އަމީރު މުޢާވިޔާތު 05: މުޢާވިޔަތުގެފާނުގެ ބައްޕާފުޅު އަބޫސުފްޔާނު

ކިޔުމަށް ހޭދަވާނީ 4މ 51ސ
އަމީރު މުޢާވިޔާތު 05: މުޢާވިޔަތުގެފާނުގެ ބައްޕާފުޅު އަބޫސުފްޔާނު

ޢަލީ އިޙްޞާން ފިރާޤް

 

أمير معاوية رضى اللّـه عنــه

އިސްލާމީ ޚިލާފަތު، ރަސްކަމަކަށް ބަދަލުވުމަށްފަހު އެންމެ ފުރަތަމަ ރަސްކަންކުރެއްވި ބޭކަލަކީ معاوية بن أبي سفيان رضى اللّـه عنــه އެވެ. މުޢާވިޔަތުގެފާނަކީ އިސްލާމީ އުއްމަތް ދުށް ރަސްރަސްކަލުންގެ ތެރެއިން އެންމެ ހެޔޮ ރަސްގެފާނެވެ. ޞަޙާބީންގެ ތެރެއިން ރަސްކަންކުރެއްވި ހަމައެކަނި ރަސްކަލަކީވެސް މުޢާވިޔަތުގެފާނެވެ. 

ނަސަބުފުޅު:

އަލްޙާފިޡް އިބްނު ކަޘީރު ލިޔުއްވައިފައިވާ އަލްބިދާޔަތު ވައްނިހާޔަތުގައި މުޢާވިޔަތުގެފާނުގެ ނަސަބުފުޅުގެ ސިލްސިލާ ބަޔާން ކުރައްވައިވަނީ މިދަންނަވާ ފަދައިންނެވެ. مُعَاوِيَةُ بْنُ أَبِي سُفْيَانَ صَخْرُ بْنُ حَرْبِ بْنِ أُمَيَّةَ بْنِ عَبْدِ شَمْسِ بْنِ عَبْدِ مَنَافِ بْنِ قُصَّي އެވެ. އެކަލޭގެފާނަކީ ޤުރައިޝީއެވެ. ނިސްބަތްވެވަޑައިގަންނަވަނީ އުމައްޔަތު ވަންހައަށެވެ. ކުންނިއްޔަތުގެ ނަންފުޅަކީ أَبُو عَبْدِ الرَّحْمَن އެވެ. އެކަލޭގެފާނަށް [މުއުމިނުންގެ މައިފުށުގެ ބޮޑުބޭބެ] ނުވަތަ خَالُ الْمُؤْمِنِين އޭ ކިޔެއެވެ. އެހެނީ އެކަލޭގެފާނުގެ އުޚްތު އުއްމު ޙަބީބާއަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެކެވެ. 

ބަފައިކަލުން:

معاوية بن أبي سفيان رضى اللّـه عنــه ގެ ބަފައިކަލުންގެ ނަންފުޅަކީ އަބޫ ސުފްޔާނެވެ. އެކަލޭގެފާނުގެ ނަސަބުފުޅުގެ ސިލްސިލާއަކީ أَبُو سُفْيَان صخر بْن حرب بن أُمَيَّةُ بن عبد شمس بن عبد مناف الأموي القرشي އެވެ. أَبُو سُفْيَان އުފަންވެވަޑައިގެންނެވީ ފީލުބާގައިގެ މީހުން ގެފުޅު މުގުރަން އައުމުގެ ދިހަ އަހަރު ކުރީންނެވެ. ޖާހިލިއްޔަ ޒަމާނުގައިވެސް އެކަލޭގެފާނަކީ ޤުރައިޝުންގެ އަޝްރާފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. أَبُو سُفْيَان އަކީ ޤުރައިޝުންގެ ތެރޭގައި ހުންނެވި ވަރަށް ބޮޑު ވިޔަފާރިވެރިއެކެވެ. 

ބުނެވޭ ގޮތުގައި ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުންގެ ތެރެއިން އެންމެ ރަނގަޅު ތިން މީހުންގެ ތެރޭގައި  أَبُو سُفْيَان ހިމެނިވަޑައިގަންނަވައެވެ. އަނެއް ދެމީހުންނަކީ عتبة އާއި أبو جهل  އެވެ. 

أَبُو سُفْيَان އިސްލާމްވެވަޑައިގެންނެވީ ހިޖްރައިން އަށްވަނަ އަހަރުގައެވެ. މައްކާ ފަތަޙަ ކުރެއްވި ދުވަހުގައެވެ. އިސްލާމްވެވަޑައިގެންނެވުމަށްފަހު ޙުނައިނު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޙުނައިނު ހަނގުރާމައިން ލިބިވަޑައިގެންނެވި ޣަނީމާގެ ތެރެއިން 100 ޖަމަލު، މާތް ރަސޫލާ صلّى اللّـه عليه وسلّم، أَبُو سُفْيَان އަށް ދެއްވިއެވެ. އަދި 40 އޫޤިއްޔަތުގެ ރަންވެސް ދެއްވިއެވެ.  އޭނާގެ ދެދަރީން ކަމުގައިވާ يَزِيد އާއި معاوية އަށްވެސް ދެއްވިއެވެ. { ابن عبد البر، كتاب الاستيعاب في معرفة الأصحاب}

ޠާއިފުގެ ދުވަހު އަބޫސުފްޔާނުގެ އެއް ލޯފުޅު ޝަހީދުވިއެއެވެ. ޔަރުމޫކު ހަނގުރާމައިގެ ދުވަހުގައި އެކަލޭގެފާނުގެ އަނެއް ލޯފުޅު ޝަހީދުވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ދުވަސްތައް ވޭތު ކުރައްވަމުން ގެންދެވީ ލޯފަންވެފައިވާ ޙާލުކޮޅުގައެވެ. އަބޫސުފްޔާނުގެފާނު އަވަހާރަވި އަހަރަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 31، 32، 33، 34 ވަނަ އަހަރުކަމުގައި ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެއްވީ މުޢާވިޔަތުގެފާނެވެ. އެހެން ރިވާޔަތެއްގައިވަނީ އަމީރުލް މުއުމިނީން ޢުޘްމާނުގެފާނު ކަމަށެވެ.

އަބޫސުފްޔާނު އަވަހާރަވިއިރު އުމުރުފުޅަކީ ކޮބާ ކަމާމެދުގައިވެސް ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. އެއް ރިވާޔެއްގައިވަނީ 88 އަހަރުފުޅުކަމަށެވެ. އަނެއް ރިވާޔެއްގައިވަނީ 92 އަހަރުފުޅު ކަމަށެވެ. ފަސްދާނުވެޑުވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.{ ابن عبد البر، كتاب الاستيعاب في معرفة الأصحاب}

މިއަދު އޮންލައިން