ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.070 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތްކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، މިތަކެތި އަތުލައިގަނެފައިވަނީ 2025 މާރިޗް 04 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެންނެވެ. އިތުރަށް ބަލައި ފާސްކުރުމުން، ޕެކޭޖްގެ ތެރެއިން ފެނުނު ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް (Cannabis) އަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނަކީ ޕެކިންއާއެކު ޖުމްލަ 1.070 ކިލޯގްރާމްކަމަށާއި، މިތަކެތީގެ މަގުމަތީ އަގަކީ 856,000 (އަށް ލައްކަ ފަންސާސް ހަ ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން، ޕެކޭޖް ބަލާ ކަސްޓަމްސްއަށް އައި 52 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކުރެވިފައިކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މައްސަލަ އިތުރަށް ތަޙްޤީޤްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ކަސްޓަމްސްއިން ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން