ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކުރެވޭތީ ކަރަންޓު އިޤްތިޞާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކުރެވޭތީ ކަރަންޓު އިޤްތިޞާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

އިއްޔެ މާލެ ސަރަޙައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކުރެވޭތީ ކަރަންޓު އިޤްތިޞާދު ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ، "މޫސުން ރަނގަޅުވުމާއެކު، ރޯދަމަހު ފުރަތަމަ ފަހަރަށް މިވަނީ މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު 92 މެގަވޮޓް ފަހަނާޅާފައި. ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ. އެހެން ކަމުން ކަރަންޓު އިޤްތިޞާދު ކުރުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކުރަން" މިފަދައިންނެވެ.

ރަމަޟާން މަސް ފެށުނުއިރު މޫސުން ގޯސްވެ ވިއްސާރަކުރަމުންދިޔަނަމަވެސް މޫސުން ރަނގަޅުވެ، ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ވަނީ އަވިދޭން ފަށާފައެވެ. މޫސުން ހޫނުވުމާއެކު އެއާކޮންޑިޝަން ބޭނުންކުރާ މިންވަރު އިތުރުވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބެލެވެއެވެ.

މި ރަމަޟާން މަހުވެސް ކަރަންޓާއި ފެން ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވަނީ ނިންމަވާފައެވެ. ނަމަވެސް، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާއެކު، ރައްޔިތުންގެ ބިލުތައް ބޮޑުވެދާނެކަމަށް ބެލެވޭތީ، ކަރަންޓު އިޤްތިޞާދުކުރުމަށް ސްޓެލްކޯއިން ވަނީ އާންމުންނަށް ގޮވާލާފައެވެ.

މިއަދު އޮންލައިން