ދިރާގަށް "ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް" އެވޯޑު ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ދިރާގަށް "ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް" އެވޯޑު ލިބިއްޖެ

ދިވެހިރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކް ޤާއިމުކޮށްފައިވާ ކުންފުންޏަކީ ދިރާގު ކަމަށް ކަނޑައަޅައި، އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ "ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް" އެވޯޑު ދިރާގަށް ލިބިއްޖެއެވެ.

މި އެވޯޑު ދިރާގާ ހަވާލުކޮށްފައިވަނީ ސްޕެއިންގެ ބާސެލޯނާ ސިޓީގައި މިހާރު ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2025 ގައެވެ. މި ކޮންގްރެސްއަކީ މޯބައިލް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުންތައް ދައްކުވައިދޭ އެންމެ ވަރުގަދަ އެއް ގްލޯބަލް ޕްލެޓްފޯމެވެ.

ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގެންފައިވަނީ ކުންފުނީގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާޢީލް ރަޝީދު އާއި ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރ، މުޙައްމަދު މުސްޢަދެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ސީ.އީ.އޯ އިސްމާޢީލް ރަޝީދު ވިދާޅުވީ، "އޫކްލާއިން ދޭ 'ފާސްޓަސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް' އެވޯޑު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް" ކަމަށެވެ. އަދި މި ކާމިޔާބީން ދައްކުވައިދެނީ "އެންމެ ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިރާގުން އޫކްލާއިން ދޭ "މޯލްޑިވްސް ފާސްޓަސްޓް ނެޓްވޯކް" އެވޯޑު، ވިދިވިދިގެން 3 އަހަރު ހޯދާފައިވާކަމެވެ. މީގެއިތުރުން، ދިރާގަކީ 2019 ވަނަ އަހަރު، ސައުތު އޭޝިއާ އަދި ރާއްޖޭގައި 5ޖީ ޚިދުމަތް ތަޢާރަފުކުރި ފުރަތަމަ ސަރވިސް ޕްރޮވައިޑަރެވެ.

ދިރާގުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާރު ދިރާގުގެ ހަލުވި 5ޖީ ނެޓްވޯކް ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް ފޯރުކޮށްދެވިފައިވެއެވެ. އަދި މި ކާމިޔާބީއިން ދައްކުވައިދެނީ ދިރާގުގެ ޚިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
 

މިއަދު އޮންލައިން