މާލެ ސަރަހައްދުގައި ރޯދަމަހު މުދާ އުފުލޭނެ ގަޑިތަކަށް ބަދަލުގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
މާލެ ސަރަހައްދުގައި ރޯދަމަހު މުދާ އުފުލޭނެ ގަޑިތަކަށް ބަދަލުގެނެސްފި

މާލެ ސަރަހައްދުގައި ރޯދަމަހު މުދާ އުފުލޭނެ ގަޑިތަކަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން މިއަދު ބަދަލުގެނެސްފިއެވެ.

މި ބަދަލާއެކު، މިއަދުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް މާލެ ސަރަހައްދުގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ވަކި ގަޑިތަކެއްގައެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 16:30 އަށެވެ. އަދި ރޭގަނޑު 20:00 އިން ހެނދުނު 8:00 އަށްވެސް މުދާ އުފުލުމުގެ ހުއްދަ ދެވިފައިވެއެވެ. މީގެ އިތުރުން، ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގައިވެސް މުދާ އުފުލޭނީ މި ގަޑިތަކުގައިކަމަށް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.

ވިޔަފާރި އުޞޫލުން މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލުން މަނާ ގަޑިތަކަށްވެސް ބަދަލު ގެނެވިފައިވެއެވެ. މިގޮތުން، މިއަދުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހާ ހަމައަށް އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި ހެނދުނު 8:00 އިން 9:30 އަށް، އަދި ހަވީރު 16:33 އިން ރޭގަނޑު 20:00 އާ ހަމައަށް ބަރު އުޅަނދު ދުއްވުމާއި ގަނޑުކޮށް މުދާ އުފުލުން މަނާކުރެވިފައިވެއެވެ.

އިތުރު މަޢުލޫމާތު ދެއްވަމުން، ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރަމަޟާންމަހުގެ ފަހު 10 ދުވަހުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އާ ހަމައަށް ކަމަށެވެ.

މި ބަދަލުތައް ގެނެވިފައިވަނީ ރޯދަމަހުގެ ޚާއްޞަ ޙާލަތަށް ރިޢާޔަތްކޮށް، މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ޙަރަކާތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މާޙައުލެއް ޤާއިމުކުރުމުގެ މަޤްޞަދުގައި ކަމަށް އެ ވުޒާރާއިން ބަޔާންކުރެއްވިއެވެ. މި ބަދަލުތަކާއެކު، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރިކުރެވި، ރަމަޟާންމަހުގެ ޚާއްޞަ އާދަކާދަތަކަށް އިޙްތިރާމްކުރެވޭނެ ކަމަށް އުއްމީދުކުރެވެއެވެ.

މިއަދު އޮންލައިން