މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް ބޭނުން ނުކުރަން އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް ބޭނުން ނުކުރަން އަންގައިފި

"މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް" ރާއްޖެ އެތެރެ ނުކުރުމަށާއި، އަދި ރާއްޖޭގައި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭ އިން އަންގައިފިއެވެ.

މި ސޯސް މަނާކުރީ މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް އިން ތައްޔާރުކޮށްފައިވާ "މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް"ގައި އެކުލެވިގެންވާ ތަކެތީގެ ތެރޭގައި ބިސް ހިމެނޭތީއެވެ. ނަމަވެސް އެ އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވާތީ، އެ ސޯސް އުފެއްދި ކުންފުނިން އޭގެ ބެޗުތައް ބާޒާރުން ނެގުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.

މި އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކު މެދުވެރިކޮށް ވެސް އެމްއެފްޑީއޭއަށް ވަނީ އަންގާފައެވެ.

އެމްއެފްޑީއޭއިން ބުނީ، ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވުމަކީ މި އުފެއްދުން ބޭނުންކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކަލެއް ދިމާވެދާނެފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސޯސް ރާއްޖެ އެތެރެ ނުކުރުމަށާއި، ރާއްޖޭގައި ނުވިއްކުމަށް އެމްއެފްޑީއޭ އިން މިއަދު ވަނީ އާއްމުކޮށް އަންގާފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން