ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އެ ދުވަހަކު ތަރުތީބުވެފައި އޮންނަ ގޮތް އެ ދުވަހެއްގެ ޖަލްސާގައި ހާމަކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައްޔިތުންނަށް ހާމަވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަން ހާމަކުރުމަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާތައް ވަގުތުން ދައްކާއިރު މަޖިލީހުގެ ތަޅުމުން ބެލުންތެރިންނަށް މަދު މެންބަރުންތަކެއް ފެނުމުން، ޖަލްސާއަށް ވަޑައިނުގެން މެންބަރުން މުސާރަ ނަންގަވާކަމަށް ހީވެދާނެ ކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ޖަލްސާ ކުރިއަށްދާ ވަގުތުވެސް ކޮމިޓީ މަސައްކަތްތަކުގައި މެންބަރުން ހަރަކާތްތެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މި ހިނގާގޮތަކީ މިސާލަކަށް މިއަދު އަޅުގަނޑުމެން މަޖިލީހުގެ ތަޅުމުގައި މި ހޭދަކުރީ 1 ގަޑިއިރާ 12ވަރަކަށް މިނެޓް. ބިލުގެ ބަހުސްގެ. މިތަނުން ބިލު ބަލައިގަތުމަށް ނިންމުމާއެކު މިދަނީ ކޮމިޓީއަށް،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އަދި ކޮމިޓީ މަރުހަލާގައި ބިލާ ގުޅޭގޮތުން ދިރާސާކުރަންޖެހޭ ވަރަށް ދިރާސާކޮށް، މައުލޫމާތު ހޯދަންޖެހޭ ފަރާތްތައް ހާޒިރުކޮށް، އެ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، ސަރުކާރުގެ މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުމަށްފަހު ބިލު ކޮމިޓީ މަރުހަލާ ނިމިގެން މަޖިލީހުގެ ތަޅުމަށް އަންނަ ކަމަށާއި، މި މުއްދަތުގައި މެންބަރުން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރަމުންގެންދާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.