ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހަޅާފައިވާ ޕްލޭނަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ. މި ޕްލޭން ފާސްކޮށްފައިވަނީ މިއަދު މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވުނު ޢަރަބި ލީގުގެ ޣައްޒާއާ ބެހޭ ސަމިޓުގައެވެ.
މިކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ޕްލޭންގެ އަމާޒަކީ ފަލަސްޠީނު އޮތޯރިޓީގެ ވެރިކަމުގެ ދަށުން ޣައްޒާ އަލުން ބިނާކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމުގައި ދެމިތިބެވޭނެ، އަދި ފަލަސްޠީނުގެ މައްސަލައަށް ބާރުލިބޭނެ، ދެމެހެއްޓެނިވި ސުލްޙަވެރި ޙައްލަކަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ މި ޕްލޭނަކީ އިރުމަތީ ޖެރޫސަލަމް ވެރިރަށް ކަމުގައި ހަދައިގެން، 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނު ރައްޔިތުން ކުރާ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.
މި ޕްލޭނަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި، ޣައްޒާގެ މުސްލިމުން ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމުގެ ތަސައްވުރުގެ ބަދަލުގައި އަމަލުކުރުމަށް މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. މި ޕްލޭނަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔާފައިވުމަކީ ފަލަސްޠީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅޭ ސިޔާސަތާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.