތްތެރިވަމެވެ.

--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން