ޚާއްބަ އެހީތެރިކަމަށް ބޭނުންވާ ކުއްޖަކަށް ކުރާނެ ފަރުވާއެއް ނެތްނަމަ ފަރުވާ ނުކުރެވުނަސް ހުއްޓާނުލައި ކުރަންޖެހޭނެ ކަމެއް އެބައޮތެވެ، އެއީ ކުއްޖާއަށް ހެޔޮކޮށް ހިތުމާއި ނާއުންމީދުނުވުމާއި ދުޢާކުރުމެވެ.
ޢާއިލާތަކަށް ލިބޭ އެންމެ ބޮޑު ތަކްލީފަކީވެސް އަދި އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ އެއް ސަބަބަކީވެސް ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުއްޖަކު ލިބުމެވެ. އެއީ އެކަންވާނެވެސް ގޮތެވެ. އެކަމުގެ ސަބަބުން އުފުލަންޖެހޭ ތަކްލީފްތައް ބޮޑުވުމުންނެވެ.
އެފަދަ ބެލެނިވެރިންނަށް އޮތީ ވަރަށް އުފާވެރި ޚަބަރެކެވެ. ރަނގަޅަށް އަޑުއަހާށެވެ!
ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުއްޖަކު ލިބިއްޖެނަމަ ބޭސްފަރުވާ ކުރަންވާނެއެވެ. އެކަން އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ބޭސްފަރުވާ ކުރަމުންވެސް ދުޢާކުރަމުން ގެންދާށެވެ. އެއީ ދާއިމީ ބައްޔެއް ނުވަތަ ނުކުޅެދުންތެރިކަމެއް ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާނުލައި ދުޢާކުރަމުން ގެންދާށެވެ!
ހިންމަވައި ދެއްވެވުމާއި ނުދެއްވެވުން ﷲ ތަޢަލާއަށް ވަކީލްކުރާށެވެ! ޔަޤީންކުރަންވީ ކިތަންމެ ބޮޑު ގިލަންވެރިކަމެއް ޖެހިފައިވީނަމަވެސް އެކަމެއް ރަނގަޅުވުމަށް ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ އެކަމެއް ރަނގަޅުވާނެ ކަމެވެ. ހިނގޭ މީހުން ނުހިނގޭ މީހުންނަށް ބަދަލުވެގެންދާއިރު ނުހިނގޭ މީހުން ހިނގޭ މީހުންނަށް ބަދަލުނުވާންވީ ކީއްވެގެންހެއްޔެވެ؟
ދެން އޮތީ އެންމެ އުފާވެރި ޚަބަރެވެ! އެއީ ތިބާ ދުޢާކުރުމުން ދަރިފުޅަށް ހެޔޮ ބަދަލެއް ނައިނަމަވެސް އުންމީދުކަނޑާނުލައި ދުޢާކުރާ މީހުންނަށް ދެއްވަވާ ބޮޑު ނިޢްމަތެވެ. އެނިޢްމަތުގެ މިންވަރު ދުނިޔޭގައި ވަޒަންވެސް ނުކުރެވޭނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އާޚިރަތް ދުވަހު އެނިޢްމަތްތައް ދެއްވެވުމުން އުފަލުން ފޮޅިގެންދާނެއެވެ.
އަދިވެސް ބުނެލާނަމެވެ. ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުއްޖަކު ލިބުނަސް ދެރަވެ މާޔޫސްވެގެން ނުއުޅޭށެވެ. އެއީ ލެއްވެވި ރަޙްމަތެއް ކަމުގައި ދެކޭށެވެ. އެކުއްޖާއަށް ހެޔޮކޮށް ހިތައި ރަނގަޅު ގޮތުގައި ގެންގުޅުމަކީ ތިބާއަށް ސުވަރުގެ ވަދެވޭނެ ސަބަބުކަމުގައިވެސް ވެގެންހިގައިދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން