ލ. މާވަށު ކައުންސިލުން ވަނީ ލ.ބޮޑުމާބުޅަލިގައި ރައްޔިތުންނަށް ދަތުރުދިއުމަށް ވަކި ސަރަޙައްދެއް ހަމަޖެއްސުމަށް ނިންމާފައެވެ. މި މަޢުލޫމާތު ދައުލަތުގެ މީޑިއާއާް ދެއްވަމުން މާވަށު ކައުންސިލުގެ ރައީސް އަޙްމަދު މޫސާ ވިދާޅުވީ، މި ނިންމުމަކީ ރައްޔިތުންނަށް ބޮޑުމާބުޅަލިގައި ދަތުރުދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަޙްމަދު މޫސާ އިތުރަށް ހާމަކުރެއްވި ގޮތުގައި، ދަތުރުދިއުމުގެ ސަރަޙައްދުގެ އިތުރުން ދަނޑުވެރިކަމާއި ގެރިބަކަރި ގެންގުޅުމަށް ޚާއްސަ ސަރަޙައްދެއް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފައިބަރުގެ މަސައްކަތްތަކަށް ވަކި ސަރަޙައްދެއް ކަނޑައެޅުމަށްވެސް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި އިންވެސްޓަރުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ. މިއީ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށާއި އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށް ފަޅުރަށްތައް ހަވާލުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިހާތަނަށް ސަރުކާރުން ވަނީ 3 ކައުންސިލަކަށް 4 ފަޅުރަށެއް ދޫކޮށްފައެވެ. އޭގެ ތެރޭގައި ލ. މާވަށު ކައުންސިލަށް ދޫކޮށްފައިވާ ބޮޑުމާބުޅަލި ހިމެނެއެވެ. މި ރަށަކީ މާވަށާ އެއްފަޅެއްގައި އޮންނަ ރަށެކެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ލ. މާވަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި މިއީ ރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވެގެންދާނެ ފިޔަވަޅެއް ކަމަށްވެސް ބެލެވެއެވެ.