އެއްވެސް ޝައްކެއް ނެތެވެ. ޝައިޠޯނުންގެ ތެރޭގައި ތިބޭ އެންމެ ނުރައްކާތެރި ބޮޑެތި ޝައިޠޯނުންތައް ﷲ ތަޢާލާ ރަމަޟާންމަހަށް ކަސްތޮޅު އަޅުއްވަވަތެވެ. ސުވާލަކީ އެކަމުގެ ފައިދާ ގިނަބައަކަށް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ފާފަކުރުން ހުއްޓާލައި އަޅުކަންކުރަން ނުފެށިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބަކީ އެމީހުން އެތިބީ ޝައިޠޯނާގެ ކަސްތޮޅުގައި ކަމެވެ. ދެން މިބަލައިލަނީ ޝައިޠޯނާއަށް އެމީހުން ކަސްތޮޅު އެޅުވުނު ސަބަބަށެވެ.
ބަޔާންވެގެންވާ ޢަދުއްވުގެ (އެބަހީ: ޝައިޠާނާގެ) ކިބައިން ރައްކަތެރިކަމަށް އެދުމަށް سُوْرَةُ النَّاس ގައި ވަނީ އަމުރުކުރައްވާފައެވެ. ސުވަރުގެ އެދޭމީހާއަށް އޮތީ ﷲ ތަޢާލާގެ އާޔަތްތަކަށް އަމަލުކުރުމެވެ. މިފަދަ އަމުރުފުޅެއް ކުރައްވަވާފައި އެވަނީ ކީއްވެގެންހެއްޔެވެ؟
އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.
"ހަމަކަށަވަރުން ޝައިޠާނާ، އާދަމުގެ ދަރީންގެ ހިތުގެ ކައިރީގައި ވެއެވެ. ފަހެ، އޭނާ ﷲ ގެ ޛިކުރު ކުރުމުން ފަހަތަށް ޖެހި ފިލައެވެ. އަދި އޭނާ ޣާފިލުވުމުން ވަސްވާސް ދެއެވެ."
އިބްނު ޢައްބާސް رضي الله عنهما ގެ މިބަސްފުޅުން އެނގިގެންދަނީ ޛިކުރުކުރުމަކީ ޝައިޠޯނާ ފައްސައިދޭނެ ބާރެއްކަމެވެ. ޝައިޠޯނާ ކައިރިވިއަނުދިނުމަށް ބޭނުންކުރެވިދާނެ ހަތިޔާރެއް ކަމެވެ! ޝައިޠޯނާ އަބަދުވެސް ވާނީ އަހަރެމެންނަށް ޙަމަލާ ދިނުމުގައެވެ. ދިފާޢުވެވޭނީ ޝައިޠޯނާއަށްވުރެ ކުރިއަށް އަހަރެމެންޖެހި ޝައިޠޯނާއަށް ޙަމަލާދެމުން ގެންދިއުމުންނެވެ.
ފާފަތަކުން ރައްކާތެރިވެވޭހުށީ، ފުރަތަމަވެސް ޝައިޠާނާގެ ވަސްވާސްތަކަށް ފަރުވާތެރިވެ އަދި ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސްދާނެކަމަށް ސަލާމުވެގެންނެވެ.
ޝައިޠޯނާގެ މަޅީގައި ޖެހި ތާށިވެ މިއަދު މީސްތަކުން އެންމެ ގިނައިންކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި ފާހިޝް ޢަމަލުތައް ކުރުމާއި މީހުންނަށް އަނިޔާވެރިވުމާއި މީހުން މެރުންވެސް ހިމެނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ﴾ [الأنعام: 151]
މާނައީ: "އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެ ތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެއިލާހު ތިއަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ، ތިއަބައިމީހުން ވިސްނުމަށްޓަކައެވެ."
ވިސްނަންވީ ކޮން ކަމަކަށް ހެއްޔެވެ؟ އެފަދަ ޢަމަލުތައްކޮށްގެން ނަރަކއަށް ވެއްޓިގަންނަން ޖެހިދާނެ ކަމަށެވެ! ނަރަކައިން ސަލާމަތްވެ ސުވަރުގެ އެދޭމީހާ މިކަންކަމަށް ސަމާލުވުމަށް ﷲ ތަޢާލާ އެވަނީ ވަޞިއްޔަތް ކުރައްވަވައިފައެވެ. ބަލައިނުގަތުމުން ނަރަކައަށް ވަންނަން ޖެހޭ މީހާއަށް ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟
ޚުލާޞާޢަކީ ﷲ ތަޢާލާއަށް ޛިކުރުކުރުކުރުން މަދުކުރާނަމަ އެމީހެއްގެ މައްޗަށް ޝައިޠޯނާ ބާރުގަދަކޮށްލާނެއެވެ. އެއިރުން އެމީހަކަށް ހުންނަން ޖެހޭނީ ޝައިޠޯނާގެ ކަސްތޮޅުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން